ޚަބަރު
ޤައުމީ ފެންވަރުގައި އަޟްޙާ ޢީދު ފާހަގަކުރުމަށް ހޮވުނު ރަށްތައް އިޢުލާންކޮށްފި

ޢީދު ފާހަގަކުރުން ---

ފަރުދުން
15 މޭ 2025، 09:17
15 މޭ 2025، 09:17
ޤައުމީ ފެންވަރުގައި އަޟްޙާ ޢީދު ފާހަގަކުރުމަށް ހޮވުނު ރަށްތައް ދިވެހި ބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާއިން ހާމަކޮށްފިއެވެ.
އެގޮތުން ޤައުމީ ފެންވަރުގައި މި އަހަރުގެ އަޟްޙާ ޢީދު ފާހަގަކުރުމަށް ކަނޑައަޅާފައި ވަނީ ތިން ރަށެއްގައެވެ. އެއީ ހއ. ކެލާ, މާލެ އަތޮޅު ގުރައިދޫ, އަދި ލ. ގަމެވެ.
މި ރަށްތައް ކަނޑައެޅީ ޤައުމީ ފެންވަރުގައި ޢީދު ފާހަގަ ކުރުމަށް ޝައުޤުވެރިކަން ފާޅުކޮށް، ޕްރޮޕޯސަލް ހުށަހެޅި ރަށްތަކުގެ ތެރެއިން "ޤައުމީ ފެންވަރުގައި އަޟްޙާ ޢީދު ފާހަގަކުރާ ރަށްތައް ކަނޑައެޅުމުގައި ޢަމަލުކުރާނެގޮތުގެ އުޞޫލު" ގެ ދަށުން އެންމެ ގިނަ ޕޮއިންޓް ލިބިފައިވާ ރަށްރަށްކަމަށް ބަހާ ބެހޭ ވުޒާރާއިން ވަނީ ހާމަކޮށްފައެވެ.
މި ރަށްތަކުގެ އިތުރުން ހުޅުމާލޭގައި ކުޑަކުދީންނާއި އާއިލާތަކަށް ޚާއްޞަކޮށް ޝައުޤުވެރި ހަރަކާތްތަކެއް ކުރިޔަށް ގެންދަން ނިންމާފައިވާކަމަށް ވެސް ބަހާ ބެހޭ ވުޒާރާއިން ވަނީ ހާމަކޮށްފައެވެ.
ޤައުމީ ފެންވަރުގައި ޢީދު ފާހަގަ ކުރުމުގެ މަޤުސަދު ޙިއްސާ ކުރަމުން ބަހާ ބެހޭ ވުޒާރާއިން ހާމަކުރީ، ސަރުކާރުގެ އަމާޒަކީ މި ފަދަ ކޮންމެ ކުލަގަދަ ޢީދަކީ ވެސް އިސްލާމީވަންތަ، އަދި ދިވެހީންގެ މުއްސަނދި ސަގާފަތް ދިރުވައި އާލާކުރެވޭ، ދިވެހީންގެ މެދުގައިވާ އެއްބައެއްވަންތަ ވިސްނުން ތަރައްޤީ ކުރާނޭ އުފާވެރި އިޙްތިފާލުތަކަށް ހެދުންކަމަށެވެ. އެގޮތުން މި އަހަރުގެ އަޟްޙާ ޢީދު ޤައުމީ ފެންވަރުގައި ފާހަގަކުރުމަށް ނިންމާފައިވާ ރަށްރަށުގައި ކުރިއަށް ގެންދާ ހަރަކާތްތައް ކުރިޔަށް ގެންދާނީ އެ ވިސްނުމާ އެއްގޮތަށްކަމަށް ވެސް އެ ވުޒާރާއިން ހާމަކުރެއެވެ.