ޚަބަރު
ގޭންގުކުށްތައް ހުއްޓުވުމުގެ ބިލާއި އެކު ތަންފީޒީ އިދާރާތަކަށްވެސް މުހިންމު ބާރުތަކެއް ލިބިގެންދާނެ

ފުލުހުން މަގުމަތީގައި ހަރަކާތްތެރިވަނީ. ފޮޓޯ: ވޮއިސް
މިއަދު ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު މިއަދު ތަސްދީޤް ކުރެއްވެވި ގޭންގުކުށްތައް ހުއްޓުވުމުގެ ބިލާއި އެކު ތަންފީޒީ އިދާރާތަކަށްވެސް މުހިންމު ބާރުތަކެއް ލިބިގެންދާނެއެވެ.
ގޭންގު ކުށްތައް ހުއްޓުވުމުގެ ޤާނޫނަކީ ގޭންގު ކުށްތައް ހިމެނޭހެން އިންތިޒާމްވެގެން ހިންގާ ބޮޑެތި ކުށްތަކާއި ނުރައްކާތެރި ކުށްތައް ހުއްޓުވުމަށް އެފަދަ ކުށްތަކަށް އަދަބު ކަނޑައެޅުމާއި އެފަދަ ފަރާތްތަކާމެދު ފިޔަވަޅު އެޅުމަށް ތަންފީޒީ އިދާރާތަކަށް ޚާއްސަ ބާރެއް ދިނުމުގެ ގޮތުން އެކުލަވާލާފައިވާ ޤާނޫނެކެވެ.
ގޭންގު ކުށްތަކުގައި އުޅޭ މީހުން ކުށުގެ ވެށިން ދުރުކޮށް، މުޖުތަމައަށް ރުޖޫޢަވުމަށް ފިޔަވަޅުތައް އެޅުމާއި އެފަދަ ފަރާތްތައް އުޅޭ ނޫޅޭގޮތް މޮނިޓަރކޮށް ފިޔަވަޅުއެޅުމަށް ޚާއްސަ އުސޫލުތަކެއް ކަނޑައެޅުމަކީ މިބިލުގެ މަޤްޞަދެވެ.
މިބިލުގެ ދަށުން ތަންފީޒީ އިދާރާތަކަށް ޚާއްސަ ބާރުތަކެއް ލިބިގެންދާއިރު، ޤާނޫނުގައި ބަޔާންކުރާ ކުށްތަކާ ގުޅިގެން މީހަކު ތުހުމަތުކުރެވޭ ހާލަތްތަކުގައި، ކޯޓު އަމުރަކާ ނުލައި ފުލުހުންނަށް އެމީހަކު ހުއްޓުވައި ބަލައި ފާސްކުރުމުގެ އިޚްތިޔާރު ލިބިގެންވެއެވެ. މިގޮތުން އެކަށީގެންވާ ސަބަބެއްގެ މައްޗަށް ބިނާކޮށް އެމީހަކު އާންމު ތަނެއްގައި ހުރިނަމަ ފުލުހުންނަށް އެބާރުލިބިގެންދެއެވެ.
ފުލުހުންނަށް މިފަދަ ހާލަތްތަކުގައި ބެލޭނެ ކަންތައްތަކުގެ ތެރޭގައި އަނިޔާވެރި ޢަމަލެއް ހިންގުމަށް ބޭނުންކުރެވިދާނެ އެއްޗެއް ނުވަތަ ހަތިޔާރެއް، ކުށްކުރުމަށް ބޭނުންކުރާ އެހެނިހެން އާލާތްތައް، ކުށްކޮށްގެން ހޯދާފައިވާ މުދާ، އަދި ހެކީގެ ގޮތުގައި ބޭނުންކުރެވިދާނެ އެއްޗެހި ހިމެނެއެވެ.
ނަމަވެސް މީހަކު އަމިއްލަ ތަނެއްގައި ހުރިނަމަ، އެތަނެއްގެ ވެރިފަރާތުގެ ރުހުމާއެކު ނުވަތަ ކޯޓު އަމުރަކާއެކު މެނުވީ ބަލައި ފާސްކުރުމަށް ނުވަދެވޭނެއެވެ. އަދި މީހަކު ހައްޔަރުކުރުމަށް އަމިއްލަ ތަނަކަށް ވަނުމުގެ ބާރު ފުލުހުންނަށް ލިބިދީފައިވާ ހާލަތްތަކުގައި، އެފަދައިން ހައްޔަރުކުރެވޭ މީހާ ބަލައި ފާސްކުރުމަކަށް މި މާއްދާ ހުރަހެއް ނާޅައެވެ.
ޤާނޫނުގައި ބަޔާންކުރާ ވަކި ކުށްތަކެއްގެ ތުހުމަތުގައި، އެކަށީގެންވާ ސަބަބުތަކެއް ހުރެއްޖެނަމަ، ކޯޓު އަމުރަކާ ނުލައި މީހުން ހައްޔަރުކުރުމުގެ ބާރު ފުލުހުންނަށް ލިބިގެންވެއެވެ. މިފަދަ ހައްޔަރުކުރުމެއް ކުރެވޭނީ އިންސްޕެކްޓަރ އޮފް ޕޮލިސް ރޭންކުން ފެށިގެން މަތީ ރޭންކެއްގެ އޮފިސަރެއްގެ ހުއްދައާއެކުގައެވެ.
އަމިއްލަ ތަނެއްގައި ހުރި މީހަކު ހައްޔަރުކުރުމަށް، އެތަނަކަށް ވަނުމާއި، އެކަށީގެންވާ ވަގުތަކަށް އެތަނެއްގައި މަޑުކުރުމުގެ ނުވަތަ ތިބުމުގެ ބާރު ފުލުހުންނަށް ލިބިގެންވެއެވެ. މިގޮތުން އަމިއްލަ ތަނަކީ މީހުން ދިރިނޫޅޭ، ހުސްކޮށް ދޫކޮށްލާފައިވާ ތަނެއް ކަމުގައިވާނަމަ، އެތަނަކަށް ވަދެ ބަލައި ފާސްކުރެވިދާނެއެވެ.
އަމިއްލަ ތަނެއް ބަލައި ފާސްކުރެވޭނީ އެތަނުގައި ކުށާ ގުޅޭ ހެކި ހުރިކަމަށް ޤަބޫލުކުރެވޭ އެކަށީގެންވާ ސަބަބު އޮތްނަމައެވެ. މިފަދަ ބަލައި ފާސްކުރުމެއް ކުރެވޭނީ އެގްޒެކެޓިވް އޮފިސަރުންގެ ރޭންކުން ފެށިގެން މަތީ ރޭންކެއްގެ އޮފިސަރެއްގެ ހުއްދައާއެކު، އަދި 6 ގަޑިއިރަށްވުރެ
ހަމަމިއާއިއެކު މިފަދަ ހާލަތުގައި ކޯޓު އަމުރަކާ ނުލައި އެކަށީގެންވާ ސަބަބެއްގެ މައްޗަށް ބިނާކޮށް އެމީހާ ހައްޔަރުކުރުމުގެ ބާރުވެސް ލިބިގެންދެއެވެ. ނަމަވެސް މިމާއްދާގެ ދަށުން މީހަކު ހައްޔަރުކުރެވޭނީ ސަބް އިންސްޕެކްޓަރ ރޭންކުން ފެށިގެން މަތީ އޮފިސަރެއްގެ އަމުރު ލިބިގެނެވެ.
މިޤާނޫނުގެ ދަށުން، އަމިއްލަ ތަނެއް ބަލައި ފާސްކުރުމަށް ވަދެވޭނީ ކޯޓު އަމުރަކާއި އެކުގައެވެ. އެހެންނަމަވެސް މި ޤާނޫނުގައި އެހެން ގޮތަކަށް ބަޔާންކޮށްފައި ނުވާހާ ހިނދަކު، އަމިއްލަ ތަނެއް ބަލައި ފާސްކުރުމުގައި ޢަމަލުކުރަންވާނީ ޖިނާއީ އިޖުރާއަތުގެ ޤާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިންނެވެ.
ދިވެހިރާއްޖެއަށް އަންނަ ނުވަތަ ދިވެހިރާއްޖެއިން ފުރާ ނުވަތަ ކަނޑުދަތުރުފަތުރު ކުރާ އުޅަނދެއްގައި ޤާނޫނާ ޚިލާފު ޢަމަލެއް ހިންގާފައިވާކަމަށް ބެލެވޭނަމަ، ފުލުހުންނަށް އެ އުޅަނދެއް ހުއްޓުވައި، އަރައި، ބަލައި ފާސްކުރުމުގެ އިޚްތިޔާރު ލިބިގެންވެއެވެ. މީގެ ތެރޭގައި އުޅަނދުގައި ތިބި މީހުން ބަލައި ފާސްކުރުމާއި، ސުވާލުކުރުމާއި، ހެކި ހޯދުމާއި، ހައްޔަރުކުރުމުގެ ބާރުވެސް ހިމެނެއެވެ.
މި ބާރުތައް ބޭނުންކުރުމުގައި އުޅަނދުގައި ތިބި މީހުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރަންވާނެއެވެ. އަދި އިންސާނީ ކަރާމާތަށް އުނިކަމެއް ނާންނާނެ ގޮތަށް ޢަމަލުކުރަންވާނެއެވެ. ބޭރު ޤައުމުގެ އުޅަނދެއްނަމަ، އެ އުޅަނދާ ގުޅޭ ޤައުމުގެ ޤާނޫނީ މަސްލަހަތުތަކަށް އަސަރު ނުފޯރާނެ ގޮތަށް މި ބާރުތައް ބޭނުންކުރަންވާނެއެވެ.
މިޤާނޫނުގެ ދަށުން ބޭރުގެ އުޅަނދުތަކާއި ގުޅިގެން ބާރުގެ ބޭނުންކުރުމުގެ އުޞޫލެއްވެސް ކަނޑައަޅައިފައިވެއެވެ.
އެގޮތުން މިޤާނޫނުގެ ދަށުން ކަނޑިުދަތުރުފަތުރުކުރާ އުޅަނދުފަހަރާ ގުޅޭގޮތުން ބާރުގެ ބޭނުންކުރާނީ ފުލުހުން ކަމުގައި ބަޔާންކޮށްފައި އޮތަސް އެއުޅަނދުއޮތީ ރާއްޖޭގެ ސަރަޙައްދުން ބޭރުގައި ކަމަށްވެފައި އެއުޅަނދަކީ ރާއްޖޭގެ އުޅަނދެއް ނޫންނަަމަ، ނުވަތަ އެއުޅަނދަކީ ރާއްޖޭގެ އުޅަނދެއްކަން ޔަޤީންކުރެވެން ނެތްނަމަ އެއުޅަނދާ ގުޅޭ ކަންކަން ތަންފީޒުކުރާނީ ކަނޑުތަކާ ބެހޭ ބައިނަލްއަޤްވާމީ ޤާނޫނުގައި ހުއްދަކުރާ އިދާރާއަކުންނެވެ. އަދިއެކަން ކުރުމުގައި ޢަމަލުކުރަންވާނީ އެމުޢާހަދާއެއްގައި ކަނޑައަޅައިފައިވާ އުސޫލުތަކުގެ ދަށުންނެވެ.
މި ޤާނޫނަށް އަމަލުކުރަން ފަށާނީ މި ޤާނޫނު ފާސްވެ، ތަސްދީޤުކޮށް ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރާ ތާރީޚުން ފެށިގެން 3 މަސް ދުވަސް ހަމަވާ ދުވަހުން ފެށިގެންނެނެވެ. އަދި މި ޤާނޫނަށް އަމަލުކުރަން ފެށުމާއެކު ކުރިން އަމަލުކުރަމުންދިޔަ ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ޤާނޫނާއި ގޭންގު ކުށްތައް މަނާކުރުމާބެހޭ ޤާނޫނު އުވޭނެއެވެ.