ޚަބަރު
ދިގު މުއްދަތަކަށް ޖަލު ހުކުމް އަންނާނެ 3 ދައުވާއެއް ޝަމްއާންގެ މައްޗަށް އުފުލައިފި

ކުރީގެ ކޮންޓްރޯލަރ ޖެނެރަލް މުޙައްމަދު ޝަމްއާން ވަޙީދު ---
ދިގު މުއްދަތަކަށް ޖަލު ހުކުމް އަންނާނެ 3 ދައުވާއެއް، މޯލްޑިވްސް އިމިގްރޭޝަންގެ ކޮންޓްރޯލަރ ޖެނެރަލްގެ މަގާމުގައި ކުރިން ހުންނެވި މުޙައްމަދު ޝަމްއާން ވަޙީދުގެ މައްޗަށް އުފުލައިފިއެވެ.
ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ރޭ ހާމަކުރި ގޮތުގައި ޝައްމާންގެ މައްޗަށް އުފުލާފައިވަނީ ފޭރުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާ އާއި ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށުގެ ދައުވާގެ އިތުރުން މަނީ ލޯޑްރިންގެ ކުށުގެ ދައުވާއެވެ.
މި ދައުވާތަކުގެ އަދަބު ކަނޑައެޅިފައިވާ ގޮތަށް ބަލާލާއިރު ފޭރުމުގައި، ފޭރުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާގެ ހުކުމަކީ ތިން އަހަރާއި ދެ މަހާއި 12 ދުވަހުގެ މުއްދަތަކަށް ޖަލަށް ލުމެވެ. އަދި ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށުގެ ދައުވާގައި އެއް އަހަރާއި ހަތް މަހާއި ހަ ދުވަހުގެ މުއްދަތަކަށް ޖަލަށް ލެވޭއިރު، މަނީލޯޑްރިންގެ ކުށުގެ ދައުވާގެ އަދަބަކީ ފަސް އަހަރާއި 15 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުން ނުވަތަ ކުށުގެ އަމަލު ހިންގުމުގައި ބޭނުންކުރި ފައިސާގެ ފަސް ގުނައަށްވުރެ އިތުރުނުވާ އަދަދަކުން ޖޫރިމަނާކުރުމާއެކު ފަސް އަހަރާއި 15 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުމެވެ.
ޝަމްޢާންގެ އިތުރުން، މި މައްސަލައިގައި ހިމެނޭ އިތުރު 3 އޮފިސަރުންގެ މައްޗަށް ދައުވާކުރުމަށް ވެސް ޕީޖީން ވަނީ ފޮނުވާފައެވެ. އެގޮތުން އިބްރާޙިމް އަޙުމަދުގެ މައްޗަށް ދައުވާ ކުރަނީ ފޭރުމާއި، އެހެން މީހެއްގެ މައްޗަށް ޙުއްދަ ނޫން ގޮތެއްގައި ބާރު ހިންގުމުގެ ދައުވާ އާއި ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމާއި އަދި މަނީ ލޯންޑްރިންނަށް މަގުފަހި ކޮށްދިނުމުގެ ދައުވާއެވެ.
މި މައްސަލައިގައި ދެން ހިމެނޭ މުޙައްމަދު އަލްސަން އިސްމާޢީލްގެ މައްޗަށް ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށުގެ ދައުވާކުރާއިރު، އަޙުމަދު ލައްސާންގެ މައްޗަށް ކުރަނީ ފޭރުމުގެ ކުށުގެ ދައުވާ އާއި ސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށުގެ ދައުވާއެވެ.
މި މައްސަލާގައި ޝަމްޢާންގެ މައްޗަށް މި ދަޢުވާތައް އުފުލާފައިވަނީ މޯލްޑިވްސް އިމިގްރޭޝަންގައި ޢަމަލުކުރާ ޢާންމު އުޞޫލާ ޚިލާފަށް، ކޮންޓްރޯލަރގެ ބިއުރޯގައި މަސައްކަތްކުރާ މުވައްޒަފުންތަކެއް ފޮނުވައިގެން 11 މާރިޗު 2025 ދުވަހުގެރޭގެ ވަގުތެއްގައި ބިދޭސީންތަކެއް ދިރިއުޅޭ ގެއަކަށް "އިމިގްރޭޝަން ޗެކް" އަކަށް ކަމަށް ބުނެ ވަދެ، އެތަނުގައި ހުރި ބަންގްލަދޭޝްގެ ރައްޔިތަކު 530،000 ރުފިޔާއާއެކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންދިއުމަށްފަހު ޢަމަލުކޮށްފައިވާ ގޮތަށް ރިޢަޔަތްކުރުމަށްފަހުއެވެ.
އެގޮތުން ބިދޭސީ މީހާ ބެލުމުގެ ދަށަށް ގެންދިއުމަށްފަހު އޭނާ ދޫކޮށްދިނުމަށް އެދި އޭނާގެ ސްޕޮންސަރުގެ ނަމުގައި ޞައްޙަ ނޫން ސިޓީއެއް ހުށަހެޅިކަން އެނގިހުރެ ބިދޭސީމީހާ ބަންދުން ދޫކޮށްލުމަށް ޝަމްޢާން އެންގުމުން، މޯލްޑިވްސް އިމިގްރޭޝަންގައި ބޭނުންކުރަމުން ދިޔަ ކާރަކަށް އަރުވައިގެން ކޮންޓްރޯލަރގެ ބިއުރޯގައި މަސައްކަތްކުރަމުން ދިޔަ އިބްރާހީމް އަޙްމަދު އޭނާ ގެންދިޔަ ވަގުތު، އޭނާގެ އަތުގައި ހުރި ފައިސާގެ ތެރެއިން 500،000 ރުފިޔާ އަތުލުމަށް ޝަމްޢާން، އިބްރާހީމް އަޙްމަދަށް އަންގާފައިވާތީއާއި، އޭނާ އެންގި ގޮތަށް އެ ފައިސާ މައިނުއްދީން އަތުން އަތުލުމުން، އެ ފައިސާގެ ތެރެއިން 400،000 ރުފިޔާއާ ޝަމްޢާން ޙަވާލުވެފައިވާތީ ކަމަށެވެ.
މި ދަޢުވާތަކާ ގުޅިގެން ގެއްލުމުގެ ބަދަލުގެ ގޮތުގައި މައިނުއްދީން އަށް 500،000 ރުފިޔާ އަދި ދައުލަތަށް އިތުރު 400،000 ރުފިޔާ ނަގައިދިނުމަށް ކޯޓުގައި އެދިފައެވެ.
މި މައްސަލައިގެ ހެކިންނަށް ނުފޫޒުފޯރުވަފާނެކަމަށް ބަލައި މުޙައްމަދު ޝަމްޢާން ހުރީ ޝަރީޢަތް ނިމެންދެން ބަންދުގައެވެ. މި ދަޢުވާތައް ސާބިތުވެއްޖެނަމަ ޝަމްޢާންގެ މައްޗަށް މަދުވެގެން 9 އަހަރާއި 9 މަހާއި 18 ދުވަހުގެ ޖަލު ޙުކުމެއް އަންނާނެއެވެ.