Ads by Stelco

ޚަބަރު

ޕޯސްޓުގެ ނަމުގައި ހިންގާ ސްކޭމަކަށް ސަމާލުވުމަށް އިލްތިމާސްކޮށްފި

ޕޯސްޓުގެ ނަމުގައި ހިންގާ ސްކޭމަކަށް ސަމާލުވުމަށް އިލްތިމާސްކޮށްފި

މޯލްޑިވްސް ޕޯސްޓްގެ ނަމުގައި ސްކޭމް ހިންގާތީ ޕޯސްޓް އޮފީހުން ކުރެއްވި އިލްތިމާސް. ފޮޓޯ: ރާއްޖެ އެމްވީ

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

29 މޭ 2025، 11:45

29 މޭ 2025، 11:45

ޕޯސްޓް އޮފީހުގެ ނަމުގައި ކަސްޓަމަރުންގެ ޕެކޭޖުތައް ޑެލިވަރީ ކުރުމަށް އެޑްރެސް ހޯދަން ކަމަށް ބުނެ ސްކޭމެއް ހިންގަމުންދާތީ، ރައްޔިތުން ސަމާލުވުމަށް ޕޯސްޓް އޮފީހުން އިލްތިމާސްކޮށްފިއެވެ.

 މި ސްކޭމް ފެށިފައިވަނީ ގިނަ ބަޔަކު ބޮޑު ޢީދާ ދިމާކޮށް، ޓީމޫ ފަދަ އޮންލައިން ޕްލެޓްފޯމްތަކުން ގަނެފައިވާ ސާމާނު ރާއްޖެއަށް ލިބުން ލަސްވެ، އެކަމުގެ ކަންބޮޑުވުން ފާޅުކުރަމުންދާ ދަނޑިވަޅެއްގައެވެ.

ޕޯސްޓް އޮފީހުން ފޭސްބުކްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ، "އައިޓަމްގެ ޑެލިވަރީ އެޑްރެސް ހޯދުމަށް ޕޯސްޓުން އެއްވެސް ކަސްޓަމަރަކަށް މެސެޖު ނުކުރާނެ" ކަމަށެވެ. 

އަދި ޒާތީ އަދި މާލީ މައުލޫމާތު ރައްކާތެރިކުރުމަށްޓަކައި، އެފަދަ މެސެޖުތަކުގައި ހިމެނޭ ލިންކުތަކަށް ނުފިތުމަށް ވެސް ޕޯސްޓުން އިލްތިމާސްކޮށްފައިވެއެވެ.

ޕޯސްޓުގެ ނަމުގައި ފޮނުވަމުންދާ މެސެޖުގައި ބުނެފައިވަނީ އޯޑަރު ކުރި މީހާގެ ޕެކޭޖު ޑެލިވަރީ ކުރުމަށް ވަރަށް މަސައްކަތް ކޮށްފައިވާ ކަމަށާއި، އެކަމަކު ނުބައި އެޑްރެހެއް ދީފައި އޮތުމުން ޑެލިވަރީ ނުކުރެވުނު ކަމަށެވެ. މީގެ އިތުރުން، މެސެޖު ލިބޭތާ ހަ ގަޑިއިރުގެ ތެރޭގައި ޑެލިވަރީ އެޑްރެސް ރަނގަޅު ކުރުމަށް އަންގައި، އެކަމަށް ޚާއްސަ ލިންކެއް ވެސް ހިމަނާފައިވެއެވެ. އަދި ދީފައިވާ ވަގުތުގެ ތެރޭގައި ޑެލިވަރީ އެޑްރެސް އަޕްޑޭޓް ނުކޮށްފި ނަމަ ފީއެއް ވެސް ނަގާނެ ކަމަށް އެ މެސެޖުގައި ބުނެފައިވެއެވެ.

ޕޯސްޓް އޮފީހުން ވަނީ މިއީ ފޭކް މެސެޖެއް ކަމަށް ކަށަވަރުކޮށްދީ، ހުރިހާ ކަސްޓަމަރުން ވެސް މިކަމަށް ސަމާލުވުމަށް އެދިފައެވެ. 

"މިފަދަ މެސެޖުތަކަށް އިޖާބަ ނުދިނުމަކީ ވަރަށް މުހިންމު ކަމެކެވެ. އަދި ޒާތީ އަދި މާލީ މައުލޫމާތު ހިއްސާކުރުމުގައި ވަރަށް ބޮޑަށް ސަމާލުވާންޖެހޭނެއެވެ،" މިހެން ޕޯސްޓް އޮފީހުގެ ބަޔާނުގައި ބުނެފައިވެއެވެ.

މަކަރާއި ހީލަތުން ފައިސާ ހޯދުމުގެ މައްސަލަތައް އިތުރުވަމުން އަންނައިރު، މީގެ ކުރިން ވެސް ވަނީ ސަރުކާރުގެ އެކި ކުންފުނިތަކުގެ ނަމުގައި މިފަދަ ލިންކްތައް ފޮނުވާފައެވެ. މޯލްޑިވްސް ޕޮލިސް ސަރވިސްއިން ވެސް ދަނީ މިފަދަ ލިންކްތަކަށް ނުފިތުމަށް އާންމުންނަށް އިލްތިމާސްކުރަމުންނެވެ. އޮންލައިން މުއާމަލާތްތަކުގައި ރައްކާތެރިވުމަށާއި، ޝައްކު ހުރި މެސެޖުތަކާއި ލިންކުތަކަށް ސަމާލުވުމަށް ފުލުހުން ގޮވާލައްވާފައިވެއެވެ.

މި ލިޔުން ކިޔާލުމުން

Ads by MSS