Ads by Aqeeqa Maldives

ޚަބަރު

ބާ ކައުންސިލުގެ އިންތިޚާބުގައި ވޯޓުލުމަށް ރަޖިސްޓަރީވުމުގެ މުއްދަތު އިތުރުކޮށްފި

ބާ ކައުންސިލުގެ އިންތިޚާބުގައި ވޯޓުލުމަށް ރަޖިސްޓަރީވުމުގެ މުއްދަތު އިތުރުކޮށްފި

އިލެކްޝަންސް ކޮމިޝަންއިން އިންތިޒާމްކޮށްފައިވާ ރިޔާސީ އިންތިހާބަށް ވޯޓްލުމުގެ ތެރެއިން ފޮޓޯ:އިލެކްޝަންސް

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

15 މޭ 2025، 11:12

15 މޭ 2025، 11:12

ދިވެހިރާއްޖޭގެ ބާ ކައުންސިލުގެ އެގްޒެކެޓިވް ކޮމިޓީގެ މަޤާމުތަކަށް މެންބަރުން ހޮވުމަށް ބާއްވާ އިންތިޚާބުގައި އިލެކްޓްރޯނިކް ނިޒާމު މެދުވެރިކޮށް ވޯޓުލުމަށްޓަކައި ރަޖިސްޓަރީވުމުގެ މުއްދަތު އިތުރުކޮށްފިއެވެ. ބާ ކައުންސިލުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ރަޖިސްޓަރީވުމުގެ މުއްދަތު މެއި މަހުގެ 19 ވަނަ ދުވަހުގެ 23:59 އާ ހަމައަށް އިތުރުކޮށްފައިވާ ކަމަށެވެ.

މި އިންތިޚާބު އޮންނާނީ މި މަހުގެ 26 ވަނަ ދުވަހުއެވެ. ކުރިން ވޯޓުލުމަށް ރަޖިސްޓަރީވުމުގެ މުއްދަތު ހަމަވެފައިވަނީ މި މަހުގެ 13 ވަނަ ދުވަހުއެވެ. ނަމަވެސް، އިންތިޚާބުގައި ވޯޓުލުމަށް ކަނޑައެޅި މުއްދަތުގައި ރަޖިސްޓްރީވެފައިނުވާ ފަރާތްތަކަށް އިތުރު ފުރުޞަތު ދިނުމުގެ ގޮތުން މުއްދަތު އިތުރުކުރުމަށް ބާ ކައުންސިލުން ނިންމާފައިވެއެވެ.

ބާ ކައުންސިލުން އިތުރަށް ބުނެފައިވަނީ، މި އިންތިޚާބުގައި ވޯޓުލުމުގެ ޙައްޤު ލިބިފައިވާ ޤާނޫނީ ވަކީލުންގެ ތެރެއިން ވޯޓުލުމަށް ބޭނުންވާ ފަރާތްތަކުން ވޯޓުލުމަށް ރަޖިސްޓަރީވުމަށްޓަކައި، ކަނޑައެޅިފައިވާ ފޯމު މެދުވެރިކޮށް ރަޖިސްޓަރީ ކުރުމަށް އެދޭ ކަމަށެވެ. އަދި އީ-ވޯޓިންގ މެދުވެރިކޮށް ބާ ކައުންސިލުން ކުރިން ބާއްވާފައިވާ އިންތިޚާބެއްގައި ވޯޓުލުމަށް ރަޖިސްޓަރީވެފައިވާ ފަރާތްތަކުގެ މަޢުލޫމާތު ބަދަލުވެފައިވާނަމަ، އެ ފަރާތްތަކުން ވެސް ފޯމު މެދުވެރިކޮށް މަޢުލޫމާތު އަދާހަމަކުރުމަށް އެދިފައިވެއެވެ.

ނަމަވެސް، އީ-ވޯޓިންގ މެދުވެރިކޮށް ބާ ކައުންސިލުން ކުރިން ބާއްވާފައިވާ އިންތިޚާބެއްގައި ވޯޓުލުމަށް ރަޖިސްޓަރީވެފައިވާ ފަރާތްތަކުން އަލުން މި އިންތިޚާބުގައި ވޯޓުލުމަށް ރަޖިސްޓަރީވާކަށް ނުޖެހޭނެކަމަށް ބާ ކައުންސިލުން ބުނެފައިވެއެވެ. އީ-ވޯޓިންގ މެދުވެރިކޮށް ބާ ކައުންސިލުން ކުރިން ބާއްވާފައިވާ އިންތިޚާބުތަކުގައި ވޯޓުލުމަށް ރަޖިސްޓަރީވެފައިވާ ފަރާތްތަކުގެ ދަފުތަރު ގެޒެޓްގައި މިހާރު ވަނީ އާންމުކޮށްފައެވެ.
                    

މި ލިޔުން ކިޔާލުމުން

Ads by MSS