ޚަބަރު
ޙައްޖުވެރިން ފުރާތީ މި ފެށޭ ހަފްތާ އެއާރޕޯޓު ބޭނުންކުރުމުގައި ސަމާލުވުމަށް އިލްތިމާސްކޮށްފި

ޙައްޖަށް ފުރުމަށް ވެލާނާ އެއާރޕޯޓަށް ގޮސް ތިބި ދިވެހިން، ފޮޓޯ: ނިޝާން ޢަލީ

ފަރުދުން
24 މޭ 2025، 02:14
24 މޭ 2025، 02:14
މި ފެށޭ ހަފްތާގެ ތެރޭގައި ޙައްޖުވެރިން ފުރުމަށް ހަމަޖެހިފައިވާތީ، އެ ދުވަސްތަކުގައި ވެލާނާ އިންޓަނޭޝަނަލް އެއާރޕޯޓު ބޭނުންކުރާ ފަރާތްތަކުން ފުލުހުންގެ އިރުޝާދުތަކަށް ސަމާލުވުމަށް ދިވެހި ފުލުހުންގެ ޚިދުމަތުން އިލްތިމާސްކޮށްފިއެވެ.
މި އަހަރު ރާއްޖެއިން ޙައްޖަށްދާ މީހުން ފުރުމަށް ހަމަޖެހިފައިވަނީ 4 ދުވަހެއްގެ މަތިންނެވެ. އެއީ އެއީ މިމަހުގެ 26، 27، 29 އަދި 30 ވަނަ ދުވަހެވެ.
ފުލުހުން ވިދާޅުވީ އެ ދުވަސްތަކުގައި އެއަރޕޯޓްގައި ޓްރެފިކް ތޮއްޖެހުން ބޮޑުވާނެކަމަށް ބެލެވޭކަމަށާއި، އެހެންކަމުން އޮމާންކަމާއެކު ޓްރެފިކް ފްލޯ ކުރިއަށް ގެންދިއުމަށް އިތުރު ފުލުހުން އެއާރޕޯޓުގައި ހަރަކާތްތެރިވާނެކަމަށެވެ.
މީގެ އިތުރުން، އެ ދުވަސްތަކުގައި ބާރުބޮޑުވެ ކުރިމަތިވެދާނެ އުނދަގުލަކަށް ވިސްނައި، އެހެން މަންޒިލްތަކަށް ފުރާ މީހުން ދުރާލާ އެއާރޕޯޓަށް ގޮސް ފުރުމުގެ އިންތިޒާމުތައް ވަގުތު އޮއްވައި ކުރިޔަށް ގެންދިއުމަށް އިލްތިމާސްކޮށްފައިވެއެވެ.
ޙައްޖުވެރިންނާއެކު އެއަރޕޯޓަށް ދާ މީހުންނާއި ދަތުރުކުރާ އުޅަނދުތައް ދުއްވާ މީހުންވެސް ފުލުހުންގެ އިރުޝާދުތަކަށް ޚާއްސަ ސަމާލުކަމެއް ދިނުމަށް ފުލުހުން ވަނީ އެދިފައެވެ. 4 ދުވަހަށް ބަހާލައިގެން ރާއްޖެއިން މީހުން ޙައްޖަށް ފުރުމަށް ހަމަޖެހިފަވާއިރު، 1000 މީހުން ޙައްޖުގެ އަޅުކަމަށް ސަޢުދީ އަރަބިއްޔާއަށް ދާނެއެވެ.