ޚަބަރު
ފަނޑިޔާރު އަޒްމިރަަލްދާ އާއި ފަނޑިޔާރު މަހާޒުގެ މައްސަލާގައި ގޮތް ނިންމުން މާދަމާގެ މަޖިލިސް ޖަލްސާއަށް ތާވަލުކޮށްފި

ފަނޑިޔާރު އަޒްމިރަލްދާ، މަހާޒް އަދި ޙުސްނުއްސުޢޫދު. ފޮޓޯ: ރައީސް އޮފީސް
ފަނޑިޔާރު އަޒްމިރަލްދާ ޒާހިރު އާއި މަހާޒު އަލީ ޒާހިރުގެ މައްސަލާގައި ގޮތް ނިންމުން މާދަމާގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް ތާވަލުކޮށްފިއެވެ.
މި މައްސަލައަކީ އެ ދެ ފަނޑިޔާރުންގެ ސުލޫކީ މައްސަލައެއް ބަލާފައިވަނީ ރަނގަޅަށްކަމަށް ކަނޑައަޅައި ޖުޑިޝަރީ ކޮމިޓީއިން ނިންމި ނިންމުމެކެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުން ޑރ. އަޒްމިރާލްދާ ޒާހިރު އާއި މަހާޒު އަލީ ޒާހިރު ވަކިކުރަން ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ)ން ނިންމީ އަޒްމިރާލްދާގެ ފިރިކަލުން ކްރިމިނަލް ކޯޓުން ދޫކޮށްލުމުގައި އެ ކޯޓުގެ ފަނޑިޔާރުންނަށް ނުފޫޒު ފޯރުވި ކަމަށް ބުނާ ސުލޫކީ މައްސަލައެއްގައެވެ.
މާދަމާގެ ޖަލްސާއަށް މި މައްސަލަ އެޖެންޑާކޮށްފައިވާއިރު މި މައްސަލާގައި ޖުޑިޝަރީ ކޮމިޓީން ދިރާސާކޮށް ނިންމި ގޮތުގެ ރިޕޯޓް އިއްވާނެއެވެ.
ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީން މެއި 11 ގައި ބޭއްވި ސިއްރު ބައްދަލުވުމެއްގައި، ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަޒްމިރަލްދާ އަދި ފަނޑިޔާރު މަހާޒު މަޤާމުން ވަކިކުރުމަށް ވަނީ ފާސްކޮށްފައެވެ.
މި ނިންމުން ނިންމާފައިވަނީ، އަޒްމިރަލްދާގެ ފިރިކަލުން ޑރ. އިސްމާއީލް ލަތީފްގެ މައްސަލައިގައި ކްރިމިނަލް ކޯޓަށް ނުފޫޒު ފޯރުވި ކަމަށް ތުހުމަތުކުރެވޭ މައްސަލައާ ގުޅިގެންނެވެ.
ޖޭއެސްސީން މި މައްސަލަ ތަހުޤީޤުކޮށް، ދެ ފަނޑިޔާރުން ވަކިކުރުމަށް ހުށަހަޅާފައިވާ ރިޕޯޓު ޖުޑީޝަރީ ކޮމިޓީމިޓީން ވަނީ ރަނގަޅު ކަމަށް ނިންމާފައެވެ.
އަޒްމިރަލްދާ އާއި މަހާޒުގެ މައްސަލަ މިހާހިސާބަށް ގޮސްފައި އޮތުމުން މިހާރު ސުޕްރީމް ކޯޓުގެ ބެންޗުގައި ތިއްބެވީ ހަތަރު ފަނޑިޔާރުންނެވެ.