ޚަބަރު
ޞައްޙަ ނޫން ސްލިޕްތަކެއް ބޭނުންކުރި މައްސަލައަކާ ގުޅިގެން ފުލުހުން މީހަކު ހައްޔަރުކޮށްފި

ޞައްޙަ ނޫން ސްލިޕް ފޮނުވި މައްސަލާގައި ހައްޔަރުކުރި ޒައިދާން. ފޮޓޯ: ފުލުހުން
ޞައްޙަ ނޫން ސްލިޕްތަކެއް ބޭނުންކުރި މައްސަލައަކާ ގުޅިގެން ދިވެހި ފުލުހުންގެ ޚިދުމަތުން މީހަކު ހައްޔަރުކޮށްފިއެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ގ. ސިނަމާލެ 1 05-13 / މާލެ، ޒައިދާން މުޙައްމަދު ހާޝިމްއެވެ. މީނާއަކީ މަކަރާއި ހީލަތުގެ ކުށުގެ އަމަލު ހިންގާފައިވާ ކަމުގެ ކުށުގެ ރެކޯޑު އޮންނަ މީހެއްކަން ތަހުޤީޤަށް އެނގިފައިވާކަމަށް ދިވެހި ފުލުހުންހެ ޚިދުމަތުން ބުނެއެވެ.
ފުލުހުން އިތުރަށް ބުނެފައިވަނީ ޒައިދާން ހައްޔަރުކޮށްފައިވަނީ ތަފާތު އެކި ދުވަސްމަތިން "ފުޑީސް ޑެލިވަރީ" އަށް ކާބޯތަކެއްޗަށް އޯޑަރުކޮށް، ޚިދުމަތް ހޯދުމަށްފަހު ފައިސާ ދެއްކި ކަމަށް ބުނެ އަސްލު އޮޅުވާލައިގެން ޞައްޙަ ނޫން ސްލިޕްތަކެއް ހަދައި "ފުޑީސް ޑެލިވަރީ" އަށް ފޮނުވާފައިވާކަމަށް ތުހުމަތުކުރެވޭ މައްސަލައާ ގުޅިގެންކަމަށެވެ.
މި މައްސަލައާ ގުޅިގެން ޒައިދާން މުޙައްމަދު ހާޝިމްގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 15 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވާކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.
މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުޤީޤު ކުރަމުންކަމަށް ފުލުހުން ބުނެފައިވެއެވެ.