Ads by Stelco

ޚަބަރު

ޓެކްސް ނިޒާމުގެ ހާމަކަން ޤާއިމްކުރުމާ ގުޅޭ ފޯރަމެއް ރާއްޖޭގައި ފަށައިފި

ޓެކްސް ނިޒާމުގެ ހާމަކަން ޤާއިމްކުރުމާ ގުޅޭ ފޯރަމެއް ރާއްޖޭގައި ފަށައިފި

ޓެކްސް ނިޒާމުގެ ހާމަކަން ޤާއިމްކުރުމާ ގުޅޭ ފޯރަމްގެ ތެރެއިން. ފޮޓޯ: މީރާ

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

26 މޭ 2025، 06:15

26 މޭ 2025، 06:15

ޓެކްސް ނިޒާމުގެ ތެރެއިން ޤައުމުތަކުގެ މެދުގައި މަޢުލޫމާތު ބަދަލުކުރުމާއި، ދެފުށްފެންނަ ނިޒާމެއް ޤާއިމްކުރުމާ ގުޅޭ އޭޝިއާ ސަރަހައްދުގެ ޚާއްސަ ފޯރަމެއް މިއަދު ރާއްޖޭގައި ފަށައިފިއެވެ.

މިފޯރަމް ކުރިއަސްދަނީ ވިލާ ނޯޓީކާ ރިސޯޓުގައެވެ.

އޯގަނައިޒޭޝަން ފޯރ އިކޮނޮމިކް ކޯޕަރޭޝަން އެންޑް ޑިވެލޮޕްމެންޓް (އޯއީސީޑީ)ގެ ގްލޯބަލް ފޯރަމް އޮން ޓްރާންސްޕޭރެންސީ އެންޑް އެކްސްޗޭންޖް އޮފް އިންފޮމޭޝަން ފޯ ޓެކްސް ޕާޕަސެސްގެ ދަށުން ކުރިއަށްދާ މި ފޯރަމްގައި އޭޝިއާ ސަރަހައްދުގެ 17 ޤައުމަކުން ބައިވެރިވެއެވެ. މީރާއާ ގުޅިގެން ރާއްޖޭގައި ބޭއްވޭ އޭޝިއާ ސަރަހައްދުގެ 8 ވަނަ ބައްދަލުވުން ކޯޗެއަރ ކުރައްވަނީ ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަން ހަސަން ޒަރީރެވެ.

މި ބައްދަލުވުން ފެށުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވި މާލީ ކަންކަމާއި ތަރައްޤީގެ ރޭވުންތެރިކަމާ ބެހޭ ވަޒީރު މޫސާ ޒަމީރު ވަނީ "ޓެކްސް ޓްރާންސްޕޭރެންސީ އިން އޭޝިއާ" ރިޕޯޓުގެ ތިންވަނަ އަދަދު އިފްތިތާޙުކޮށްދެއްވާފައެވެ.

ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަން ހަސަން ޒަރީރު ވިދާޅުވި ގޮތުގައި ރާއްޖޭގެ ޓެކްސް ނިޒާމަކީ އެހެން ޤައުމުތަކާ އަޅާބަލާއިރު ކުރު މުއްދަތެއްގެ ތެރޭގައި ގިނަ ކުރިއެރުންތަކެއް ހޯދާފައިވާ ނިޒާމެކެވެ. "އަޅުގަނޑުމެންގެ ޤާނޫނުތަކަށް ބަދަލު ގެނެސް، މިހާރު މިހިރީ މަޢުލޫމާތު ބަދަލުކުރެވޭ ލެވެލްއަށް ނިޒާމު ގެނެވިފައި. މީގެ އިތުރުން ރީޖަންގެ އިސް ރޯލެއްގައި ރާއްޖޭގައި ތިބޭތީ އެބަލިބޭ އެހެން ސަރަހައްދުގެ އިނިޝިއޭޓިވްތަކާވެސް މުޢާމަލާތް ކުރުމުގެ ފުރުސަތު،" ޒަރީރު ވިދާޅުވިއެވެ.

އޭޝިއާ އިނީޝިއޭޓިވްގެ ދެވަނަ ކޯޗެއަރ އަދި އަރުމޭނިއާގެ ޓެކްސް އިދާރާގެ ވެރިޔާ އެޑުއާޑް ހަކޮބިއަން ވިދާޅުވި ގޮތުގައި ޓެކްސް ނިޒާމުގެ ތެރެއިން ޤައުމުތަކުގެ މެދުގައި މަޢުލޫމާތު ބަދަލުކުރުން އިތުރުވަމުން އަންނަ އަދި ދެފުށް ފެންނަ ނިޒާމެއް ޤާއިމްކުރުމަށް ޤައުމުތަކުގެ އެއްބާރުލުން ލިބެމުންދެއެވެ.

މި ބައްދަލުވުމުގައި ހާމަކަން ބޮޑު ޓެކްސް ނިޒާމެއް ޤާއިމްކުރުމާ ގުޅޭ ސެޝަންތަކުގެ އިތުރުން، ކްރިޕްޓޯ ކަރަންސީ ޓެކްސް ނިޒާމުގައި ހިމެނުމާ ގުޅޭގޮތުން ޤައުމުތަކުގެ މެދުގައި ޚިޔާލު ބަދަލުކުރުމަށް ވަނީ ހަމަޖެހިފައެވެ. އޭޝިއާ އިނީޝިއޭޓިވްގެ އަހަރީ ބައްދަލުވުން ރާއްޖޭގައި ބޭއްވެނީ މިއީ ފުރަތަމަ ފަހަރެވެ.

 

މި ލިޔުން ކިޔާލުމުން

Ads by MSS