ޚަބަރު
ދިވެހި ޙައްޖުވެރިންނަށް ޙާއްސަ ކްލިނިކެއް ޙައްޖާޖީން ތިބޭ ހޮޓަލުގައި ޤާއިމްކުރަނީ

ޙައްޖުވެރިންގެ ކްލިނިކް ޤާއިމްކުރުމުގެ މަސައްކަތް ކުރިޔަށްދަނީ ---
ދިވެހި ޙައްޖުވެރިންނަށް ޙާއްސަ މެޑިކަލް ކްލިނިކެއް ޙައްޖާޖީން ތިބޭ ހޮޓަލުގައި ޤާއިމްކުރުމަށް ނިންމާފައިވާކަމަށް އިސްލާމީކަންތައްތަކާއި ބެހޭ ވަޒީރު، ޑޮކްޓަރ މުޙައްމަދު ޝަޙީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
ސޯޝަލް މީޑިއާގައި ވަޒީރު ޙިއްސާކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މި ކްލިނިކް ޤާއިމްކުރުމުގެ ވާހަކަ ސައުދީ ސަރުކާރާއި ދެކެވި، އެކަމަށް ބޭނުންވާ ޙުއްދަ ޙައްޖު މިޝަންއަށް ރަސްމީކޮށް މިހާރު ލިބިފައިވާ ކަމަށެވެ.
"ރާއްޖޭގެ ހައްޖުވެރިންނަށްޓަކައި ހައްޖު މޫސުމުގައި ޚާއްޞަ ކްލިނިކެއް ހެދުމަށް ސައުދީ ސަރުކާރުންވަނީ ދިވެހި ހައްޖުމިޝަންއަށް ރަސްމީކޮށް ހުއްދަ ދެއްވާފަ." ވަޒީރު ޝަޙީމް ވިދާޅުވިއެވެ.
މި ކްލިނިކް ޤާއިމު ކުރުމަށް ނިންމާފައިވަނީ މައްކާގެ އަބީރު ހޮސްޕިޓަލާ ގުޅިގެންނެވެ. އަދި ޙައްޖު ކޯޕަރޭޝަނުން ޞިއްޙީ ފުރިހަމަ ނިޒާމެއް ކްލިނިކްގައި ޤާއިމުކޮށްފައިކަމަށް ވަޒީރު ވަނީ ވިދާޅުވެފައެވެ. އެގޮތުން މި ކްލިނިކްގައި ހޮސްޕިޓަލް ބެޑް ޤާއިމްކުރުމުގެ މަސައްކަތް ވެސް ކުރިޔަށްދާކަމަށް ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ، މިއީ ހޮސްޕިޓަލަކާ ގުޅިގެން ޙައްޖުވެރީންނަށް މިގޮތަށް ކްލިނިކެއް ޤާއިމްކުރެވޭ ފުރަތަމަ ފަހަރުކަމަށެވެ.
ޙައްޖުވެރިންގެ ކަންކަން ފަސޭހަ ކުރުމުގެ ގޮތުން، މައްކާ ރޫޓް އިނިޝިއޭޓިވްގައި ވެސް ދިވެހިރާއްޖެ ވަނީ މި އަހަރު ބައިވެރިކޮށްފައެވެ. މި އިނިޝިއޭޓިވްގެ ދަށުން ޙައްޖުވެރިން ރާއްޖެއިން ފުރުމުގެ ކުރިން، ދެ ޤައުމުގެ އިމިގްރޭޝަނުން ކުރަންޖެހޭ ކަންކަން ރާއްޖެ އެއާރޕޯޓުގައި ތިބެ ނިންމައިގެން ފުރުން ހިމެނެއެވެ. މިކަމުގެ ފަސޭހައަކަށް ވާނީ ޖިއްދާގެ އެއާޕޯޓްގެ އިމިގްރޭޝަންގައި ޙައްޖުވެރިން މަޑުކުރަން ނުޖެހި، ވަގުތުން ހޮޓަލަށް ދެވުންކަމަށް އިސްލާމީ ކަންތައްތަކާއި ބެހޭ ވުޒާރާއިން ހާމަކުރެއެވެ.
އަދި ޙައްޖުވެރިންގެ ލަގެޖުތައް ވެސް ލިބޭނީ ސީދާ ހޮޓަލަށް ކަމަށާއި އެއާޕޯޓުން ހޮޓަލަށް ދިއުމުގެ ކަންކަން ވެސް އެހާމެ ފަސޭހަވެގެންދާނެ ކަމަށް ހާމަކޮށްފައިވެއެވެ. މިއީ ރާއްޖޭގެ ޙައްޖުވެރިންނަށް ލިބިގެންދިޔަ ތާރީޚީ ވަރަށް ބޮޑު ފަސޭހައެއް ކަމަށް އިސްލާމީ ވުޒާރާއިން ހާމަކުރެއެވެ.