ޚަބަރު
ނޭޕާލްގެ ބޮޑުވަޒީރަށާއި ރައީސަށް ރައީސުލްޖުމްހޫރިއްޔާ ތަހުނިޔާ ފޮނުއްވައިފި

ރައީސް މުޢިއްޒު ނޭޕާލްގެ ރައީސް ރާމްޗަންދްރަ އާއިއެކު. ފޮޓޯ: ރައީސް އޮފީސް
ހުލާސާ
ނޭޕާލްގެ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި އެޤައުމުގެ ރައީސް ރާމްޗަންދްރާ ޕައުޑެލްއަށާއި ބޮޑުވަޒީރު ކޭ.ޕީ ޝަރުމާ އޮލީއަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތަހުނިޔާ ވިދާޅުވެއްޖެއެވެ.
ސޯޝަލް މީޑިއާގައި ހިއްސާ ކުރެއްވި މެސެޖެއްގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވަނީ، ނޭޕާލްގައި މިއަދު ފާހަގަކުރަމުންދާ ޖުމްހޫރީ ދުވަހަކީ، އެކި ނަސްލުތަކާއެކުވެސް އެޤައުމުގެ ރައްޔިތުން ދައްކާފައިވާ ނަމޫނާއާއި އެއްބައިވަންތަކަން ފާހަގަކުރާ ދުވަހެއްކަމަށެވެ. އަދި މިދުވަހުގެ ތަހުނިޔާ ނޭޕާލްގެ ރައީސާއި ބޮޑުވަޒީރަށާއި އެޤައުމުގެ ރައްޔިތުންނަށް އެމަނިކުފާނު ވަނީ ފޮނުއްވާފައެވެ.
ރައީސުލްޖުމްހޫރިއްޔާގެ މެސެޖްގައި، ނޭޕާލުގައި ހަމަޖެހުން ޤާއިމުވެ އޮތުމަށާއި ފާގަތި މުސްތަޤުބަލަކަށް އެދިވަޑައިގެންފައިވާއިރު، ރާއްޖެއާއި ނޭޕާލާއި ދެމެދު އޮންނަ ގާތްގުޅުން އިތުރަށް ބަދަހިވެ، ދެޤައުމުގެ ރައްޔިތުންނަށްވެސް އޭގެ ފައިދާތައްވުމަށް އެދިވަޑައިގަންނަވާކަމަށް ވިދާޅުވެފައިވެއެވެ.
ރާއްޖެއާއި ނޭޕާލާއި ދެމެދު ސިޔާސީ ގުޅުން ޤާއިމުކުރެވުނީ 1980 ވަނަ އަހަރުގެ އޯގަސްޓް 1 ވަނަ ދުވަހުއެވެ. މިވީ 45 އަހަރުގެ ތެރޭގައި ނޭޕާލުންވަނީ ރާއްޖޭގެ ތަރައްޤީއަށް އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދީފައެވެ. ވަކިން ޚާއްސަކޮށް ސިއްޙީ ދާއިރާއިން ޑޮކްޓަރުން ތަމްރީނުކުރުމަށާއި ސްޕެޝަލައިޒްވުމުގެ ގިނަ ފުރުސަތުތަކެއް މިމުއްދަތުގެ ތެރޭގައި ދިވެހިންނަށް ލިބިފައިވެއެވެ.