ޚަބަރު
ދިވެހި ޙައްޖުވެރިން މައްކާއާއި މަދީނާ ދޭތެރޭގައި ކުރާ ދަތުރު ހައި-ސްޕީޑް ޓްރެއިންއަށް ބަދަލުކޮށްފި

މައްކާއިން މަދީނާއަށް ދަތުރުކުރުމަށް ބޭނުންކުރާ ބަސް ---
ރާއްޖޭގެ ޙައްޖުވެރިން މައްކާ އަދި މަދީނާއާއި ދޭތެރޭ ކުރާ ދަތުރު ހައި-ސްޕީޑް ޓްރެއިންއަށް ބަދަލުކޮށްފައިވާކަމަށް، ޙައްޖު ކޯޕަރޭޝަން ލިމިޓެޑުގެ މެނޭޖިން ޑިރެކްޓަރ މުޙައްމަދު ޝަކީލް ވިދާޅުވެއްޖެއެވެ.
ސޯޝަލް މިޑިއާގައި ޙިއްސާކުރެއްވި ޕޯސްޓެއްގައި ޝަކީލް ވިދާޅުވީ، މީގެ ކުރިން ޙައްޖުވެރިން މައްކާއަށް ދަތުރުކުރަމުން އައީ ބަހުގައި ކަމަށާއި އެ ދަތުރަށް 8-10 ގަޑިއިރާ ދެމެދުގެ ވަގުތެއް ހޭދަވާ ކަމަށެވެ. ނަމަވެސް ހައި-ސްޕީޑް ޓްރެއިންއަށް މި ދަތުރު ބަދަލުކުރުމާއެކު، ދަތުރުގެ ދިގުމިން 2 ގަޑިއިރަށް ކުރުވެގެންދާނެކަމަށް ޝަކީލް ވަނީ ވިދާޅުވެފައެވެ.

މައްކާއިން މަދީނާއަށް ދަތުރުކުރުމަށް ބޭނުންކުރާ ޓްރެއިންގެ އިކޮނޮމީ ކްލާސް ފެންނަ ފޮޓޯއެއް
ޝަކީލް ވިދާޅުވީ މި ބަދަލު ގެނައުމަށް ނިންމެވީ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ކަމަށާއި، އެހެންކަމުން މި އަހަރުން ފެށިގެން ޙައްޖުވެރިން މައްކާއިން މަދީނާއަށް ދަތުރުކުރާނީ ހައި-ސްޕީޑް ޓްރެއިންގައި ކަމަށެވެ.
މިއާއެކު ދަތުރުގެ ވަގުތު 2 ގަޑިއިރަށް ކުޑަވެގެންދާނެ އަދި ހައްޖުގެ އަޅުކަމަށްފަހު ހައްޖުވެރިންގެ ތަކުލީފުތަކަށް ލިބޭ ބޮޑު ލުޔަކަށް ވެގެންދާނެ.
ޝަކީލް ވިދާޅުވިއެވެ.
މި އަހަރުގެ ޙައްޖުގެ އަޅުކަން އަދާކުރުމަށް ރާއްޖެއިން ފުރި ޙައްޖުވެރިންގެ ފުރަތަމަ ފްލައިޓް ރައްކާތެރި ކަމާއެކު ޖިއްދާ އެއަރޕޯޓަށް ވަނީ ރޭ ޖައްސާފައެވެ. ފުރަތަމަ ފްލައިޓުގައި 235 ޙައްޖުވެރިން ދަތުރުކޮށްފައި ވެއެވެ. ފްލައިޓް ޖިއްދާ އެއަރޕޯޓުގައި ޖެއްސުމާއިއެކު މައްކާގައި ތިބި ޙައްޖު މިޝަންގެ ބޭފުޅުން ވަނީ ޙައްޖާޖީންނަށް ހޫނު މަރުހަބާއެއް ދަންނަވާފައެވެ.
މި އަހަރު ޙައްޖުވެރިންނަށް އޮތް އެންމެ ބޮޑު އެއް ލުޔަކީ މައްކާ ރޫޓް އިނީޝިއޭޓިވްގައި ރާއްޖެ ހިމަނާފައިވުމެވެ. އެއާއެކު ރާއްޖެއިން ޙައްޖަށްދާ ފަރާތްތަކުން ޖިއްދާ އެއަރޕޯޓުގައި ހޭދަކުރަންޖެހޭ ވަގުތު މަދުވާނެއެވެ. މި އިނީޝިއޭޓިވްގެ ދަށުން، ސަޢުދީގެ އިމިގްރޭޝަނުން ފުރިހަމަ ކުރަންޖެހޭ ކަންކަން ޙައްޖުވެރިންވަނީ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގައި ފުރިހަމަކޮށްފައެވެ.