ޚަބަރު
މުބާރާތުގެކުރިން އޮޑިޝަނެއް ބާއްވަން ނިންމައި، ހޮޅުދޫ ރަންތަރި ޤުރުއާން މުބާރާތް އިޢުލާންކޮށްފި

ހޮޅުދޫ ރަންތަރި ޤުރުއާން މުބާރާތް އިޢުލާންކުރުމަށް ބޭއްވި ޙާއްސަ ރަސްމިއްޔާތުގެ ތެރެއިން، ފޮޓޯ: ބޭސް
މުބާރާތް ފެށުމުގެ ކުރިން އޮޑިޝަނެއް ބޭއްވުމަށް ނިންމައި، ހޮޅުދޫ ރަންތަރި ޤުރުއާން މުބާރާތް ރޭ އިޢުލާންކޮށްފިއެވެ.
ހޮޅުދޫ ޒުވާނުންގެ މެދުގައި ކީރިތި ޤުރުއާނަށް އޮންނަ ލޯބި އިތުރުކޮށް، ރީތިކޮށް ޤުރުއާން ކިޔަވާކުދިން އުފެއްދުމުގެ މަޤުސަދުގައި ބާއްވަން ނިންމާފައިވާ މި މުބާރާތް އިންތިޒާމު ކުރަނީ އެ ރަށަށް ނިސްބަތްވާ "ބެޓަރ އެންވަޔަރޮމެންޓު ފޯރ ޔޫތު ސޮސިއެޓީ" (ބޭސް) ޖަމްޢިއްޔާއިންނެވެ.
ހޮޅުދޫ ރަންތަރި ޤުރުއާން މުބާރާތް ބޭއްވުމަށް ނިންމާފައިވަނީ އާންމުކޮށް ބާއްވާ އެހެން ޤުރުއަން މުބާރާތްތަކާ ތަފާތު ގޮތަކަށްކަމަށް، އެ ޖަމްޢިއްޔާގެ ޗެއަރޕާސަން، އިސްމާއިލް ޚަލީލް، "ފަރުދުން"އަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވިއެވެ. އެގޮތުން އާންމު ގޮތެއްގައި ބަލައިގެން ކިޔެވުމާއި ހިތުން ކިޔެވުމުގެ ބައި ވަކިކޮށް ކުރިޔަށްގެންދާއިރު، މި މުބާރާތުގައި ކޮންމެ ބައިވެރިއަކު ވެސް ބަލައިގެންނާއި ހިތުން ކިޔަވަންޖެހެއެވެ.
މި މުބާރާތް ތަފާތުވާ އެއް ކަމަކީ މުބާރާތުގެ ކުރިން އޮޑިޝަނެއް ބޭއްވުން. އަދި މުބާރާތުގައި ވާދަކުރާ ކޮންމެ ބައިވެރިއަކު ވެސް، ބަލައިގެންނާއި ހިތުން ކިޔެވުމުގެ ބަޔަށް ޓެސްޓު ކުރެވޭނެ. އެއަށްފަހު މުބާރާތް ކުރިޔަށްދާނީ ރައުންޑުތަކަކަށް ބަހާލައިގެން ކޮންމެ ރައުންޑަކު އެ ބައިވެރިއަކަށް ލިބޭ ޕޮއިންޓަށް ބަލައި، ބައިވެރިން އެލިމިނޭޓުވާގޮތަށް.
ބޭސްގެ ޗެއަރޕާސަން، އިސްމާއިލް ޚަލީލް ވިދާޅުވިއެވެ.
މި މުބާރާތުގެ އޮޑިޝަން ބޭއްވުމަށް ނިންމާފައިވަނީ ޖޫން މަހުގެ 12 ވަނަދުވަހުއެވެ. އަދި އޮޑިޝަންގައި ބައިވެރިވުމަށް ރެޖިސްޓަރ ވާން ޖެހޭނެކަމަށް ބޭސް ޖަމްޢިއްޔާގެ ފަރާތުން ވަނީ ހާމަކޮށްފައެވެ.
އޮޑިޝަނުން މުބާރާތަށް ހޮވާނީ އެންމެ މޮޅު 15 ބައިވެރިންނެވެ. މި ބައިވެރިން ސީދާ މުބާރާތަށް ކޮލިފައިވިނަމަވެސް، މުބާރާތުގެ ކުރިން މި ބައިވެރިންނަށް ތިން މަހުގެ ތަމްރީނުތަކެއް ދިނުމަށް ވަނީ ނިންމާފައެވެ. އެގޮތުން، ބޭސްއިން ހަމަޖައްސާ ޣާރީންގެ އެހީތެރިކަމާއެކު، ރަށުގައި ތިބެގެން ބައިވެރިން ތަމްރީނު ކުރެވޭނެއެވެ. އަދި އެއަށްފަހު މުބާރާތް ފެށުމަށް ހަމަޖެހިފައިވަނީ 21 ސެޕްޓެންބަރު 2025ގައެވެ.
ޖުމްލަ 4 ދުވަހުގެ މުއްދަތަށް ދެމިގެންދާ މި މުބާރާތުގައި 4 ރައުންޑެއް ބޭއްވުމަށް ނިންމާފައިވާއިރު، ފައިނަލް ރައުންޑަށް ދާނީ 5 ބައިވެރިންނެވެ.
މި މުބާރާތާ ގުޅޭ އިތުރު މަޢުލޫމާތު ދިނުމުގެ ޙާއްސަ ސެޝަންތަކެއް ވަރަށް އަވަހަށް ބާއްވާނެކަމަށް ބޭސްއިން ހާމަކުރެއެވެ. އެގޮތުން މި ސެޝަންގެ ތެރެއިން މުބާރާތާ ގުޅުންހުރި ހުރިހާ މާއުލޫމާތެއް ފޯރުކޮށްދޭނެކަމަށް އެ ޖަމްޢިއްޔާއިން ހާމަކުރެއެވެ.
ބޭސްއިން ހާމަކޮށްފައިވާ ގޮތުގައި މުބާރާތުގެ އެއްވަނައަށްދާ ފަރާތަކަށް ފައިސާގެ އިނާމެއް ލިބޭނެއެވެ. ފައިސާގެ އިނާމުގެ އަދަދު އަދި ފައިނަލް ކުރެވިފައި ނެތަސް، މި އަދަދު 25،000ރ. އަށް ވުރެ ކުޑަ ނުވާނެކަމަށް ހާމަކޮށްފައިވެއެވެ.
ބޭސްއިން ވަނީ މި މުބާރާތް ސްޕޮންސަރ ކުރުމުގެ ފުރުސަތު މިހާރު ހުޅުވާލާފައެވެ.
ބޭސްއަކީ ހޮޅުދޫގައި މީހުން ބިނާކުރުމަށް ގިނަގުނަ މަސައްކަތްތަކެއް ކުރަމުން އަންނަ ޖަމްޢިއްޔާއެކެވެ. އެގޮތުން އެ ޖަމްޢިއްޔާ އުފެދުނުތާ 13 އަހަރު ފާއިތުވެފައިވާއިރު، މީހުން ބިނާކުރުމުގެ އެތައް ޕްރޮގްރާމެއް މިހާތަނަށް ވަނީ ހިންގާފައެވެ.