ޚަބަރު
މައްކާ ރޫޓު އިފްތިތާޙް ކުރުމުގެ ތާރީޚީ ޖަލްސާއަށް މައްކާ ރޫޓް އިނިޝިއޭޓިވް ކޮމިޓީގެ ޗެއާމަން ރާއްޖެ ވަޑައިގަންނަވައިފި

މައްކާ ރޫޓް އިނީޝިއޭޓިވް ކޮމިޓީގެ ޗެއާމަން ރާއްޖެ ވަޑައިގަތުން. ފޮޓޯ: އިސްލާމީ ވުޒާރާ
މައްކާ ރޫޓު އިފްތިތާޙް ކުރުމުގެ ތާރީޚީ ޖަލްސާއަށް މައްކާ ރޫޓް އިނިޝިއޭޓިވް ކޮމިޓީގެ ޗެއާމަން ރާއްޖެ ވަޑައިގަންނަވައިފިއެވެ.
ދިވެހި ޙައްޖުވެރިންނަށް މައްކާ ރޫޓު އިނީޝިއޭޓިވް އިފްތިތާޙްކުރުމަށް މިއަދު ބޭއްވުމަށް ހަމަޖެހިފައިވާ ޚާއްސަ ރަސްމިއްޔާތަށް މައްކާ ރޫޓް އިނިޝިއޭޓިވް ކޮމިޓީގެ ޗެއާމަން އަދި ސައޫދީ ދާޚިލީ ވަޒީރުގެ އެޑްވައިޒަރު ލެފްޓިނެންޓް ޖެނެރަލް ހިޒް އެކެސެލެންސީ ސުލައިމާން ބިން އަބްދުލްއަޒީޒު އަލްޔަޙްޔާ ރޭ ރާއްޖެ ވަޑައިގަތުމުން، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި މަރުޙަބާ ދެންނެވީ އިސްލާމީކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދާއި ރާއްޖޭގައި ހުންނަ ސަޢުދީ އެމްބަސީގެ އިސްވެރިންނެވެ.
އެމަނިކުފާނާއެކު ވަޑައިގެންނެވި ވަފުދުގައި ސަޢުދީ ޢަރަބިއްޔާގެ ފޮރިން އެފެއާޒް މިނިސްޓްރީގެ ޙައްޖު، އުމްރާ އަދި އެންޑޯސްމެންޓް ޑިޕާޓުމެންޓުގެ ޑިރެކްޓަރ ޖެނެރަލް ހިޒް އެކްސެލެންސީ މޭޖާ ޖެނެރަލް އަބްދުލްމުއްނިމް ބިން ޢަބްދުލް ރަޙްމާން އަލް މަޙްމޫދުގެ އިތުރުން މައްކާ ރޫޓު އިނީޝިއޭޓިވް ސްޓީރިންގ ކޮމިޓީގެ ސެކްރެޓަރީ ޖެނެރަލް މޭޖާ މުޙައްމަދު ބިން ނަސީރް އަލް ޙައްލާފް ހިމެނިވަޑައިގަންނަވައެވެ.
ފާހަގަކޮށްލެވޭ ގޮތުގައި މައްކާ ރޫޓު އިނީޝިއޭޓިވްގައި ދިވެހިރާއްޖެ ހިމެނުއްވާފައިވަނީ ސަޢުދީ ރަސްގެފާނު ސަލްމާން ބިން ޢަބްދުލްޢަޒީޒްގެ ޚާއްސަ އިރުޝާދުގެ ދަށުން، މިކަމުގައި ޤައުމުތައް ކަނޑައެޅުއްވުމަށް ނިންމަވާފައިވާ ހުރިހާ ޝަރުތުތަކަކުން ރާއްޖެ އިސްތިސްނާކޮށް، ޚާއްސަ އިނާޔަތެއްގެ ގޮތުގައެވެ.
މައްކާ ރޫޓު އިނީޝިއޭޓިވް ރަސްމީކޮށް އިފްތިތާޙް ކުރުމަށް މާދަމާ މެންދުރު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ބޭއްވުމަށް ހަމަޖެހިފައިވާ ޚާއްސަ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ދެކަނބަލުންނެވެ. މިއީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ އިރުޝާދާއެކު ދިވެހި ޙައްޖުވެރިންނަށް ދެމުންދާ ޚިދުމަތްތައް ފަސޭހަ ކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކަށް ލިބުނު ބޮޑު ކުރިއެރުމެއްކަން ފާހަގަކޮށްލެވެއެވެ.