ޚަބަރު
ވާނުވާ ބަންދުގައި ތިބި މިހުންގެ ތެރެއިން ޝަރުތު ހަމަވާމީހުން ޓެގް އަޅުވައި ދޫކުރަން ފަށައިފި

އިލެކްޓްރޯނިކް މޮނިޓަރިންގ ޓެގް އަޅުވައިފައި ހުރި މީހެެއް
ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ޝަރީޢަތް ނިމެންދެން ބަންދުގައި ތިބި މީހުންގެ ބަންދަށް ލުއިދިނުމުގެ މަސައްކަތް ފަށައިފި ކަމަށްބުނެފިއެވެ.
މި މަސައްކަތުގެ ދަށުން، އިލެކްޓްރޯނިކް މޮނިޓަރިންގ ޓެގް އެޅުވުމަށްފަހު، ޝަރުތު ހަމަވާ މީހުން މުޖުތަމަޢުގެ ތެރެއަށް ދޫކޮށްލެވޭނެއެވެ.
މި ނިޒާމުގެ ދަށުން ބަންދަށް ލުއި ދެވޭނެ މީހުން ކަނޑައެޅުމުގައި ބަލަނީ ދިވެހި ފުލުހުންގެ ޚިދުމަތުން ތައްޔާރުކުރާ އެސެސްމަންޓަށެވެ. މި އެސެސްމަންޓުގައި އެ މީހަކު މުޖުތަމަޢުގެ ތެރެއަށް ދޫކޮށްލުމުން މުޖުތަމަޢުގެ ސަލާމަތާއި ރައްކާތެރިކަމަށް އޮތް ނުރައްކާ ދެނެގަނެވޭނެއެވެ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް މި އެސެސްމަންޓުތައް ލިބެމުންދާ ވަރަކުން، ބަންދަށް ލުއި ދިނުމުގެ ކަންކަން ކުރިއަށް ގެންދެވޭނެ ކަމަށް އެ އޮފީހުން ބުނެފައިވެއެވެ.
މި މަސައްކަތުގެ ފުރަތަމަ މަރުޙަލާގެ ގޮތުގައި، 28 މޭ 2025 ގެ ނިޔަލަށް، ޝަރީޢަތް ނިމެންދެން ބަންދުގައި ތިބި 2 މީހެއްގެ ބަންދަށް، މޮނިޓަރިންގ ނިޒާމުގެ ތެރެއިން ލުއިދީފައިވާކަމަށް އެ އޮފީހުން ހާމަކޮށްފައިވެއެވެ. އަދި އިތުރު 5 މީހެއްގެ ބަންދަށް ލުއި ދިނުމާ ގުޅޭ އަޑުއެހުންތައް 29 މޭ 2025 ގައި ކޯޓުތަކުގައި ކުރިއަށްދާނެ ކަމަށްވެސް ބުނެފައިވެއެވެ.
ނަމަވެސް، މި ނިޒާމުގެ ދަށުން ހުރިހާ ބާވަތެއްގެ ކުށްތަކަށް ތުހުމަތުކުރެވިފައިވާ މީހުންނަކަށް ލުއެއް ނުދެވޭނެއެވެ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ބުނާ ގޮތުގައި ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމުގެ މައްސަލަތަކާއި، މަރުގެ މައްސަލަތަކާއި، ޓެރަރިޒަމްގެ ބޮޑެތި މައްސަލަތަކާއި، މަސްތުވާތަކެތި ޓްރެފިކްކުރުމުގެ ބޮޑެތި މައްސަލަތަކުގައި ޝަރީޢަތް ނިމެންދެން ބަންދުގައި ތިބި މީހުންގެ ބަންދަށް މި ނިޒާމުގެ ތެރެއިން ލުއި ދިނުމަކަށް އަދި ހަމަޖެހިފައެއް ނުވެއެވެ.
މި މަސައްކަތުގެ ސަބަބުން މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ރިމާންޑު ޖަލުތަކުގެ ޖާގައިގެ ދަތިކަމަށް ކޮންމެވެސް މިންވަރެއްގެ ޙައްލެއް ލިބި، ބަންދުގައި ބައިތިއްބަންޖެހޭ މީހުންނަށް ލިބިދޭ ވަސީލަތްތަކަށް ހެޔޮ ބަދަލެއް ގެނެވޭނެކަމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ދެކެއެވެ. އަދި އެ އޮފީހުގެ އަމާޒަކީ، ޝަރީޢަތް ނިމެންދެން މީހުން ބަންދުކުރުމާގުޅޭ މައްސަލަތަކަށް ވަށާޖެހޭ އަދި ދާއިމީ ޙައްލެއް ގެނައުން ކަމަށްވެސް ބުނެފައިވެއެވެ.