ޚަބަރު
ޙައްޖާޖީންގެ އިންތިޒާމުތައް މިފަހަރު ވަނީ އެންމެ މަތީ ފެންވަރުގައި: ރައީސް މުޢިއްޒު

ރައީސް ޑރ މުޙައްމަދު މުޢިއްޒު. ފޮޓޯ: ރައީސް އޮފީސް
ޙައްޖާޖީންގެ އިންތިޒާމުތައް މިފަހަރު ވަނީ އެންމެ މަތީ ފެންވަރުގައި ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މުޢިއްޒު މިހެން ވިދާޅުވީ ރައްޔިތުންނާއި އެކު ޕޮޑްކާސްޓުގެ 7 ވަނަ އެޕިސޯޑުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް މުޢިއްޒުގެ ވާހަކަފުޅުގައި، މައްކާ ރޫޓް އިނީޝިއޭޓިވްގެ ދަށުން ޙައްޖާޖީންނަށް މައްކާއަށް ވަޑައިގަތުމުން އެއާޕޯޓުގައި މަޑުކުރައްވަން ނުޖެހި ސީދާ ހޮޓަލަށް ވަޑައިގެންނެވޭނެ އިންތިޒާމު ހަމަޖެހިފައިވާކަން ފާހަގަކުރެއްވިއެވެ.
އަދި މިނާގައި ތިއްބެވުމަށް ވަރަށް ފެންވަރު ރަނގަޅު އިންތިޒާމުތައް ހަމަޖެހިފައިވާ ކަމަށާއި، މައްކާއިން މަދީނާއަށް ދަތުރުކުރައްވާނީ ހައި ސްޕީޑް ރޭލުގައި ގާތްގަނޑަކަށް 2 ގަޑިއިރުތެރޭގައި ކަމުގައި ވިދާޅުވިއެވެ.
މި އިންތިޒާމުތައް ހަމަޖެހިގެން ގޮސްފައިވަނީ ސަޢޫދީ ސަރުކާރާއި ދިވެހި ސަރުކާރުން ގުޅިގެން ކުރެއްވި މަސައްކަތުގެ ނަތީޖާއެއްގެ ގޮތުންކަމަށް ރައީސް މުޢިއްޒު ފާހަގަކުރެއްވިއެވެ.
"ރާއްޖެއާ ދޭތެރޭގައި ވަރަށް ވަރަށް އިޙްސާންތެރިކޮށް، ވަރަށް ގާތްކޮށް ހިއްތަވަނީ. އެކަމަށްޓަކައި ދިވެހި ރައްޔިތުންގެ ފަރާތުންނާއި، އަޅުގަނޑުގެ އަމިއްލަ ނަމުގައި ސަޢޫދީ ރަސްގެފާނު އަދި ވަލީޢަހުދަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވަން" ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
މީގެއިތުރުން، މިއަހަރު އެމަނިކުފާނުގެ ދެކަނބަލުން ޙައްޖުގެ އަޅުކަން އަދާކުރެއްވުމަށް މައްކާއަށް ވަޑައިގަންނަވާކަން ރައީސް މުޢިއްޒު ހާމަކުރެއްވިއެވެ. އެއީ ސަޢޫދީ ސަރުކާރުގެ ފަރާތުން ދެއްވާ ޚާއްޞަ ދަތުރެއްކަމަށާއި، ދަތުރުގެ ހުރިހާ އިންތިޒާމެއް ހަމަޖައްސަވައި ދެއްވާފައިވަނީ ހިލޭ ރޯޔަލް ކޯޓާއިންކަމަށް ވިދާޅުވިއެވެ.
ޕޮޑްކާސްޓް ނިންމަވާލައްވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ ޙައްޖަށް ފަހު އަންނަ ޢީދުގައިވެސް އުފާފާޅުކުރުމަށް ބާރުއަޅުއްވައި، ދީނީ މިންގަނޑުތަކާ އެއްގޮތަށް އުފާފާޅުކުރެއްވުމަށް ރައްޔިތުންނަށް ނަސޭހަތްތެރިވެވަޑައިގެންފައެވެ.