ޚަބަރު
ޤައުމީ އުފެއްދުންތެރިކަން 8.88 ބިލިޔަނަށް ,އެންމެ ބޮޑު ހިއްސާ ފަތުރުވެރިކަމުގެ ދާއިރާއިން

ރާއްޖޭގެ ރިސޯޓެއް ފޮޓޯ:އިންޓަނެޓް
މިއަހަރުގެ މާރިޗު މަހުގެ ނިޔަލަށް ދިވެހިރާއްޖޭގެ ޤައުމީ އުފެއްދުންތެރިކަން (ޖީ.ޑީ.ޕީ) 8.88 ބިލިޔަން ރުފިޔާއަށް އަރައިފައިވާކަމަށް ތަފާސްހިސާބުތަކާ ބެހޭ ޤައުމީ އިދާރާ، މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސްއިން ހާމަކޮށްފިއެވެ. މިއީ ވޭތުވެދިޔަ އަހަރުގެ މާރިޗު މަހާ އަޅާބަލާއިރު 0.4 އިންސައްތައިގެ ކުރިއެރުމެކެވެ.
މި ހަފުތާގައި ޝާއިޢުކުރެވުނު މެއި މަހުގެ މަންތްލީ އިންޑިކޭޓަރސް އޮފް އިކޮނޮމިކް ގްރޯތް (އެމް.އައި.އީ.ޖީ) ރިޕޯޓުގައި ވަނީ ޖަނަވަރީ 2014 އިން ފެށިގެން މާރިޗު 2025 ގެ ނިޔަލަށް އަންދާޒާކުރެވިފައިވާ ޖީ.ޑީ.ޕީ ހިމަނާފައެވެ. މި ރިޕޯޓަކީ ޤައުމުގެ އިޤްތިޞާދަށް އަންނަ ބަދަލުތައް އަވަސް މިނެއްގައި މަހުން މަހަށް ދައްކުވައިދޭ މުހިންމު މިންގަނޑެކެވެ.
ތަފާސްހިސާބުތަކުން ދައްކާގޮތުގައި، ޤައުމީ އުފެއްދުންތެރިކަމަށް އެންމެ ބޮޑު ކުރިއެރުމެއް ގެނެސްދީފައިވަނީ ސަރުކާރުގެ އިދާރީ ކަންކަން ހިންގުމުގެ ދާއިރާއިންނާއި، ގޯތިގެދޮރުގެ ވިޔަފާރީގެ ދާއިރާ (ރިއަލް އެސްޓޭޓް) އަދި ފަތުރުވެރިކަމުގެ ދާއިރާއިންނެވެ. މިއަހަރުގެ މާރިޗު މަހުގެ ޤައުމީ އުފެއްދުންތެރިކަމަށް އެންމެ ބޮޑު ހިއްސާއެއް ކޮށްފައިވަނީ ފަތުރުވެރިކަމުގެ ދާއިރާއިން 24.1 އިންސައްތައާއެކުއެވެ.
މީގެ އިތުރުން، ދަތުރުފަތުރާއި މުއާސަލާތީ ޚިދުމަތްތަކުގެ ދާއިރާއިން 13.1 އިންސައްތަ އަދި ގޯތިގެދޮރުގެ ވިޔަފާރީގެ ދާއިރާއިން 9.0 އިންސައްތަ ހިއްސާކޮށްފައިވާކަން ފާހަގަކުރެވެއެވެ.
މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސްއިން ބުނީ، މަންތްލީ ޖީ.ޑީ.ޑީ.ޕީ ޝާއިޢުކުރެވޭނީ ކޮންމެ މަހެއް ނިމޭތާ 45 ދުވަހުގެ ތެރޭގައި ކަމަށެވެ. މި ތަފާސްހިސާބުތަކަކީ ޤައުމުގެ ސިޔާސަތުތައް ބައްޓަންކުރުމަށާއި ދިރާސާކުރާ ފަރާތްތަކަށް ބޭނުންވާ އިޤްތިޞާދީ މުހިންމު މަޢުލޫމާތު އަވަސް މިނެއްގައި ފޯރުކޮށްދޭ ވަަސީލަތެކެވެ.