ޚަބަރު
މޫސުން ގޯސްވެދާނެތީ ރާއްޖޭގެ ބޮޑުބަޔަކަށް ހުދު ސަމާލު ނެރެފި

ރާއްޖެއަށް ކަނޑު ގަދަ ދުވަހެއް. ފޮޓޯ: އިންޓަރނެޓް
މޫސުން ގޯސްވެދާނެތީ ރާއްޖޭގެ ބޮޑުބަޔަކަށް ހުދު ސަމާލުނެރެފިއެވެ.
މޫސުމާ ބެހޭ ޤައުމީ އިދާރާއިން މިއަދު ނެރުނު ހުދު ސަމާޅުގައި ބުނެފައިވަނީ، ރާއްޖޭގެ ބޮޑު ބަޔަކަށް ވައި ބާރުވެ ކަނޑުތައް ގަދަވާނެކަމަށެވެ.
މި ސަމާލު ނެރެފައިވަނީ ހއ. އަތޮޅުން ފެށިގެން ވ. އަތޮޅު ހިމެނޭ ސަރަހައްދަށް މިރޭ 20:00 ޖެހުމާ ހަމައަށެވެ.
މޫސުމާ ބެހޭ ޤައުމީ އިދާރާއިން މައުލޫމާތު ދެއްވާފައިވާ ގޮތުގައި، މި ގަޑިތަކުގައި ގަޑިއަކު 19 މޭލާއި 24 މޭލުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށް ލަފާކުރެވެއެވެ. މީގެ އިތުރުން ކަނޑުތައްވެސް ގަދަވާނެ ކަމަށް އެ އިދާރާއިން ވަނީ އަންގާފައެވެ.
ރާއްޖޭގެ ސަރަހައްދުގައި ހުޅަނގު މޫސުމުގެ ބާރު ގަދަވާނެކަމަށް ބެލެވޭތީ، ރާއްޖޭގެ އެކި ހިސާބުތަކަށް މޫސުން ގޯސްވާނެކަމަށް އެ އިދާރާއިން ވަނީ އިންޒާރު ދީފައެވެ. އަދި ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށާއި، ދަތުރަށް ނިކުތުމުގެ ކުރިން ދުރާލާ މޫސުން އޮތްގޮތް ބެލުމަށް އިލްތިމާސްކޮށްފައިވެއެވެ.
މި ވަގުތު ރާއްޖޭގެ އެކި ސަރަހައްދުތަކަށް ވާރޭވެހެމުންދާއިރު، މޫސުމާ ބެހޭ އިދާރާއިން ހާމަކުރި މައުލޫމާތުތަކުން ދައްކާ ގޮތުގައި ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި އެންމެ ގިނައިން ވާރޭވެހިފައިވަނީ ސ. ހުޅުމީދޫއަށެވެ. އެއީ 27.4 މިލިމީޓަރުގެ ވާރެއެކެވެ.
މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވަނީ ކަނޑުދަތުރުފަތުރު ކުރާއިރު ރައްކާތެރިކަމުގެ އެންމެހާ ފިޔަވަޅުތައް އެޅުމަށާއި، މޫސުމަށް އަންނަ ބަދަލުތަކަށް ސަމާލުވެ ތިބުމަށް އާންމުންނަށް އިލްތިމާސްކޮށްފައެވެ.