ޚަބަރު
އަޒްމިރަލްދާ އާއި މަހާޒު ފަނޑިޔާރުކަމުން ވަކިކޮށްފި

ފަނޑިޔާރު އަޒްމިރަލްދާ، މަހާޒް އަދި ޙުސްނުއްސުޢޫދު. ފޮޓޯ: ރައީސް އޮފީސް
ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މަޤާމުގައި ތިބި އަޒްމިރަލްދާ ޒާހިރު އާއި މަހާޒް ޢަލީ ޒާހިރު ފަނޑިޔާރު ކަމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހުން ނިންމައިފިއެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުން ޑރ. އަޒްމިރާލްދާ ޒާހިރު އާއި މަހާޒު އަލީ ޒާހިރު ވަކިކުރަން ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ)ން ނިންމީ އަޒްމިރާލްދާގެ ފިރިކަލުން ކްރިމިނަލް ކޯޓުން ދޫކޮށްލުމުގައި އެ ކޯޓުގެ ފަނޑިޔާރުންނަށް ނުފޫޒު ފޯރުވި ކަމަށް ބުނާ ސުލޫކީ މައްސަލައެއްގައެވެ.
ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީން މެއި 11 ގައި ބޭއްވި ސިއްރު ބައްދަލުވުމެއްގައި، ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަޒްމިރަލްދާ އަދި ފަނޑިޔާރު މަހާޒު މަޤާމުން ވަކިކުރުމަށް ވަނީ ފާސްކޮށްފައެވެ.
މި ނިންމުން ނިންމާފައިވަނީ، އަޒްމިރަލްދާގެ ފިރިކަލުން ޑރ. އިސްމާއީލް ލަތީފްގެ މައްސަލައިގައި ކްރިމިނަލް ކޯޓަށް ނުފޫޒު ފޯރުވި ކަމަށް ތުހުމަތުކުރެވޭ މައްސަލައާ ގުޅިގެންނެވެ.
ޖޭއެސްސީން މި މައްސަލަ ތަހުޤީޤުކޮށް، ދެ ފަނޑިޔާރުން ވަކިކުރުމަށް ހުށަހަޅާފައިވާ ރިޕޯޓު ޖުޑީޝަރީ ކޮމިޓީމިޓީން ވަނީ ރަނގަޅު ކަމަށް ނިންމާފައެވެ.
މިދެބޭފުޅުން ފަނޑިޔާރުކަމުގެ މަޤާމުން ވަކިކުރުމަށް މިއަދު މަޖިލީހުގައި ވަކިވަކިން ނެގި ވޯޓުގައި ދެ ފަނޑިޔާރުންވަކިކުރުމަށް ފާސްވީ 68 މެންބަރުންގެ ވޯޓުންނެވެ.