ޚަބަރު
ޢާއިލާތައް ބަދަހިވުމަކީ ޤައުމުގެ ކުރިއެރުން ހަލުވިވެ، ކުރިމަގު އުޖާލާވާނެ ކަމެއް: ރައީސުލްޖުމްހޫރިއްޔާ

ޢާއިލާތަކުގެ ދުވަހުގެ މުނާސަބަތުގައި ތަޙުނިޔާ ދެންނެވުމަށް ރައީސުލްޖުމްހޫރިއްޔާ ޙިއްސާ ކުރެއްވި ޕޯސްޓުގައިވާ ފޮޓޯ ---

ފަރުދުން
15 މޭ 2025، 09:19
15 މޭ 2025، 09:19
ޢާއިލާތައް ބަދަހިވުމަކީ ޤައުމުގެ ކުރިއެރުން ހަލުވިވެ، ކުރިމަގު އުޖާލާވާނެ ކަމެއްކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ މިފަދައިން ވިދާޅުވީ، މިއަދު ބައިނަލްއަޤްވާމީ ގޮތުން ފާހަގަކުރަމުންދާ ޢާއިލާތަކުގެ ދުވަހުގެ މުނާސަބަތުގައި ސޯޝަލް މީޑިއާގައި ޙިއްސާކުރެއްވި ޕޯސްޓެއްގައެވެ.
އެ މަނިކުފާނު ވިދާޅުވެފައި ވަނީ، ޢާއިލާތަކުގެ ގުޅުންތައް ހަރުދަނާ ކުރުމަކީ މާތް ވެގެންވާ އިސްލާމް ދީނުގައި ވެސް ނުހަނު ބާރުއަޅާކަމެއް ކަމުގައެވެ. އަދި ޢާއިލީ ގުޅުންތައް ބަދަހިވުމަކީ ދިރިއުޅުން ފަސޭހަވާނެކަމެއްކަމަށް ވެސް ފާހަގަކުރެއްވެވިއެވެ.
ޢާއިލާތަކުގެ ބައިނަލްއަޤްވާމީ ދުވަހު، ދިވެހި ކޮންމެ ޢާއިލާއަކަށް އަޅުގަނޑު އެދެނީ ފަހިކަމާއި ފާގަތިކަމަށް.
— Dr Mohamed Muizzu (@MMuizzu) May 15, 2025
އިސްލާމްދީން އެންމެ ބޮޑު އިސްކަމެއް ދެނީ ޢާއިލީ ގުޅުންތައް ހަރުދަނާ ކުރުމަށް. ދިވެހި ޢާއިލާތައް ބަދަހިވެ، ފުދުންތެރިވެ، ދިރިއުޅުމުގެ ފަސޭހަތައް އިތުރުވީ ވަރަކަށް ޤައުމުގެ… pic.twitter.com/AIzegXsYcM
ކޮންމެ އަހަރެއްގެ ވެސް މެއި 15 ދުވަސް ފާހަގަ ކުރަމުން އަންނަނީ ބައިނަލްއަޤްވާމީ ޢާއިލާތަކުގެ ދުވަހުގެ ގޮތުގައެވެ.
ޢާއިލީ ގުޅުންތައް ހަރުދަނާކުރުމަށް ސަރުކާރުން ވެސް ނުހަނު އިސްކަމެއް ދެއްވައެވެ. އެގޮތުން ދައުލަތުގެ ބެލުމުގެ ދަށުގައި ތިބި އުމުރުން ދުވަސްވީ މީހުން އެ މީހުންގެ އާއިލާތަކުގެ ބެލުމުގެ ދަށަށް ބަދަލު ކުރުމަށް ސަރުކާރުން އެހީތެރިކަން ދޭން ވަނީ ނިންމަވާފައެވެ.
މީގެ އިތުރުން ވެސް، ސަރުކާރުން ކުރިޔަށްގެންދާ "ހާލު ކިހިނެއް؟" ޕްރޮގްރާމަކީ ޢާއިލާތަކުން ދިރިއުޅެމުންދާ ހާލަތު ދެނެގަތުމަށް ކުރިޔަށްގެންދާ މުހިންމު މަސައްކަތެކެވެ. މި ޕްރޮގްރާމަކީ މާލޭގެ އިތުރުން، އަތޮޅު ތެރޭގައި ވެސް ކުރިޔަށްގެންދަމުން އަންނަ ޕްރޮގްރާމެކެވެ.