Ads by Aqeeqa Maldives

ޚަބަރު

ފޯނު ބަލަމުން ސައިކަލް ދުއްވި މީހަކަށް ތިން އަދަބެއް ދީފި

ފޯނު ބަލަމުން ސައިކަލް ދުއްވި މީހަކަށް ތިން އަދަބެއް ދީފި

މާލޭގެ މަގުމަތީގެ ޓްރެފިކް ފްލޯރ ބެލެހެއްޓުމަށް ފުލުހަކު ހަރަކާތްތެރިވަނީ، ފޮޓޯ: ފަޔާޒް މޫސާ

14 މޭ 2025، 07:22

 ފޯނު ބަލަމުން ސައިކަލް ދުއްވި މީހަކަށް ދިވެހި ފުލުހުންގެ ޚިދުމަތުން ތިން އަދަބެއް ދީފިއެވެ.

 ސޯޝަލް މީޑިއާގައި އާންމުވި މި މީހާގެ ވީޑިއޯގައި ފެންނަ ގޮތުން، އޭނާ ސައިކަލު ދުއްވަމުން ދިޔައީ އެއް އަތުން ފޯނު ހިފަހައްޓައިގެން އަދި އަނެއް އަތުން ސައިކަލުގެ ހުންގާނުގައި ހިފަހައްޓައިގެންނެވެ. އެ ވަގުތު އޭނާ ބަލަމުން ދިޔައީ ފޯނުގެ ސްކްރީނަށެވެ. ވީޑިއޯގެ ކެޕްޝަނާއި ކޮމެޓުތައް ހުރި ގޮތުން ބެލެވެނީ، އޭނާ ބަލަމުން ދިޔައީ ފުޓުބޯޅަ މެޗެއް ކަމަށެވެ. ފަހަތު ސީޓުގައި އިތުރު މީހެއް ވެސް އިނެވެ.

އެންމެ ފަހުން މި ވީޑިއޯ ފުލުހުންގެ ސަމާލުކަމަށް އައިސް، ސައިކަލް ދުއްވަން އިން މީހާ ހޯދުމަށްފަހު މިހާރު ވަނީ އޭނާއަށް ފިޔަވަޅުތަކެއް ވެސް އަޅާފައެވެ. އެގޮތުން އޭނާ ދުއްވަން އިން ސައިކަލު 30 ދުވަހުގެ މުއްދަތަށް ޓޯވްކުރުމާއި، އޭނާގެ ލައިސަންސް ހިފެހެއްޓުމުގެ އިތުރުން އޭނާ ވަނީ 2،000ރ. އިން ޖޫރިމަނާ ކޮށްފައެވެ. 

މި މައްސަލައާ ގުޅިގެން ފުލުހުން ވަނީ މަގު މަތީގެ ޤަވާއިދުތަކަށް ހުރުމަތްތެރިކޮށް ހިތުމަށް އިލްތިމާސްކޮށްފައެވެ. 

ތިމާ އާއި، މަގު ބޭނުންކުރާ އެންމެހައި ފަރާތްތަކުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި، ޓްރެފިކް ގަވާއިދުތަކަށް ފުރިހަމައަށް ހުރުމަތްތެރިކޮށް ހިތުމަކީ ކޮންމެ ފަރުދެއްގެވެސް ޒިންމާއެކެވެ.

ފުލުހުން ކުރި ޕޯސްޓުގައި ވެއެވެ.

 މޯބައިލް ފޯނު ފަދަ އެއްވެސް އިލެކްޓްރޯނިކް ވަސީލަތެއް އަތުން ހިފައިގެން އެއްގަމު އުޅަނދު ދުއްވުމަކީ އެއްގަމު އުޅަނދު ދުއްވުމުގެ އާންމު ގަވާއިދުގެ ދަށުން މަނާ ކަމެކެވެ. އަދި ހެޑްސެޓު ބޭނުން ކުރުމުގެ އިތުރުން އެހެން މީހެއްގެ އެހީތެރިކަމާއެކުގައި ވެސް ފޯނުން ވާހަކަ ދެއްކުން ވެސް ވަނީ މި ގަވާއިދުގައި މަނާކޮށްފައެވެ.

މި ލިޔުން ކިޔާލުމުން

Ads by MSS