ޚަބަރު
މުޅި ރާއްޖޭގައި ބަދަހި ގުޅުމެއް އުފެއްދުމުގައި ސްކައުޓުން ދައްކައިދީފައިވަނީ ތާރީފު ހައްޤު ނަމޫނާއެއް: ރައީސް މުޢިއްޒު

ރާއްޖޭގެ ސްކައުޓުން. ފޮޓޯ: ރައީސް އޮފީސް
މުޅި ރާއްޖޭގައި ބަދަހި ގުޅުމެއް އުފެއްދުމުގައި ސްކައުތުން ދައްކައިދީފައިވަނީ ތާރިފު ހައްޤު ނަމޫނާއެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މުޢިއްޒު މިހެން ވިދާޅުވީ ދިވެހިރާއްޖޭގައި ސްކައުޓް ޙަރަކާތް ފެށުނުތާ 69 އަހަރު ފުރުމުގެ މުނާސަބަތުގައި އެކްސްގައި ކުރެއްވެވި ޕޯސްޓެއްގައެވެ.ރައީސް މުޢިއްޒުގެ ޕޯސްޓުގައި ވިދާޅުވީ ދިވެހިރާއްޖޭގައި ސްކައުޓް ޙަރަކާތް ފެށުނުތާ 69 އަހަރު ފުރުމުގެ މުނާސަބަތުގައި، ޤައުމީ ސްކައުޓް ދުވަހުގެ ތަހުނިޔާ މި ޙަރަކާތުގެ އެހާރާއި މިހާރުގެ ޚިދުމަތްތެރީންނަށް އަރިސްކުރައްވާ ކަމަށެވެ.
ޤައުމަށް ދިމާވި ކޮންމެ މުހިންމު ކަމަކު ސްކައުޓުން އަބަދުވެސް ތިބެނީ ތައްޔާރަށް. އިޖްތިމާޢީ އެހީތެރިކަމުގައި، އަދި އެކުވެރިކަމުގެ ޗޭނަކުން މުޅި ރާއްޖޭގައި ބަދަހި ގުޅުމެއް އުފެއްދުމުގައި ސްކައުޓުން ދައްކައިދީފައިވަނީ ތާރީފު ހައްޤު ނަމޫނާއެއް
ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު
ދިވެހިރާއްޖޭގައި ސްކައުޓް ހަރަކާތް ފެށުނީ 1956 ވަނަ އަހަރުގެ މެއި 30 ވަނަ ދުވަހު، މަޖީދިއްޔާ ސްކޫލުގައި ފުރަތަމަ މާލޭ ސްކައުޓް ގްރޫޕް އުފެދުމާއެކުގައެވެ. މި ގްރޫޕް އެންމެ ފުރަތަމަ އަމާޒުކުރެވިފައިއޮތީ ކަބް ސްކައުޓުންނަށެވެ. ނަމަވެސް ފަހުން ސްކައުޓް ސެކްޝަން ފެށިގެންދިޔައެވެ. ދިވެހިރާއްޖޭގެ ސްކައުޓް އެސޯސިއޭޝަން ސަރުކާރުގައި ރަޖިސްޓްރީ ކުރެވުނީވެސް ހަމަ އެ ދުވަހުއެވެ.