ވިޔަފާރި / ޚަބަރު
ބީއެމްއެލްގެ ޙިއްސާއަކަށް 55 ރުފިޔާ، މިއީ ރެކޯޑު އަދަދެއް

ބީއެމްއެލްގެ އަހަރީ އާންމު ޖަލްސާ، ފޮޓޯ: ބީއެމްއެލް
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ކޮންމެ ޙިއްސާއަކަށް 55 ރުފިޔާ ބެހުމަށް، އެ ބޭންކުގެ އަހަރީ އާންމު ޖަލްސާގައި ނިންމައިފިއެވެ. މިއީ އެ ބޭންކުގެ ތާރީޙުގައި ޙިއްސާއަކަށް އެންމެ ބޮޑު އަދަދެއް ކަނޑައެޅި ފަހަރެވެ.
ބީއެމްއެލްގެ ގިނަ އަދަދެއްގެ ހިއްސާދާރުން ބައިވެރިވެވަޑައިގެންނެވި މި ޖަލްސާގައި ބީއެމްއެލްއިން ހާމަކުރީ، ނިމިގެން ދިޔަ އަހަރަކީ އެ ބޭންކުން މިހާތަނަށް އެންމެ ރަނގަޅު މާލީ ނަތީޖާއެއް ހޯދި އަހަރު ކަމަށެވެ.
އެގޮތުން ބޭންކުން މިދިޔަ އަހަރު 2.8 ބިލިޔަން ރުފިޔާގެ އާމްދަނީ އެއް ހޯދާފައިވާއިރު، ޓެކުހުގެ ގޮތުގައި މިދިޔަ އަހަރު 643 މިލިޔަން ރުފިޔާ ދައްކާފައިވެއެވެ. އަދި ޓެކުހަށް ކެނޑުމަށްފަހު ސާފު ފައިދާގެގޮތުގައި 2.25 ބިލިޔަން ރުފިޔާ ވަނީ ހޯދާފައެވެ. މިއީ ކުރީ އަހަރާއި އަޅާ ބަލާއިރު 8 އިންސައްތަ އިތުރު އަދަދެކެވެ.
ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ބޭންކް އޮފް މޯލްޑިވްސްގެ ސީއީއޯ މުހައްމަދު ޝަރީފް ވިދާޅުވީ، މިކަމުން ދައްކުވައިދެނީ ބޭންކުގެ މުވައްޒަފުންގެ ހިތްވަރުގަދަކަން ކަމަށެވެ. އެގޮތުން، ބޭންކުގެ ހިންގުމުގެ ހަރުދަނާ ކަމާއި ސްޓްބިލިޓީ ވެސް ހާމަކޮށްދޭކަމަށް ވިދާޅުވިއެވެ.
މި އަހަރުގެ ފުރަތަމަ ކުއާޓަރގައި ހިންގުމުގެ ފައިދާގެ ގޮތުގައި 698 މިލިޔަން ރުފިޔާ އަދި ސާފު ފައިދާގެ ގޮތުގައި 497 މިލިޔަން ރުފިޔާ ވަނީ ލިބިފަ. އަދި ފުރަތަމަ ކުއާޓަރގައި ބީއެމްއެލް އިން ފަރުދުންނާއި ވިޔަފާރިތަކަށް އަލަށް 1.7 ބިލިޔަން ރުފިޔާގެ ލޯނު ދޫކޮށްފައިވާއިރު މިއީ މިދިޔަ އަހަރުގެ ފުރަތަމަ ކުއާޓަރ އާއި އަޅާބަލާއިރު %72 ގެ ކުރިއެރުމެއް. މި ނަތީޖާތަކަކީ އަޅުގަނޑުމެންގެ ސްޓްރެޓެޖީ ތަންފީޒުކުރުމުގައި ގެންގުޅޭ ހަރުދަނާ އުސޫލާއި ރިސްކު މެނޭޖްކުރުމާއި އަދި ކަސްޓަމަރުން ބޭންކަށް ކުރާ އިތުބާރުގެ ހެއްކެއް.
ޝަރީފް ވިދާޅުވިއެވެ.
ބޭންކުގެ އަހަރީ އާންމު ޖަލްސާގައި ފާސްކުރި ގޮތަށް، ޙިއްސާއަށް ލިބޭ ފައިދާ މިއަދު ޖަމާކުރާނެކަމަށް ބިއެމްއެލްއިން ވަނީ ހާމަކޮށްފައެވެ.