Ads by Aqeeqa Maldives

ޚަބަރު

ކުވައިތުން ރާއްޖޭގެ ޞިއްޙީ ނިޒާމު ހަރުދަނާ ކުރުމަށް ދެއްވާ އެހީތެރިކަމަށް ޚާރިޖީ ވަޒީރު ޝުކުރު އަދާކުރައްވައިފި

ކުވައިތުން ރާއްޖޭގެ ޞިއްޙީ ނިޒާމު ހަރުދަނާ ކުރުމަށް ދެއްވާ އެހީތެރިކަމަށް ޚާރިޖީ ވަޒީރު ޝުކުރު އަދާކުރައްވައިފި

ޚާރިޖީ ވަޒީރު ޚަލީލް ކުވައިތުގެ ޚާރިޖީ ވަޒީރާއި ބައްދަލުކުރެއްވުން. ފޮޓޯ: ޚާރިޖިއްޔާ

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

13 މޭ 2025، 09:03

13 މޭ 2025، 09:03

ހުލާސާ


ކުވައިތުން ރާއްޖޭގެ ޞިއްޙީ ނިޒާމި ހަރުދަނާ ކުރުމަށް ދެއްވާ އެހީތެރިކަމަށް ޚާރިޖީ ވަޒީރު ޑރ ޢަބްދުﷲ ޙަލީލް ޝުކުރުއަދާކުރައްވައިފިއެވެ. 

ވަޒީރު ޚަލީލް ވަނީ މިއަދު ކުވައިތުގެ ޚާރިޖީ ވަޒީރު ޢަބްދުﷲ ޢަލީ އަލް ޔަހްޔާއާ ބައްދަލުކުރައްވައިިފައެވެ. 

މިބައްދަލުުރެއްވުމުގައި ދިވެހިރާއްޖެއާއި ކުވައިތާއި ދެމެދު އުފެދިފައިވާ ޒަމާންވީ އަޙްވަންތަ ގުޅުމުގެ މައްޗަށް ދެ ވަޒީރުންވެސް އަލިއަޅުވާލައްވައި، ދެޤައުމުގެ ދެމެދު ގުޅުން އިތުރަށް ހަރުދަނާކޮށް ބަދަހިކުރުމުގެ މައްޗަށް މަޝްވަރާ ކުރެއްވިކަމަށް ޚާރިިޖިއްޔާއިން ބުނެފައިވެއެވެ. 

އަދި އިސްލާމްދީނުގެ މަތިވެރި އަސާސްތަކުގެ މައްޗަށް ބިނާވެފައިވާ ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމަށާއި އިޤްތިޞާދީ ރޮނގުންނާއި، ވިޔަފާރި އާއި އިންވެސްޓްމަންޓްގެ ދާއިރާއިންނާއި، ސިއްހީ ނިޒާމް ހަރުދަނާ ކުރުމުގެ ގޮތުންނާއި، އިޔާދަކުރަނިވި ހަކަތައިގެ ދާއިރާއިން ގުޅުން އިތުރަށް ހަރުދަނާކުރުމާ ގުޅޭގޮތުން ވަޒީރު ޚަލީލު، ކުވައިތުގެ ޚާރިޖީ ވަޒީރާއި މަޝްވަރާކުރެއްވިއެވެ. އަދި މީގެ އިތުރުންވެސް ދެ ޤައުމުގެ މަޞްލަޙަތުތައް ކުރިއެރުވުމަށާއި ދެމެހެއްޓެނިވި ތަރައްޤީ ޙާޞިލްކުރެއްވުމަށް އޮތް ޢަޒުމް ދެ ވަޒީރުންގެ މަޝްވަރާތަކުން ހާމަވެގެންދިޔައެވެ.

ދިވެހިރާއްޖޭގެ ތަރައްޤީގެ ތަފާތު އެކި މަޝްރޫޢުތަކަށް ކުވައިތު ސަރުކާރުން ފޯރުކޮށްދެމުންދާ އެހީތެރިކަމަށް ކުވައިތު ސަރުކާރުގެ އިސްވެރިންނަށް ޚާރިޖީ ވަޒީރު ޝުކުރުއަދާކުރެއްވިއެވެ.

 ހާއްސަގޮތެއްގައި ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް ތަރައްޤީ ކުރުމުގެ މަޝްރޫޢަށް ކުވޭތު ފަންޑް ފޯ އިކޮނޮމިކް ޑިވެލޮޕްމެންޓްގެ އެހީތެރިކަމާއި، ދިވެހިރާއްޖޭގެ ސިއްޙީ ނިޒާމު ހަރުދަނާ ކުރުމަށް ދެއްވާ އެހީތެރިކަން ޚާރިޖީ ވަޒީރު ފާހަގަކޮށްލެއްވިއެވެ. މީގެ އިތުރުން ވަޒީރު ޑރ.ޢަބްދުالله ޚަލީލްވަނީ ކުވައިތުން ރާއްޖެއަށް ފޯރުކޮށްދެމުން ގެންދާ އެހީތެރިކަމަށް ޝުކުރު އަދާކުރައްވައި، މި ދަތުރުފުޅަށްފަހު ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިވެގެންދާނޭކަމަށް އުންމީދުކުރައްވާކަމަށް ވިދާޅުވެފައެވެ. 

މި ލިޔުން ކިޔާލުމުން

Ads by MSS