Ads by Aqeeqa Maldives

ޚަބަރު

އޮރެންޖު ހިޔާގެ މަސައްކަތްތައް ނިންމާލާފައިވަނީ ވަރަށް ފުރިހަމަކަމާއެކުކަން ފާހަގަކުރައްވައި ރައީސްގެ ޝުކުރު ސިފައިންނަށް

އޮރެންޖު ހިޔާގެ މަސައްކަތްތައް ނިންމާލާފައިވަނީ ވަރަށް ފުރިހަމަކަމާއެކުކަން ފާހަގަކުރައްވައި ރައީސްގެ ޝުކުރު ސިފައިންނަށް

ރައީސުލްޖުމްހޫރިއްޔާ "އޮރެންޖު ހިޔާ" ގެ މަސައްކަތް ކުރެއްވި ސިފައިންނާ ބައްދަލުކުރެއްވުން/ފޮޮޓޯ: އެމްއެންޑީއެފް

15 މޭ 2025، 07:07

އޮރެންޖު ހިޔާގެ މަސައްކަތްތައް ނިންމާލާފައިވަނީ ވަރަށް ފުރިހަމަކަމާއެކުކަން ފާހަގަކުރައްވައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ޝުކުރާއި ތަޢުރީފް ސިފައިންނަށް އޮއްސާލައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވަނީ، މިއަދު މޯލްޑިވްސް ބްލަޑް ސަރވިސަސް، "އޮރެންޖު ހިޔާ" އިމާރާތަށް ބަދަލުކުރުމުގެ މަސައްކަތް ކުރި ސިފައިންނާއި ބައްދަލުކުރައްވާފައެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ ވިދާޅުވީ، ސިފައިންނަކީ ޤައުމު އެދި ގޮވާލާ ކޮންމެ ކަމެއްގައި ވެސް ފަސްޖެހުމެއްނެތި، ހުޝިޔާރުކަމާއި، ޝައުޤުވެރިކަމާ އެކީގައި މަސައްކަތްކުރާ ބައެއްކަމަށެވެ. ހަމަ އެހެންމެ، ސިފައިންނާ ހަވާލުކުރައްވާ ކޮންމެ މަސައްކަތަކުން ވެސް ހާމަކޮށްދެނީ ދިވެހި ރައްޔިތުންނަށް ޓަކައި ސިފައިންގެ ހިތުގައި އޮންނަ ލޯބިކަމުގައި ރައީސް ވަނި ވިދާޅުވެފައެވެ.

މީގެ އިތުރުން ރައީސް ވިދާޅުވީ، އޮރެންޖު ހިޔާގައި ތެލެސީމިއާ ސެންޓަރު ގާއިމުކުރުމުގެ މަސައްކަތަކީ ސަރުކާރުގެ ސިޔާސަތުގެ ތެރެއިން ކަނޑައެޅިގެން ދިޔަ ކަމެއްކަމަށެވެ. ނަމަވެސް، އެކި ސަބަބުތަކާ ހެދި އެކަން ނުކުރެވި އޮއްވައި، ސިފައިންނާ އެ މަސައްކަތް ހަވާލުކުރެއްވީ ތެލެސީމިއާ ކުދިން އުޅޭ ސީރިއަސް ހާލަތު އެނގިވަޑައިގެން، އެފަރާތްތަކަށް ވީހާވެސް އަވަހަކަށް އެންމެ ފުރިހަމަކަމާ އެކު ޚިދުމަތްދިނުމަށްކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ. އަދި މި މަސައްކަތުގައި ސިފައިންގެ އެންމެ މަތީ ލެވެލުން ފެށިގެން ހުރިހާ ލެވެލެއްގައި ބައިވެރިވުން ފެނިގެން ދިޔަކަމާއި، އެތަން ނިންމާލާފައިވަނީ ވަރަށް ފުރިހަމަކަމާ އެކުކަން ފާހަގަކުރައްވައި ރައީސް ވަނީ ސިފައިންނަށް ޝުކުރުއަދާކުރައްވާފަ އެވެ.

މި ރަސްމިއްޔާތުގައި ރައީސް ވަނީ، މޯލްޑިވްސް ބްލަޑް ސަރވިސަސް "އޮރެންޖު ހިޔާ" އިމާރާތަށް ބަދަލުކުރުމުގެ މަސައްކަތް ސިފައިން ކޮށްދެއްވާފައިވާތީ އެކަމުގެ އަގުވަޒަންކޮށް ދިވެހި ސިފައިންނަށް ހަނދާނީ ފިލައެއް އަރުއްވާފައެވެ. އެގޮތުން އެމްއެންޑީއެފް ގެ ފަރާތުން މި ހަނދާނީ ފިލައާ ހަވާލުވެދެއްވީ ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އިބްރާހީމް ޙިލްމީއެވެ. ހަމަ މިއާއެކު، މި މަސައްކަތުގައި ޙަރަކާތްތެރިވި ސިފައިންނަށް ރައީސް ވަނީ އެކަމުގެ އަގުވަޒަންކުރުމުގެ ލިޔުން ވަކިވަކިން ހަވާލުކުރައްވާފައެވެ.
 
މި ރަސްމިއްޔާތުގައި ދިފާޢީ ވަޒީރު އޮނަރަބަލް މުޙައްމަދު ޣައްސާން މައުމޫންއާއި، ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އިބްރާހީމް ޙިލްމީއާއި، އެމްއެންޑީއެފްގެ ޖެނެރަލް އޮފިސަރުންނާއި، އެ މަސައްކަތުގައި ހަރަކާތްތެރިވި ސިފައިން ބައިވެރިވެލެއްވިއެވެ.

މި ލިޔުން ކިޔާލުމުން

Ads by MSS