ޚަބަރު
މުޝްފިގުގެ މަރު ސާބިތުކުރުމުގެ މައްސަލަ ކޯޓުން ބޭރުކޮށްލައިފި

އަލީ މުޝްފިގު ޝަރީފު، ފޮޓޯ: އިންޓަރނެޓް
މިދިޔަ އެޕްރީލް މަހުގެ 2 ވަނަ ދުވަހު "ހޮޅުދޫ ބޯޓު"ގައި ހިނގި އަލިފާނުގެ ހާދިސާއަށްފަހު ގެއްލިފައިވާ ޢަލީ މުޝްފިގު މުޙައްމަދު ޝަރީފްގެ މަރު ސާބިތުކުރުމަށް ލ. މާވަށު ކޯޓަށް ހުށަހެޅި މައްސަލަ އެ ކޯޓުން ބޭރުކޮށްލައިފިއެވެ.
މާވަށު ކޯޓުން މުޝްފިގުގެ މަރުގެ މައްސަލަ ބޭރުކޮށްލީ، މަރު ސާބިތުނުވާކަމަށް ނިންމުމަށްފަހު މިދިޔަ ހޯމަ ދުވަހުއެވެ.
ލ. މާވަށަށް އުފަން މުޝްފިގު ގެއްލުނު އަލިފާނުގެ ހާދިސާ ހިނގީ، "ހޮޅުދޫ ބޯޓު"ގައި ތ. އަތޮޅުން މާލެއަށް ދިއުމަށް އޭނާކުރި ދަތުރުގައެވެ.
މުޝްފިގު ހޯދުމަށް ކުރި މަސައްކަތުން އޭނާ ނުފެނުމުން، ހާދިސާއަށް ހަފްތާއެއް ފަހުން އޭނާގެ މައްޗަށް ކަށު ނަމާދުކުރަން ނިންމިއެވެ. ނަމަވެސް ޝަރީއަތުން މަރު ސާބިތުކުރަން ޖެހޭނެކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު، ޑރ. ޝަޙީމް ޢަލީ ސަޢީދު ވިދާޅުވުމާ ގުޅިގެން، މުޝްފިގުގެ އާއިލާއާ ވާހަކަ ދައްކައިގެން އޭރު ވަނީ ކަށު ނަމާދު މަޑުޖައްސާލާފައެވެ.
ކޯޓުގައި މައްސަލަ އޮންނަތާ މަހެއްހާ ދުވަސް ފަހުން ކޯޓުން މައްސަލަ ބޭރުކޮށްލަން ނިންމީ މުޝްފިގު ހޯދުމުގެ މަސައްކަތް ހުއްޓާނުލައި ކުރިޔަށްގެންދާކަމަށް އެމްއެންޑީއެފްއިން ބުނެފައިވާތީއެވެ.
ކޯޓުގެ ނިންމުމުގައި ބުނެފައިވަނީ، މުޝްފިގު ހޯދުމުގެ މަސައްކަތް ކުރިޔަށްގެންދާކަމަށް އެމްއެންޑީއެފްއިން ބުނެފައިވާކަމަށާއި، އެހެންކަމުން އޭނާ ހޯދުމުގެ މަސައްކަތް ކުރިޔަށް ދަނިކޮށް އޭނާ މަރުވެފައިވާކަން ނިންމުމަކީ އެކަމުގައި އެންމެ މަސްލަހަތު ހުރިގޮތްކަމަށް ނުފެންނަ ކަމަށެވެ.