ޚަބަރު
ވޯލްޑް ހެލްތު އެސެމްބްލީގެ 78 ވަނަ ސެޝަން ފަށައިފި، ރާއްޖެ ތަމްސީލް ކުރައްވާ އިސްފަރާތަކީ ޞިއްޙީ ވަޒީރު ނާޡިމް

ޞިއްޙީ ވަޒީރު ޢަބްދުﷲ ނާޡިމް. ފޮޓޯ: ރައީސް އޮފީސް
ހުލާސާ
ވޯލްޑް ހެލްތް އެސަމްބްލީގެ 78 ވަނަ ސެޝަން ފަށައިފިއެވެ.
މިސެޝަންގައި ދިވެހިރާއްޖެ ތަމްސީލް ކުރައްވާ އެންމެ އިސްފަރާތަކީ ރާއްޖޭގެ ޞިއްޙީ ވަޒީރު ޢަބްދުﷲ ނާޡިމް އިބްރާހިމެވެ. މި ސެޝަން ކުރިއަށްދަނީ ސްވިޒަލޭންޑްގެ ޖެނީވާގައެވެ.
މި މަހުގެ 19އިން 27އަށް ކުރިއަށްދާ މިބައްދަލުވުމުގައި ދުނިޔޭގެ ޞިއްޙަތު ޖަމުޢިއްޔާގެ މެމްބަރު 194 ޤައުމެއްގެ މަންދޫބުން ބައިވެރިވެވަޑައިގަންނަވައެވެ. މި ބައްދަލުވުމުގައި ރާއްޖޭގެ ވަފްދުގައި ޖެނީވާގައި ހުންނަ އދ.ގެ އޮފީހަށް ކަނޑައަޅުއްވާފައި ހުންނަވާ ދާއިމީ މަންދޫބު ޑރ. ސަލްމާ ރަޝީދާއި، ޖެނީވާގައި ހުންނަ އދ.ގެ އޮފީހަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ދާއިމީ މިޝަންގެ އިސްބޭފުޅުންގެ އިތުރުން ސިއްޙީ ވުޒާރާގެ އިސްބޭފުޅުން ބައިވެރިވެވަޑައިގަންނަވެއެވެ.
78 ވަނަ ވޯލްޑް ހެލްތު އެސެމްބްލީގައި ދިވެހިރާއްޖޭގެ ފަރާތުން ސިއްޙީ ވަޒީރު ޢަބްދުﷲ ނާޡިމް އިބްރާހީމް ރަސްމީ ބަޔާން ދެއްވުމަށް ވަނީ ހަމަޖެހިފައެވެ. އެ މަނިކުފާނު ބަޔާން އިއްވަވާ މައުޟޫއަކީ "ވަން ވަރލްޑް ފޯ ހެލްތު" އެވެ.
ވޯލްޑް ހެލްތް އެސެމްބްލީގައި ދުނިޔޭގެ ޞިއްޙީ ދާއިރާއިން މިހާރު ފާހަގަކުރެވޭ ތަފާތު މައުޟޫތަކަށް މަޝްވަރާކުރުމަށް ހަމަޖެހިފައިވެއެވެ. މިގޮތުން ޔުނިވާސަލް ހެލްތު ކަވަރޭޖް، މައިންނާއި ކުޑަކުދިންގެ ޞިއްޙަތާއި މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ޞިއްޙަތަށް ކުރާ ނޭދެވޭ އަސަރުތަކާއި އެންޓިމައިކްރޯބިއަލް ރެސިސްޓެންސް ފަދަ މައުޟޫއުތަކަށް މަޝްވަރާކުރުމަށްވެސް ހަމަޖެހިފައިވެއެވެ.
މީގެއިތުރުންވެސް ޞިއްޙީ ދާއިރާ އާއި ގުޅުންހުރި އެކިއެކި ކަންކަމާއި މެދު މަޝްވަރާ ކުރެވިގެންދާނެއެވެ.