Ads by Aqeeqa Maldives

ޚަބަރު

ކްރޮސް ސަބްސިޑީ އުސޫލުން މަތިވެރީގައި އެއަރޕޯޓެއް ތަރައްޤީ ކުރަން ހުޅުވާލައިފި

ކްރޮސް ސަބްސިޑީ އުސޫލުން މަތިވެރީގައި އެއަރޕޯޓެއް ތަރައްޤީ ކުރަން ހުޅުވާލައިފި

މަތިވެރިއަކީ ވަށައިގެން ބޮޑު ފަރެއް އޮންނަ ރަށެއް، ފޮޓޯ: އޮސްޓްރޯވް މޯލްޑިވްސް

15 މޭ 2025، 07:10

ކްރޮސް ސަބްސިޑީ އުސޫލުން އއ. މަތިވެރީގައި އެއަރޕޯޓެއް ތަރައްޤީ ކުރަން ޝައުގުވެރިވާ ފަރާތްތައް ހޯދުމަށް ހުޅުވާލައިފިއެވެ. 

އިމާރާތް ކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވުޒާރާއިން ކުރި އިޢުލާނުގައި ބުނެފައިވާ ގޮތުން، މިކަމަށް ޝައުގުވެރިކަން ފާޅުކުމުގެ ފުރުސަތު ރާއްޖެއާއި ބޭރުގެ ފަރާތްތަކަށް ވެސް އެބައޮތެވެ. އެގޮތުން މަތިވެރީގައި ޑޮމެސްޓިކް އެއަރޕޯޓެއް ތަރައްޤީކުރުމަށް ނުވަތަ ތަރައްޤީކުރުމަށް ފައިނޭންސްކުރުމަށް މާލީ އަދި ފަންނީ ޤާބިލުކަން ސާބިތުކޮށްދެވޭ، ޝަރުތުހަމަވާ ފަރާތްތަކުން އަންނަ މަހުގެ 15 ވަނަ ދުވަހާ ހަމައަށް އެކަން ހުށަހެޅުމަށް ވަނީ ހުޅުވާލާފައެވެ.

ރާއްޖޭގައި މިހާތަނަށް އެއަރޕޯޓެއް ނެތް މަދު އަތޮޅުތަކުގެ ތެރޭގައި ހިމެނޭ އއ. އަތޮޅުގައި މި މަޝްރޫޢު ހިންގަން ސަރުކާރުން ގަސްތުކޮށްފައި ވަނީ ކްރޮސް ސަބްސިޑީ އުސޫލުންނެވެ. މި މޮޑެލްގެ ދަށުން، ހޮވޭ އިންވެސްޓަރަށް އެ ވަސީލަތުގެ ރައުސުލްމާލު އަދި ހިންގުމުގެ ޚަރަދުތައް އަނބުރާ ހޯދުމަށް ވިޔަފާރީގެ ގޮތުން ފައިދާ ލިބޭނެ ބައިތަކެއް ހުށަހެޅިދާނެއެވެ. ނުވަތަ ކޮންޓްރެކްޓަރ ފައިނޭންސިންގ، ޕީޕީޕީ މޮޑެލް ނުވަތަ ލޯނު ފައިނޭންސިންގ މެދުވެރިކޮށްވެސް ކުރިއަށް ގެންދެވިދާނެކަމަށް ވެސް އިމާރާތް ކުރުމާ ބެހޭ ވުޒާރާއިން ހާމަކުރެއެވެ.

މި މަޝްރޫޢުގައި މައިގަނޑު ގޮތެއްގައި ހިމެނެނީ 1500 މީޓަރުގެ ދިގު 30 މީޓަރު ފުޅާ ރަންވޭއެއް ތަރައްޤީކުރުމާއި ޓެކްސީވޭއާއި އޭޕްރަންގެ އިތުރުން ފަސިންޖަރ ޓާމިނަލާއި ފަޔަރަ ސްޓޭޝަންގެ އިތުރުން އެއަރޕޯޓުގެ ޚިދުމަތްދޭ މަގުތައް ތަރައްޤީކުރުމެވެ.

މި އަހަރު އަލަށް ފަށާ މަޝްރޫޢުތަކުގެ ތެރޭގައި އއ. މަތިވެރި އެއަރޕޯޓު އެޅުމުގެ މަސައްކަތް ހިމެނޭ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ މިދިޔަ އަހަރު ވިދާޅުވެފައެވެ. ރައީސް ވިދާޅުވެފައިވަނީ މަތިވެރީގައި އެއަރޕޯޓެއް އެޅުމަކީ އިގްތިސާދީ ގޮތުން ދެކޮޅު ޖެހޭ ކަމެއްކަމަށެވެ. އެހެންކަމުން މި އަހަރު އެންމެ އިސްކަމެއް ދީގެން އަލަށް ފަށާ އެއަރޕޯޓު މަޝްރޫޢުތަކުގެ ތެރޭގައި މަތިވެރި އެއަރޕޯޓު އެޅުން ކުރިއަށް ގެންދާނެ ކަމުގެ ޔަގީންކަން އެމަނިކުފާނު ދެއްވިއެވެ.

ފުޅާ ދާއިރާއެއްގައި ފަތުރުވެރިކަން ކުރަމުން އަންނަ އއ. އަތޮޅަށް މިއީ މުހިންމު މަޝްރޫޢެއްކަމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ސިފަކުރައްވާފައެވެ. މި އަތޮޅަކީ ރަށު ފަތުރުވެރިކަން ބާރު ސްޕީޑެއްގައި ފުޅާވަމުން އަންނަ ރަށްތައް ހިމެނޭ އަތޮޅެކެވެ.

މި ލިޔުން ކިޔާލުމުން

Ads by MSS