ޚަބަރު
ސަރުކާރު އޮފީސްތަކުގެ ވެރީންގެ ހުނަރު އިތުރުކުރުމުގެ ޕްރޮގްރާމެއް ފަށައިފި

އެގްޒެކެޓިވް ޑިވެލޮޕްމަންޓް ޕްރޮގްރާމްގައި ޢަފީފް ޙުސައިން ސެޝަން ނަންގަވަނީ، ފޮޓޯ: ރައީސުލްޖުމްހޫރިއްޔާގެ އޮފީސް

ފަރުދުން
14 މޭ 2025، 08:26
14 މޭ 2025، 08:26
ސަރުކާރު އޮފީސްތަކުގެ ވެރީންގެ ހުނަރު އިތުރުކުރުމުގެ ޕްރޮގްރާމެއް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިއަދު ފަށައިފިއެވެ.
"އެގްޒެކެޓިވް ޑިވެލޮޕްމަންޓް ޕްރޮގްރާމް 2025-2027" ގެ ނަމުގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޕޮލިޓިކަލް އެފެއަރޒް އޮފީހުގެ، ޕޮލިޓިކަލް އެޕޮއިންޓީޒް ޕަރފޯމަންސް މެނޭޖްމަންޓް ޔުނިޓްގެ އިސްނެގުމަށް، ސިވިލް ސަރވިސް ޓްރެއިނިންގ އިންސްޓިޓިއުޓާއި ފޮރިން ސަރވިސް އިންސްޓިޓިއުޓް އޮފް މޯލްޑިވްސް ގުޅިގެން ކުރިއަށް ގެންދާ މި ޕްރޮގްރާމުގެ ފުރަތަމަ ސެޝަން ބާއްވާފައިވަނީ ސަލްމާން މިސްކިތުގައެވެ.
މި ޕްރޮގްރާމުގެ މިއަދުގެ ސެޝަން ކުރިޔަށް ގެންދަވާފައިވަނީ ޢަފީފް ޙުސައިންއެވެ. ޢަފީފުގެ މަޢުޟޫޢު ޚާއްޞަ ކުރައްވާފައިވަނީ "ލީޑިންގ އެންޑް ޓްރާންސްފޯމިންގ އަ ނޭޝަން ތްރޫ ސަރވިސް އެކްސެލެންސް ކަލްޗަރ" ނުވަތަ، ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމުގެ ޘަޤާފަތެއްގެ ތެރެއިން ޤައުމުގެ ތަޞައްވުރު ބަދަލުކުރުމުގެ މައްޗަށެވެ.
މި ސެޝަންގައި ދައުލަތުގެ އެކި ވުޒާރާތަކުގެ މުވައްޒަފުން ވަނީ ބައިވެރިވެވަޑައިގެންފައެވެ.
މި ޕްރޮގްރާމުގެ މައިގަނޑު އެއް މަޤުސަދަކީ ދައުލަތުގެ މުވައްޒަފުންނާއި ސިޔާސީ ގޮތުން ޢައްޔަންކުރެވޭ ބޭފުޅުންވެސް ހިމެނޭހެން ހުރިހާ ފަރަތްތަކެއްގެ ޕަރފޯމަންސް ހަރުދަނާކުރުމެވެ.
މި ޕްރޮގްރާމްގެ ދަށުން، ހިންގުމުގެ ހުނަރުތައް ދަސްކޮށްދިނުމާއި، އިދާރާތަކުގެ މެދުގައި މުޢާމަލާތްކުރުމުގައި ހުރި ހިރާސްތައް ހަމަޖެއްސުމާއި، އިދާރީ އޮނިގަނޑަށް ގެނެވޭނެ ހެޔޮ ބަދަލުތަކުގެ މައްޗަށް އަލިއަޅުވާލާނެއެވެ. މިޕްރޮގްރާމް ހިންގުމަށް ހަމަޖެހިފައިވަނީ އިންޓަރެކްޓިވް ލެކްޗަރތަކާއި، ސެމިނަރ، އަދި މަސައްކަތު ބައްދަލުވުންތަކާއި، ދާއިރާގެ ތަޖުރިބާކާރުންގެ ސެޝަންތައް ހިމަނައިގެންނެވެ.