Ads by Stelco

ޚަބަރު

ރާއްޖެއާއި އިންޑިއާ ދެމެދު އޮންނަނީ އިތުބާރުގެމައްޗަށް ބިނާވާ ވަރަށް ގާތް އެކުވެރި ގުޅުމެއް : އިންޑިއާ ސަފީރު

ރާއްޖެއާއި އިންޑިއާ ދެމެދު އޮންނަނީ އިތުބާރުގެމައްޗަށް ބިނާވާ ވަރަށް ގާތް އެކުވެރި ގުޅުމެއް : އިންޑިއާ ސަފީރު

ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޖީ ބާލަސުބްރަމާނިއަން ފޮޓޯ:ޕީއެސްއެމް ނިއުސް

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

27 މޭ 2025، 12:49

27 މޭ 2025، 12:49

ރާއްޖެއާއި އިންޑިއާގެ ގުޅުން ބިނާވެފައިވަނީ ދެ ޤައުމުގެ ދެމެދުގައި އޮތް އިތުބާރާއި ޔަގީންކަމުގެ މައްޗަށް ކަމަށް އިންޑިއާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޖީ ބާލަސުބްރަމާނިއަން ވިދާޅުވެއްޖެއެވެ. ސަފީރު މިހެން ވިދާޅުވީ ޕީއެސްއެމް ނިއުސްއަށް ދެއްވި ޚާއްސަ ބަސްދީގަތުމެއްގައެވެ.

އިންޓަވިއުގައި ސަފީރު ވިދާޅުވީ ރާއްޖެއާއި އިންޑިއާ ދެމެދު އޮންނަނީ ވަރަށް ގާތް އެކުވެރި ގުޅުމެއް ކަމަށެވެ. އަދި ދެ ޤައުމުގެ ދެމެދުގެ ސިޔާސީ ގުޅުންވެސް ވަރަށް ހަރުދަނާ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ. މީގެ އިތުރުން، ދެ ޤައުމުގެ ދެމެދު ސަގާފީގޮތުން އެއްގޮތް ކަންކަން ހުރިކަމާއި އިޤްތިޞާދީ ގުޅުންވެސް ވަރުގަދަ ކަމަށް ސަފީރު ވިދާޅުވިއެވެ.

ރާއްޖޭގެ ތަރައްޤީގައި އިންޑިއާގެ ދައުރާ ބެހޭގޮތުން ވާހަކަދައްކަވަމުން ސަފީރު ވިދާޅުވީ ގްރޭޓަރ މާލެ ކަނެކްޓިވިޓީ މަޝްރޫޢަކީ ފާހަގަކޮށްލެވޭ މަޝްރޫޢެއް ކަމަށެވެ. އޭގެ ތެރެއިން ތިލަފުށި-މާލެ ބްރިޖަކީ މިވަގުތު ކުރިއަށްދާ އެންމެ މުހިންމު އެއް މަޝްރޫޢު ކަމަށާއި، ތާވަލާ އެއްގޮތަށް އެ ބްރިޖުގެ މަސައްކަތް ނިންމާލެވޭނެ ކަމަށް ބެލެވޭ ކަމަށްވެސް ސަފީރު ވިދާޅުވިއެވެ.

މިދިޔަ އަހަރު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިންޑިއާއަށް ކުރެއްވި ދަތުރުފުޅަކީ ދެ ޤައުމުގެ ގުޅުން އިތުރަށް ހަރުދަނާކުރުމަށް ގިނަ މަސައްކަތްތައް ފެށިގެންދިޔަ ތާރީޚީ ދަތުރުފުޅެއް ކަމަށް ސަފީރު ފާހަގަކުރެއކުރެއްވިއެވެ. އެ ދަތުރުފުޅުގައި ސޮއިކުރެވުނު ވިޝަން ޑޮކިއުމަންޓުތައް ހަޤީޤަތަކަށް ހެދުމުގެ މަސައްކަތްތައް މިހާރު ކުރެވެމުންދާ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

އުމްރާނީ ވަސީލަތްތަކުގެ އިތުރުން އިންސާނީ ވަސީލަތްތައްވެސް ހަރުދަނާކުރުމަށް އިންޑިއާއިން އެހީތެރިވަމުން އަންނަކަން ސަފީރު ފާހަގަކުރެއްވިއެވެ. އެގޮތުން، އެކި ދާއިރާތަކުން އިންސާނީ ވަސީލަތްތައް ހަރުދަނާކުރުމަށް 300 ސްކޮލަރޝިޕްގެ ފުރުޞަތު ފަހިކޮށްދެމުންދާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.


ނިންމާލަމުން ސަފީރު ވިދާޅުވީ ކުރިއަށް އޮތްތަނުގައިވެސް އިންޑިއާއާއި ރާއްޖެއާ ދެމެދުގެ ގުޅުން އިތުރަށް ބަދަހިވެގެންދާނެ ކަމަށެވެ.

                    

މި ލިޔުން ކިޔާލުމުން

Ads by MSS