ޚަބަރު
ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރު ކެނެޑާގެ އައު ޚާރިޖީ ވަޒީރަށް ތަހުނިޔާގެ މެސެޖެއް ފޮނުއްވައިފި

ދިވެހިރާއްޖެއާއި ކެނެޑާގެ ދިދަ/ފޮޓޯ: ޝަޓަރސްޓޮކް
ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލް ކެނެޑާގެ އައު ޚާރިޖީ ވަޒީރު އަނީތާ އާނަންދުއަށް ތަހުނިޔާގެ މެސެޖެއް ފޮނުއްވައިފި އެވެ.
މި މެސެޖުގައި ވަޒީރު ޑރ. ޚަލީލް ވިދާޅުވީ، ކެނެޑާގެ ޚާރިޖީ ވަޒީރުކަމުގެ މަޤާމަށް އެ ކަމަނާ އައްޔަނުކުރެއްވުމާއި ގުޅިގެން ދިވެހި ސަރުކާރާއި، ދިވެހި ރައްޔިތުންނާ، އަދި އެ މަނިކުފާނުގެ އަމިއްލަ ނަމުގައި ވަރަށް އިޚްލާސްތެރިކާމާއެކު ތަހުނިޔާ އާއި މުބާރިކުބާދީ ދަންނަވާކަމަށެވެ. ހަމަ އެހެންމެ، ދިވެހިރާއްޖެ އާއި ކެނެޑާ އާއި ދެމެދު އޮތް ޒަމާންވީ ރަޙްމަތްތެރިކަމުގެ ގުޅުމަކީ ދިވެހިން ވަރަށް ޤަދަރުކޮށް އަގުވަޒަންކުރާ ގުޅުމެއްކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ.
މީގެ އިތުރުން ވަޒީރު ވިދާޅުވީ، އަނީތާ އާނަންދުގެ ވަޒީރުކަމުގެ ދައުރުގައި ދެ ޤައުމަށް ވެސް ފައިދާކުރުވަނިވި ގޮތެއްގައި ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިވެގެންދާނެކަމުގެ ޔަޤީންކަން އަރުވާ ކަމަށެވެ. ހަމަ މިއާއެކު، ކުރިއަށް އޮތް ދުވަސްތަކުގައި ދިވެހިރާއްޖެ އާއި ކެނެޑާގެ މަޤްޞަދުތައް ޙާޞިލްކުރުމަށްޓަކައި ކެނެޑާގެ ޚާރިޖީ ވަޒީރާއި ގުޅިގެން، ގާތުން މަސައްކަތް ކުރައްވަން އުންމީދުކުރައްވާ ކަމަށް ވަޒީރު ވަނީ ވިދާޅުވެފައެވެ.
ވަޒީރުގެ މެސެޖު ނިންމަވާލައްވާފައިވަނީ، ކެނެޑާގެ ޚާރިޖީ ވަޒީރަށް ކުރައްވާ މަތިވެރި ޤަދަރު އާކުރައްވާ އެކަން ޔަޤީންކޮށް އެރުއްވުމަށް ފަހުގައެވެ.