Ads by Aqeeqa Maldives

ޚަބަރު

އޭޖީ އޮފީސް ސިވިލް ސާރވިސްއިން ވަކިކުރުމަށް މަޖިލީހުން ފާސްކޮށްފި

އޭޖީ އޮފީސް ސިވިލް ސާރވިސްއިން ވަކިކުރުމަށް މަޖިލީހުން ފާސްކޮށްފި

ރައްޔިތުންގެ މަޖިލިސް ---

15 މޭ 2025، 08:24

އެޓާރނީ ޖެނެރަލް (އޭޖީ)ގެ އޮފީސް ސިވިލް ސާރވިސްއިން ވަކިކޮށް، ވަކި ޚިދުމަތެއްގެ ގޮތުގައި ޤާއިމުކުރުމަށް ސަރުކާރުގެ ފަރާތުން ހުށަހެޅުއްވި ބިލު ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.

ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް މި ބިލު ހުށަހެޅުއްވީ މިދިޔަ އަހަރުގެ ޑިސެންބަރު މަހު، މާފަންނު ދެކުނު ދާއިރާގެ މެންބަރު ޢަބްދުﷲ ރިފާޢުއެވެ. މި ބިލު ފާސްކުރީ، މަޖިލީހުގެ ތަޅުމުގައި ބޭއްވި ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 64 މެންބަރުންގެ އަޣުލަބިއްޔަތުންނެވެ.

އެ ބިލުގައިވާގޮތުން، އޭޖީ އޮފީހުގެ މުވައްޒަފުންގެ ގޮތުގައި ކަނޑައަޅާނީ ޑެޕިއުޓީ އެޓަރނީ ޖެނެރަލާއި، ސެކެޓްރީ ޖެނެރަލާއި، ލީގަލް ސަރވިސް އަދި އެޑްމިނިސްޓްރޭޓިވް ސަރވިސްގެ މަޤާމުތަކަށް އައްޔަންކުރާ ފަރާތްތަކެވެ.

މީގެ އިތުރުން އޭޖީ އޮފީހުގެ މުވައްޒަފުން ދެ ބަޔަކަށް ބަހާލެވޭނެއެވެ. އެއީ ލީގަލް ސަރވިސްއާއި އެޑްމިނިސްޓްރޭޓިވް ސަރވިސްއެވެ. އަދި މުވައްޒަފުންނަށްދޭ މުސާރައާއި އިނާޔަތްތައް ކަނޑައަޅާނީ ނޭޝަނަލް ޕޭ ކޮމިޝަނުން ކަނޑައަޅާ ސިޔާސަތުތަކާއި ހަމަތަކާ އެއްގޮތަށް މާލީ ވަޒީރުކަމަށްވެސް ބިލުގައިވެއެވެ.

އަދި ބަންޑާރަ ނައިބުގެ އޮފީހުގެ މުވައްޒަފުން އެކަށީގެންވާ ސިއްޙީ އިންޝުއަރެންސް ނިޒާމެއްގައި ބައިވެރިކުރުމާއި ރިޓަޔަމަންޓް ޤަވައިދާ އެއްގޮތަށް ޝަރަފުވެރިކަމާއެކު ވަޒީފާއިން ވަކިވުމުގެ އިނާޔަތްވެސް ކަނޑައެޅުމަށް ބިލުގައި ހިމަނާފައި ވެއެވެ.

ޤާނޫނު އަސާސީގައި އޭޖީ އޮފީސް ކަނޑައަޅާފައި އޮންނަނީ މިނިވަން ތަނެއްގެ ގޮތުގައެވެ. ނަމަވެސް މިހާތަނަށް އެ އޮފީސް ހިންގަމުން އައީ ސިވިލް ސާރވިސްގެ ދަށުންނެވެ. 

ބަންޑާރަ ނައިބުގެ އޮފީހުގެ ޤާނޫނަށް ޢަމަލުކުރަން ފަށާނީ ރައީސުލްޖުމްހޫރިއްޔާ ތަސްދީޤުކޮށް، ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރާ ދުވަހުން ފެށިގެން 90 ދުވަސް ފަހުންނެވެ. 

މި ލިޔުން ކިޔާލުމުން

Ads by MSS