ޚަބަރު
ޙައްޖަށްދާ މީހުންނަށް ޚާއްސަކޮށްގެން ކުރިއަށްގެންދާ މަޢުލޫމާތު ދިނުމުގެ ސެޝަންތައް ފަށައިފި

ޙައްޖުވެރިންނަށް ބޭއްވި މަޢުލޫމާތު ދިނުމުގެ ސެޝަންގެ ތެރެއިން. ފޮޓޯ: އިސްލާމީކަންތައްތަކާއި ބެހޭ ވުޒާރާ
މިއަހަރު ޙައްޖަށްދާ ދިވެހި ޙައްޖުވެރިންނަށް ޚާއްސަކޮށްގެން ކުރިއަށްގެންދާ މަޢުލޫމާރު ދިނުުމުގެ ސެޝަންތައް ފަށައިފިއެވެ.
މި ސެޝަންތައް ކުރިއަށްދަނީ އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައެވެ.މިއީ ކޮންމެ އަހަރަކުވެސް ރާއްޖޭން ޙައްޖަށްދާ ފަރާތްތަކަށް ޚާއްސަކޮށްގެން ބާއްވާ ސެޝަންތަކެކެވެ.
އެންމެ ފުރަތަމަ ބޭއްވުނު ސެޝަން ޚާއްސަކޮށްފައިވަނީ އަންނަ ހޯމަ ދުވަހު ފުރާ ފުރަތަމަ ގުރޫޕުގެ ޙައްޖުވެރިންނަށެވެ. މި މަޢުލޫމާތު ދިނުމުގެ ބައްދަލުވުމުގައި އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަޙީމް އަލީ ސަޢީދުއާއި ޙައްޖު ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރ މުޙައްމަދު ޝަކީލް ބައިވެރިވެވަޑައިގެންނެވިއެވެ.
މި ބައްދަލުވުމުގައި ޙައްޖުގެ އަޅުކަމާ ގުޅޭ މުހިންމު މަޢުލޫމާތުތައް ހިއްސާކުރެވުނެވެ. އެގޮތުން ޙައްޖުގެ ރުކުންތަކާއި، އިޙްރާމް ބަނދެގެން ހުންނައިރު ސަމާލުކަންދޭންވީ ކަންކަމާއި، ސިއްޙީގޮތުން ސަމާލުކަންދޭންވީ ކަންތައްތަކުގެ މަޢުލޫމާތު ދެވުނެވެ.
ޙައްޖު ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު މުޙައްމަދު ޝަކީލް ވަނީ ސައުދީ އަރަބިއްޔާގެ ޤާނޫނުތަކާއި ޤަވާއިދުތަކަށް ޙުރުމަތްތެރިކޮށް ހިތުމަށާއި، ޙައްޖުގެ އަޅުކަމުގައި ކެތްތެރިކަން އިސްކުރުމަށް އިލްތިމާސްކުރައްވާފައެވެ. "އިންސާނަކު އިމްތިހާނުކުރައްވާނެ ހުރިހާ ގޮތަކަށް ޙައްޖުގެ ތެރޭގައި އަޅުގަނޑުމެން އިމްތިހާނުކުރައްވާނެ. އެހެންވީމަ އަޅުގަނޑުމެން ޖެހޭނެ ކެތްތެރިވާން،" ޝަކީލް ވިދާޅުވިއެވެ.
އަދި ޙައްޖުވެރިންގެ އެހީތެރިންގެ ގޮތުގައި ދާ ކޯޕަރޭޝަންގެ މުވައްޒަފުންނާއި އެހެނިހެން ފަރާތްތަކަށް އިޙްތިރާމްކުރުމަށްވެސް ޝަކީލް ވަނީ އިލްތިމާސްކުރައްވާފައެވެ. ޙައްޖަށްދާ ކޮންމެ މީހަކުވެސް މި މަޢުލޫމާތު ދިނުމުގެ ސެޝަންތަކުގައި ބައިވެރިވުމަކީ ލާޒިމު ކަމެކެވެ.