ޚަބަރު
އައު ފްލެޓް ލިސްޓެއް ނުނެރޭނެ، ލިސްޓުން އުނިކުރާނީ ޝަރުތު ހަމަނުވާ މީހުން: ވަޒީރު މުއްޠަލިބް

ވަޒީރު މުއްޠަލިބް. ފޮޓޯ: ރައީސް އޮފީސް
އައު ފްލެޓް ލިސްޓެއް ނުނެރޭނެ ކަމަށާއި ކުރިން ނެރެފައިއޮތް ލިސްޓުން އުނިކުރާނީ ޝަރުތު ހަމަނުވާ މީހުން ކަމަށް އިމާރާތްކުރުމާ ގެދޮރިވެރިކަމާ ބިނާރާބެހޭ ވަޒީރު ޢަބްދުﷲ މުއްޠަލިބް ވިދާޅުވެއްެޖެއެވެ.
ވަޒީރު މުއްޠަލިބް މިހެން ވިދާޅުވީ މިއަދު ގެދޮރުވެރިކަމާ ބެހޭ ވުޒާރާއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ގެދޮރުވެރިކަމާ ބެހޭ ވަޒީރު ޑރ. މުއްތަލިބް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވި "ގެދޮރުވެރިޔާ ސްކީމުން ފްލެޓް ލިބޭ ފަރާތްތަކުގެ ފައިނަލް ލިސްޓްގެ ގޮތުގައި ބަލާނީ 15 ނޮވެންބަރު 2023 ގައި އޭރުގެ މިނިސްޓްރީ އޮފް ޕްލޭނިން ހައުސިން އިން ކޮށްފައިވާ އިއުލާނުގައި ފްލެޓް ލިބޭނެ ކަމަށް ކަނޑައަޅާފައިވާ ފަރާތްތައް" ކަމަށެވެ.
އަދި އިތުރު ލިސްޓެއް ފައިނަލް ލިސްޓެއްގެ ގޮތުގައި އެހެން ލިސްޓެއްގެ ގޮތުގައިވެސް ނުނެރޭނެ ކަން ވަޒީރު ފާހަގަކުރެއްވިއެވެ.
ނަމަވެސް، ފްލެޓް ލިސްޓާ ގުޅޭގޮތުން އޭސީސީން އަންގާފައިވާ އެންގުންތަކަށް ރިއާޔަތްކޮށް، ފްލެޓަށް ޝަރުތު ހަމަނުވާ ފަރާތްތައް ލިސްޓުން އުނިކުރެވޭނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.
ވަޒީރު މުއްޠަލިބް އިތުރަށް ހާމަކުރެއްވި ގޮތުގައި، ފްލެޓް ލިސްޓުން ގިނަ ބަޔަކު އުނިވެފައިވަނީ މާލޭގައި 15 އަހަރު ދިރިއުޅުނުކަން ސާބިތުކޮށްދިނުމުގައި ދިމާވި ދަތިތަކުގެ ސަބަބުން ކަމަށެވެ.
ވަޒީރު މުއްޠަލިބް އިތުރަށް ވިދާޅުވި ގޮތުގައި، މާލޭގައި 15 އަހަރު ދިރިއުޅުނުކަން ސާބިތުކޮށްދިނުމުގައި ދިމާވާ ދަތިތަކަށް ހައްލެއް ގެނައުމުގެ ގޮތުން، 2007 ވަނަ އަހަރުގެ ކުރިން މާލޭގައި ދިރިއުޅެފައިވާކަން ލިޔެކިޔުންތަކުން އެނގޭ ފަރާތްތައް ޝަރުތު ހަމަވާ ފަރާތްތަކުގެ ގޮތުގައި ބެލުމަށް ވަނީ ނިންމާފައެވެ.
މި ނިންމުން ނިންމުމުގައި ބަލާފައިވަނީ، ރަށުން މާލެއަށް ހިޖުރަކުރުމަށްފަހު އަލުން އެނބުރި ރަށަށް ދިރިއުޅުން ބަދަލުކުރުމަކީ ވަރަށް މަދުން ހިނގާ ކަމެއް ކަމަށްވާތީއެވެ.
"މީގައި އަޅުގަނޑުމެން ބަލާނީ ވަކި ލިޔުންތަކަކަށް ނޫން. ހުށައަޅާފައިވާ ހުރިހާ ލިޔުންތަކަށް އަޅުގަނޑުމެން ބަލާނަން" ވަޒީރު މުއްތަލިބް ވިދާޅުވިއެވެ.