ޚަބަރު
ހުވަހަންދޫ ދަނޑުވެރިކަން ކުރަން ބަޔަކަށް ދީފައި ނުވާކަމަށް ދަނޑުވެރިކަމާ ބެހޭ ވުޒާރާއިން ބުނެފި

ދަނޑުވެރިކަމާބެހޭ ވަޒީރު މަރިޔަމް މާރިޔާ.
ހއ. ހުވަހަންދޫ ދަނޑުވެރިކަމަށް ބަޔަކަށް ދީފައިނުވާކަމަށް ދަނޑުވެރިކަމާއި ދިރޭތަކެއްޗާއި ބެހޭ ވުޒާރާއިން ބުނެފިއެވެ.
އެވުޒާރާއިން މިހެން ބުނީ އެވުޒާރާއިން ނެރުނު ބަޔާނެއްގައެވެ. މި ބަޔާން ނެރެފައިވަނީ ރާއްޖޭގެ ނޫހެއްގައި ޝާއިޢުކޮށްފައިވާ ޚަބަރެއްގައި ހަޤީޤަތާ ޚިލާފު މަޢުލޫމާތު ހިމަނާފައިވާތީ، އެކަމާމެދު ކަންބޮޑުވުން ފާޅުކުރުމުގެ ގޮތުންނެވެ.
އެ ވުޒާރާއިން ބުނެފައިވާ ގޮތުގައި، "ކޭޑީ އެންޓަރޕްރައިސަސް" ނަމަކަށް ކިޔާ ކުންފުންޏަކަށް ހުވަހަންދޫ ދަނޑުވެރިކަމަށް ދީފައިވާކަމަށް ބުނެ ޝާއިޢުކޮށްފައިވާ ޚަބަރަކީ ދޮގު މައުލޫމާތު ހިމެނޭ ޚަބަރެކެވެ.
އެ ވުޒާރާއިން އިތުރަށް ހާމަކޮށްފައިވަނީ އެފަދަ އެއްބަސްވުމެއްގައި ސޮއިކޮށްފައިނުވާ ކަމަށާއި، މިހާތަނަށް ދަނޑުވެރިކަމަށް ރާއްޖޭގެ އެއްވެސް ރަށެއް ދޫކޮށްފައިނުވާ ކަމަށެވެ.
އެޚަބަރުގައި ބުނެފައިވާ ގޮތުން، "އިންޓަގްރޭޓެޑް އެގްރިކަލްޗަރ ޑިވެލޮޕްމަންޓް ޕްރޮޖެކްޓް" ގެ ނަމުގައި ދަނޑުވެރިކަން ކުރުމަށް ހުވަހަންދޫ ދޫކުރި އެއްބަސްވުމުގައި ސޮއިކޮށް ރަށް ހަވާލުކޮށްދެއްވީ ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވަޒީރު ޑރ. މަރްޔަމް މާރިޔާ ކަމަށެވެ.
ނަމަވެސް، އެ ވުޒާރާއިން ބުނެފައިވަނީ މިފަދަ އެއްބަސްވުންތަކުގައި އާންމު އުސޫލުން ސޮއިކުރައްވަނީ ވަޒީރު ނޫން ކަމަށާއި، ވަޒީރު ޑރ. މަރްޔަމް މާރިޔާ އެފަދަ އެއްބަސްވުމެއްގައި ސޮއިކޮށްފައިނުވާ ކަމުގެ ޔަޤީންކަން ދެއްވާކަމަށެވެ.
ހަމަމިއާއިއެކު ޚަބަރުގައި ހިމަނާފައިވާ ފޮޓޯއަކީ، ހއ. ދިއްދޫ ދާއިރާގެ މެންބަރު އަބްދުއްލަޠީފް މުޙައްމަދުގެ އެދިވަޑައިގަތުމަށް ދެއްވި ފުރުސަތުގައި ބޭއްވި ބައްދަލުވުމެއްގެ ތެރެއިން ނަގާފައިވާ ފޮޓޯއެއް ކަމަށް އެ ވުޒާރާއިން ހާމަކޮށްފައިވެއެވެ. މި ބައްދަލުވުމުގައި ކޭޑީ އެންޓަރޕްރައިސަސް ކުންފުނީގެ ފަރާތުން ބައިވެރިވެ، އެ އަތޮޅުގެ ދަނޑުވެރިކަމުގެ ތަރައްޤީއަށް ކުރިއަށްގެންދެވިދާނެ ބައެއް މަސައްކަތްތަކާ ގުޅޭ ޚިޔާލު ހުށަހަޅާފައިވާ ކަމަށް ބުނެފައިވެއެވެ.
ހުވަހަންދޫއަކީ ވަގުތީގޮތުން އެ ރަށް ބެލެހެއްޓުމަށް އެ އަތޮޅުގެ އަތޮޅު ކައުންސިލާ ދަނޑުވެރިކަމާބެހޭ ވުޒާރާއިން ޙަވާލުކޮށްފައިވާ ރަށެކެވެ. އެ ވުޒާރާއިން ރަށްތައް ކުއްޔަށް ދޫކުރަނީ ވަކި ގަވާއިދަކާއި އުސޫލެއްގެ މަތިން ކަމަށާއި، އެފަދަ ނިންމުމެއް ނިންމާނަމަ، އުސޫލުތަކާ ޚިލާފަށް އެއްވެސް ކަމެއް ނުކުރާނެ ކަމުގެ ޔަޤީންކަން ވެސް ދަނޑުވެރިކަމާބެހޭ ވުޒާރާއިން ދީފައިވެއެވެ.
މިފަދަ ޒިންމާދާރުކަން ކުޑަ ގޮތަކަށް މަޢުލޫމާތު ޝާއިޢުކުރުމަކީ ކަންބޮޑުވާންޖެހޭ ކަމެއް ކަމަށް އެ ވުޒާރާއިން ފާހަގަކޮށްފައިވެއެވެ.