ޚަބަރު
ގްލޭޝިއަރތައް ނެތިދިއުމުގެ މައްސަލައިގައި އަވަސް ފިޔަވަޅު އަޅަން ޖެހޭ: ނައިބުރައީސް ހުސެއިން

ނައިބު ރައީސް ހުސެއިން މުޙައްމަދު ލަތީފް. ފޮޓޯ: ރައީސް އޮފީސް
ކަނޑުގެ ލޮނުގަނޑު އުފުލުމުގެ މައްސަލައިގައްޔާއި ގްލޭޝިއަރތައް ނެތިދިއުމުގެ މައްސަލައިގައި، ބައިނަލްއަޤުވާމީ ފެންވަރުގައި އަވަސް ފިޔަވަޅުތަކެއް އެޅުމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް ގޮވާލައްވައިފިއެވެ.
"ހައި-ލެވެލް އިންޓަރނޭޝަނަލް ކޮންފަރަންސް އޮން ގްލޭޝިއަރސް ޕްރިޒަރވޭޝަން" ގެ އިފްތިތާޙީ ސެޝަންގައި އިއްވެވި ބަޔާނެއްގައި، ގްލޭޝިއަރތައް ނެތިގެންދާ ހަލުވިދުވެއްޔާއި އެކަމުގެ ސަބަބުން ނިކުންނާނޭ ނަތީޖާތަކަކީ ދިވެހިރާއްޖެއިން އިންތިހާއަށް ކަންބޮޑުވާ ކަންތައްތަކެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ ބަޔާނުގައި، ދިވެހިރާއްޖެއިން މިއަހަރު ހުށަހެޅި ތިންވަނަ ނޭޝަނަލީ ޑިޓަރމައިންޑް ކޮންޓްރިބިއުޝަން (އެން.ޑީ.ސީ) އަކީ ވިލުންތެރިކަމާއި، ލޯ-ކާބަން ތަރައްޤީއަށް މަގުދައްކައިދޭ ގޮތަށް އެކުލަވާލެވިފައިވާ ރިޕޯޓެއްކަން ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން، 2035 ވަނަ އަހަރާ ހަމައަށް ކާބަން ބޭރުކުރާ މިންވަރު 1.52 މިލިޔަން ޓަނަށް މަދުކުރުމަށާއި، 2028 ވަނަ އަހަރު އަންނައިރު ދިވެހިރާއްޖޭގައި އުފައްދާ ހަކަތައިގެ 33 އިންސައްތަ އަކީ އިއާދަކުރަނިވި ވަޞީލަތްތަކުން އުފައްދާ ހަކަތަ ކަމުގައި ހެދުމަށް ސަރުކާރުން ގެންގުޅުއްވާ ޢަޒުމު ތަކުރާރުކުރެއްވިއެވެ.
އެމަނިކުފާނުގެ ބަޔާނުގައި، ކޮޕް-30 ގެ ކުރިން ހުރިހާ ޤައުމަކުންވެސް އެން.ޑީ.ސީ ހުށަހެޅުއްވުމަށާއި، މި މަސައްކަތުގައި ޢަޒުމު ވަރުގަދަކުރައްވައި، ކަމުގެ ހައްސާސްކަން ދަނެގެން، ދެފުށްފެންނަ ގޮތަކަށް މަސައްކަތް ކުރެއްވުމަށް ޤައުމުތަކަށް ގޮވާލެއްވިއެވެ.
މޫސުމަށް އަންނަ ބަދަލުތަކުގެ މައްސަލައިގައި އެދެވޭ ޙައްލުތަކެއް ހޯދަން އެދޭނަމަ، ބައިނަލްއަޤުވާމީ ޢަހުދުތަކަކީ ހަމައެކަނި ރަމްޒީ ކަންތައްތަކަކަށް ވުމުގެ ބަދަލުގައި އެއީ ބަދަލުގެނުވަނިވި އިލްތިޒާމުތަކަކަށް ވާންޖެހޭ ނައިބު
ރައީސް ހުސެއިން މުޙައްމަދު ލަތީފް
ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތަކަށް އަމާޒުކޮށްގެން މޫސުމީ ބަދަލުތަކަށް ޚާއްޞަ ފަންނިއްޔާތާއި ޤާބިލުކަން އިތުރުކުރުމާއި، ދިމާވާ ގޮންޖެހުންތަކުން އަރައިގަތުމަށް ބޭނުންވާ މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގައި ބައިނަލްއަޤުވާމީ އެހީތެރިކަމުގެ މުހިންމުކަންވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ނައިބު އެމަނިކުފާނުގެ ބަޔާން ނިންމަވާލެއްވީ، ގަނޑުފެން ގިރި، ކަނޑުގެ ލޮނުގަނޑު އުފުލުމުގެ މައްސަލައިގައި އެއްބާރުލުން އިތުރުކުރުމަށް ގޮވާލައްވައި، ގްލޭޝިއަރ ނެތިދިއުމުގެ ނުރައްކަލާ ކުރިމަތިލުމުގައި ބައިނަލްއަޤުވާމީ މުޖުތަމަޢާއެކު ގާތުން މަސައްކަތްކުރުމުގައި ދިވެހިރާއްޖެ ދެމިއޮންނާނޭކަމުގެ ޔަޤީންކަން ދެއްވަމުންނެވެ.