Ads by Stelco

ޚަބަރު

މޯލްޑިވްސް ނޭޝަނަލް ސަރވިސްއާގުޅޭ މަސައްކަތްތައް ތަންފީޒުކުރާ އިދާރާއަކީ ދިފާޢީ ވުޒާރާ ކަމުގައި ހަމަޖައްސައިފި

މޯލްޑިވްސް ނޭޝަނަލް ސަރވިސްއާގުޅޭ މަސައްކަތްތައް ތަންފީޒުކުރާ އިދާރާއަކީ ދިފާޢީ ވުޒާރާ ކަމުގައި ހަމަޖައްސައިފި

މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްގެ ޕެރޭޑެއް

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

29 މޭ 2025، 04:36

29 މޭ 2025، 04:36

މޯލްޑިވްސް ނޭޝަނަލް ސަރވިސްއާ ގުޅޭ މަސައްކަތްތައް ތަންފީޒުކުރާ އިދާރާއަކީ ދިފާޢީ ވުޒާރާ ކަމުގައި ހަމަޖައްސައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު ވަނީ މޯލްޑިވްސް ނޭޝަނަލް ސަރވިސްއާ ގުޅޭ އެންމެހާ މަސައްކަތްތައް ތަންފީޒުކުރާ އިދާރާއަކީ ދިފާޢީ ވުޒާރާ ކަމުގައި ހަމަޖައްސަވާފައެވެ.

 މިކަން ހަމަޖެއްސެވީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 116 ވަނަ މާއްދާގެ (ހ) އިން ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގަންނަވާ އިޚްތިޔާރުގެ ދަށުންނެވެ.

މި ނިންމެވުމާ ގުޅިގެން މިއަދުން ފެށިގެން މޯލްޑިވްސް ނޭޝަނަލް ސަރވިސްއާ ގުޅޭ 10 މައިގަނޑު މަސައްކަތެއް ވަނީ ދިފާޢީ ވުޒާރާގެ މަސައްކަތްތަކުގެ ލިސްޓަށް އިތުރުކުރައްވާފައެވެ. މީގެ ތެރޭގައި ނޭޝަނަލް ސަރވިސްއާ ގުޅޭ އުސޫލުތައް އެކުލަވާލުމާއި، މީހުން އެންރޯލްކުރުމާއި، ތަމްރީނު ޕްރޮގްރާމްތައް ހިންގުން ހިމެނެއެވެ.

ދިފާޢީ ވުޒާރާއިން މިހާރު ބަލަހައްޓަވަމުން ގެންދަވާނެ މަސައްކަތްތަކުގެ ތެރޭގައި ނޭޝަނަލް ސަރވިސްގެ މެންބަރުންގެ އެކްޓިވް ސަރވިސް މުއްދަތު ބެލެހެއްޓުމާއި، ރިޒާވް މެންބަރުންގެ ގޮތުގައި ރަޖިސްޓަރީކުރުމުގެ އިންތިޒާމުތައް ހަމަޖެއްސުން ވެސް ހިމެނެއެވެ. އަދި ޤައުމީ ޚިދުމަތަށް މެންބަރުން ނެރެންޖެހޭ ހާލަތްތަކުގައި އެކަމާ ގުޅޭ އެންމެހާ އިދާރީ މަސައްކަތްތައް ވެސް ބަލަހައްޓާނީ މި ވުޒާރާއިންނެވެ.

މީގެއިތުރުން، ނޭޝަނަލް ސަރވިސްގެ ނިޒާމު ހިންގުމަށް ބޭނުންވާ ބަޖެޓު އެކުލަވާލުމާއި، ވަސީލަތްތަކާއި އާލާތްތައް ހޯދުމާއި، މެންބަރުންގެ އިނާޔަތްތަކާ ގުޅޭ ކަންކަން ބެލެހެއްޓުމުގެ ޒިންމާ ވެސް އޮންނާނީ ދިފާޢީ ވުޒާރާގެ ދަށުގައެވެ. އަދި މި ނިޒާމު އިތުރަށް ހަރުދަނާކޮށް ތަރައްޤީކުރުމަށް ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ވެސް ކުރިއަށް ގެންދާނީ މި ވުޒާރާއިންނެވެ.

މި ބަދަލާއެކު މޯލްޑިވްސް ނޭޝަނަލް ސަރވިސްގެ އެންމެހާ މަސައްކަތްތައް އެއް ވުޒާރާއެއްގެ ދަށުން ހިންގުމަށް މަގުފަހިވެގެންދާނެ ކަމަށް ބެލެވެއެވެ. އަދި މިކަމުގެ ސަބަބުން ނޭޝަނަލް ސަރވިސްގެ ޚިދުމަތްތައް އިތުރަށް ހަރުދަނާވެގެންދާނެ ކަމަށް ވެސް ލަފާކުރެވެއެވެ.

 

މި ލިޔުން ކިޔާލުމުން

Ads by MSS