ޚަބަރު
އަށާރަ ރަށެއްގައި ސިއްޙީ ޚިދުމަތްދޭ މަރުކަޒުތައް އިމާރާތް ކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި

އަށާރަ ރަށެއްގައި ސިއްޙީ ޚިދުމަތްދޭ މަރުކަޒުތައް އިމާރާތް ކުރުމުގެ އެއްބަސްވުމުގައި ސޮއިކުރުން ---
އަށާރަ ރަށެއްގައި ސިއްޙީ ޚިދުމަތްދޭ މަރުކަޒުތައް އިމާރާތް ކުރުމުގެ އެއްބަސްވުމުގައި އިއްޔެ ސޮއިކޮށްފިއެވެ.
މިކަމަށްޓަކައި ބޭއްވި ޙާއްސަ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ސިއްޙީ ވަޒީރު އަބްދުالله ނާޛިމް އިބްރާޙިމްއެވެ.
މި ރަސްމިއްޔާތުގައި މަޝްރޫޢުތައް ހަވާލުކޮށްފައި ވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާއި، ފެނަކަ ކޯޕަރޭޝަންގެ އިތުރުން ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ)އާއެވެ.
ސިއްޙީ ވުޒާރާގައި އޮތް މި ރަސްމިއްޔާތުގައި މަޝްރޫޢުތައް ހަވާލުކުރި ކުންފުނިތަކާއި މަޝްރޫޢުތަކުގެ އަދަދުތައް:
- ފެނަކަ ކޯޕަރޭޝަން – 9 ރަށެއްގައި ހެލްތު ފެސިލިޓީ ތަރައްޤީކުރުމަށް
- އެމްޓީސީސީ – 5 ރަށެއްގައި ހެލްތު ފެސިލިޓީ ތަރައްޤީކުރުމަށް
- އާރުޑީސީ – 12 ރަށެއްގައި ހެލްތު ފެސިލިޓީ ތަރައްޤީކުރުމަށް
މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ވިދާޅުވީ، ޙާއްސަކޮށް އަތޮޅު ތެރޭގައި ސިއްޙީ ކަންކަން ތަރައްޤީ ކުރުމަށް އޮތް އެންމެ ބޮޑު ހުރަހަކީ ސިއްޙީ ޚިދުމަތްދޭ ތަންތަން ބާވެފައި އޮތުމާއި، އެ ތަންތަނުގައި އެކަށީގެންވާ ޖާގަނެތުން ކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އަތޮޅުތެރޭގެ ރަށްރަށަށް ކުރައްވާ ދަތުރުތަކުގައި ރައްޔިތުން އެދޭ އެދުމަކީ ސިއްހީމަރުކަޒުގެ ޖާގަ ނެތުމާ އެ މަރުކަޒުތައް ބާވެފައި ހުންނަ ވާހަކަތައް. ނުވަތަ ހޮސްޕިޓަލްތަކަށް ބަދަލުކޮށްދެއްވާށޭ. އެވާހަކަތައް ރައީސް އަޑުއައްސަވާ. މިކަންބޮޑުވުމަށް ހައްލު ހޯއްދަވައިދެއްވުމަށްޓަކައި ސިޔާސަތުތައް ބައްޓަން ކޮށްފައިވަނީ.
ސިއްޙީ ވަޒީރު ޢަބްދުﷲ ނާޒިމް އިބްރާހިމް ވިދާޅުވިއެވެ.
މީގެ އިތުރުން، މިހާރުވެސް 3 މަރުހަލާއެއްގައި 21 ހޮސްޕިޓަލްއެއްގެ މަސައްކަތް ކުރުމަށް ހަވާލުކޮށްފައިވާ ކަމަށެވެ. އަދި 19 ސިއްޙީ މަރުކަޒު އިމާރާތް ކުރުމުގެ މަސައްކަތާއި 33 ސިއްޙީ މަރުކަޒު އަޕްގްރޭޑް ކުރުމުގެ މަސައްކަތް ކުރުމަށްވެސް ހަވާލުކޮށްފައިވާކަމަށް ވަޒީރު ވިދާޅުވިއެވެ. ހަމައެއާއެކު އަވަސް މުސްތަޤުބަލެއްގައި އިތުރު 21 މަޝްރޫޢެއްގެ މަސައްކަތް ކުރިއަށްގެންދާނެ ބަޔަކު ހޯދުމަށް އިޢުލާންކުރާނެކަން ވަޒީރު ޢަބްދުﷲ ނާޒިމް އިބްރާހިމް ފާހަގަކުރެއްވިއެވެ.
މި އެއްބަސްވުންތަކުގެ ތެރޭގައި ހއ. މުރައިދޫ ހިމެނިފައިވުމާ ގުޅިގެން ބާރަށު ދާއިރާގެ މަޖިލިސް މެންބަރު އިބްރާޙިމް ޝުޖާޢު ވިދާޅުވީ، އެ ރަށުގައި ސިއްޙީ ޙިދުމަތް ރަގަޅު ކުރައްވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ރިޔާސީ ވަޢުދުފުޅުތަކުގެ ތެރޭގައި ހިމެނޭއިރު، އިއްޔެ ސޮއިކުރެވުނު އެއްބަސްވުމަކީ ރައްޔިތުން އެދިވަޑައިގަތް މަސައްކަތުގެ ފެށުން ކަމަށެވެ.
ހއ.މުރައިދޫގެ ލޮބުވެތި ރައްޔިތުން ރިޔާސީ އިންތިޚާބުގެ ކެންޕެއިނަށް ރައީސް ޑރ.މުޙައްމަދު މުޢިއްޒު މުރައިދޫއަށް ވަޑައިގަތުމުން އެދިވަޑައިގަތީ ސިއްޚީ ނިޒާމް ހަރުދަނާ ކޮށްދެއްވުމަށެވެ.ރަށުގައި ތިބެގެން ރަގަޅު ސިއްޚީ ފަރުވާ ލިބޭނެގޮތް ރައީސްގެ ޒަޢާމަތެއްގައި އިންތިޒާމް ކޮށްދެއްވުމަށެވެ.މިރޭ މިފެށިގެންދިޔައީ ހއ.މުރައިދޫ ސިއްޚީ ނިޒާމު ހަރުދަނާކުރުމަށް ރައްޔިތުން އެދިވަޑައިގެންނެވި މަސައްކަތުގެ ފެށުމެވެ. މެންބަރު ޝުޖާޢު ވިދާޅުވިއެވެ.