ވިޔަފާރި / ޚަބަރު
ދިވެހި އުފެއްދުންތައް ބައިނަލްއަޤްވާމީ މާކެޓަށް ނެރުމަށް ހުރި ގޮންޖެހުންތައް ދެނެގަތުމުގެ މަސައްކަތް ފަށައިފި

ދިވެހި އުފެއްދުންތައް ބައިނަލްއަޤްވާމީ މާކެޓަށް ނެރުމަށް ހުރި ގޮންޖެހުންތައް ދެނެގަތުމުގެ ދިރާސާ ހެދުމުގެ އެއްބަސްވުމުގައި ސޮއިކުރުން، ފޮޓޯ: އިކޮނޮމިކް މިނިސްޓްރީ
ކުދި އަދި މެދު ފަންތީގެ ދިވެހި ވިޔަފާރިތަކުގެ އުފެއްދުންތައް ބައިނަލްއަޤްވާމީ މާކެޓަށް ނެރުމަށް ހުރި ގޮންޖެހުންތައް ދެނެގަތުމުގެ މަސައްކަތް ފަށައިފިއެވެ.
މިކަމަށްޓަކައި، ރާއްޖޭގެ އިޤުތިޞާދީ ހަރަކާތްތައް ރެގިއުލޭޓުކޮށް ފުޅާކުރުމުގެ މަސްއޫލިއްޔަތު މަތިކޮށްފައިވާ އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާބެހޭ ވުޒާރާއާއި ޔޫއެންޑީޕީ ދެމެދު ވަނީ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ. މި އެއްބަސްވުމުގެ ދަށުން ކުރިޔަށްދާނީ ދިވެހިރާއްޖޭގެ ވިޔަފާރިތަކަށް ދުނިޔޭގެ މާކެޓުގައި ކުރިއެރުމަށް ހުރި ގޮންޖެހުންތައް ދެނެގަތުމުގެ މަސައްކަތެވެ.
އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާބެހޭ ވުޒާރާ އާއި ޔޫއެންޑީޕީ ދެމެދު ސޮއިކުރެވުނު އެއްބަސްވުމުގައި، އެ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ވަޒީރު މުހައްމަދު ސަޢީދެވެ. ޔޫއެންޑީޕީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ޔޫއެންޑީޕީން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އެންރީކޯ ގަވޭލިއާއެވެ.
ރާއްޖޭގެ ވިޔަފާރިތަކުގެ ބާވަތްތައް ބައިނަލްއަޤްވާމީ މާކެޓަށް ނެރުމަށް ހުރި ގޮންޖެހުންތަކަށް އިޝާރާތްކުރައްވަމުން އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާއި ބެހޭ ވުޒާރާއިން ވިދާޅުވީ،މިކަމަށް ބޭނުންވާ ޙުއްދަތައް ހޯދުމުގަ އާއި މިކަމާ ގުޅުންހުރި ރެގިއުލޭޓަރީ ކަންކަމާއި އަދި ރެޖިސްޓަރ ކުރުމުގެ އެކި މަރުހަލާތަކުގައި ގޮންޖެހުންތައް އެބަހުރި ކަމަށެވެ. މީގެ ސަބަބުން ބައިނައަޤްވާމި ވެލިއުޗެއިންގައި ރާއްޖޭގެ ވިޔަފާރިތަކަށް ފުރުސަތު ނުލިބޭކަން އިޤްތިޞާދާއި ބެހޭ ވުޒާރާއިން ފާހަގަކުރައްވައެވެ.
ޔޫއެންޑީޕީއާއެކު އޮތް ސޮއިކުރުމުގެ ރަސްމިއްޔާތުގައި އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާބެހޭ ވަޒީރު މުހައްމަދު ސަޢީދު ވިދާޅުވީ، ރާއްޖޭގައި ކްރިއޭޓިވް އިކޮނޮމީއެއް ގާއިމްކޮށް 2030ގެ ކުރިން ރާއްޖޭގެ މުޅި އުފެއްދުންތެރިކަމުގެ %15 ހިއްސާއަކީ ކްރިއޭޓިވް އިންޑަސްޓްރީކަމަށް ހެދުމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ނިންމަވާފައިވާ ކަމަށެވެ.
ގިނަ އަދަދަކަށް މަސް ނުވަތަ ސީފުޑް ބާވަތްތައް އެކްސްޕޯޓް މިކުރަނީ. އޭގެ އިތުރަށް އެކްސްޕޯޓަބަލް ނުވަތަ މާކެޓަށް ނެރެވިދާނޭ ބާވަތްތައް އެބަހުރި ޝައްކެއްވެސް ނެތް. އެހެން ނަމަވެސް އެކަން ކުރުމަށް ހުރަސްތަކެއް އެބަހުރި، އެހެންވީމަ މި ޕްރޮގްރާމުގެ ތެރެއިން އެ ޗެލެންޖެސްތައް އައިޑެންޓިފައިވެ އިތުރަށް ކުރިއަށް ދިއުމުގެ ފުރުސަތު ހުޅުވިގެން ދާނެ. އެހެންވީމަ ރައީސް ޑރ. މުޢިއްޒުގެ ސިޔާސަތައް ބާރު ލިބޭގޮތަށް ޔޫއެންޑީޕީން މި ފެއްޓެވި އިނީޝިއޭޓިވްއަށް އަޅުގަނޑު ވަރަށް ބޮޑަށް މަރުހަބާ ދަންނަވަން.
ވަޒީރު ސައީދު ވިދާޅުވިއެވެ.
މި ރަސްމިއްޔާތުގައި ޔޫއެންޑީޕީން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އެންރިކޯ ގަވޭލިއާ ވިދާޅުވީ، ރާއްޖޭގެ ވިޔަފާރިތަކަށް އޮތް މި ގޮންޖެހުންތައް ދެނެގަތުމުގައި، އ. ދ. ގެ އެހެނިހެން ގުނަވަންތައް ބޭނުންކޮށް މެދުވެރިކޮށް މަސައްކަތްކުރައްވާނެ ކަމަށެވެ. އަދި އިޤްތިޞާދު ސިންދަފާތު ކުރުމުގައި ސަރުކާރުން ކުރަމުންދާ މަސައްކަތަށް އެއްބާރުލުން ދޭނެކަމަށް އޭނާ ވިދާޅުވިއެވެ.