ޚަބަރު
ރުކުން ވެއްޓުނު މީހާ މަރުވީ އަމިއްލައަށް ތެދުވެގެން ގޮސް ފެންވެރިފަހުން

ވެލިދޫގެ ފޮޓޮއެއް --- ފޮޓޯ: މޯލްޑިވްސް ވަރޗުއަލް ޓުއަރ

ފަރުދުން
26 މޭ 2025، 01:30
26 މޭ 2025، 01:30
ނ. ވެލިދޫގައި ރުކަކުން ވެއްޓުނު ބިދޭސީ މީހާ މަރުވެފައި ވަނީ، ވެއްޓުނު ފަހުން އަމިއްލައަށް ތެދުވެގެން ގޮސް ފެންވަރާ، ރައްޓެހި ބަޔަކާއެކު ހުއްޓާކަމަށް، މި ނޫހަށް މަޢުލޫމާތު ލިބިއްޖެއެވެ.
ވެލިދޫގައި ދިރިއުޅެމުން ދިޔަ މި މީހާ ރުކުން ވެއްޓިފައި ވަނީ އާދީއްތަ ދުވަހުގެ މެންދުރު ވަގުތާ ގާތްވެފައި ވަނިކޮށެވެ. ރުކުން ވެއްޓުމުގެ ސަބަބުން އޭނާގެ މޫނުގެ އެއް ފަރާތް ތެޔޮހަންދާވަރަށް މަށައިގެން ގޮސްފައި ހުރި ކަމަށް އެ ރަށުން މަޢުލޫމާތުދިން މީހަކު ބުނެފައިވެއެވެ. ނަމަވެސް ވެއްޓިފައި ޖެހުނު ގޮތުން އެއްވެސް ތަނަކުން ގަދަޔަށް ލޭ އައިސްފައެއް ނުވެއެވެ.
އޭނާ ވެއްޓުމުން ތެދުވެގެން ގޮސް، ފެންވަރައިގެން ރަށްޓެހި ބިދޭސީ ބަޔަކާ ބައްދަލުކުރިކަމަށް ވެއެވެ. އަދި އޭނާ މަރުވެފައި ވަނީ އެމީހުނާ ވާހަކަ ދައްކަން ހުއްޓާ، ކުއްލިއަކަށް ތަދެއް އަރައިގެން އެ ހުރިތަނަށް ވެއްޓުމަށް ފަހުކަމަށް މަޢުލޫމާތުލިބެއެވެ.
އަދި އޭނާ އެ ރަށު ހެލްތު ސެންޓަރަށް ގެންދިޔައިރު މަރުވެފައިވާކަމަށް މަޢުލޫމާތު ދިން ފަރާތުން ހާމަކޮށްފައިވެއެވެ.
ބަނގުލަދޭޝްއަށް ނިސްބަތްވާ މި މީހާ މިހާރު ވަނީ މާލެ ގެނަސް މޯޗަރީއަށް ލާފައެވެ.