ޚަބަރު
ރެކްރޫޓިން ނެޓްވޯކެއްގެ އަޑީގައި ހުރި ބިދޭސީއަކަށް ދައުވާކޮށްފި، އެކައުންޓުގައި 8 މިލިއަން ދައުރުކޮށްފައިވޭ

މަނީލޯންޑަރިންގެ މައްސަލާގައި ދައުވާކޮށްފައިވާ ޝަހާދަތު ޙުސެއިން ---
ޤަވާއިދާ ޚިލާފަށް ބިދޭސީން ރެކްރޫޓު ކުރުމުގެ ނެޓްވޯކެއްގެ އަޑީގައި ހުރި އެހެން ބިދޭސީއަކަށް ދައުވާ ކުރުމަށް ޕްރޮސެކިއުޓަރ ޖެނެރަލް (ޕީޖީ) އޮފީހަށް ފޮނުވާފައިވާކަމަށް ފުލުހުން ހާމަކޮށްފިއެވެ.
މިއަދު އިސްކަންދަރު ކޮށީގައި އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި، މި މައްސަލައާ ގުޅިގެން މަޢުލޫމާތު ދެއްވަމުން ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް އަހުމަދު އަޒްމަތު އަބްދުﷲ ވިދާޅުވީ، މި މައްސަލާގައި ހިމެނެނީ އުމުރުން 34 އަހަރުގެ ޝަހާދަތު ޙުސެއިން ނަމަކަށް ކިޔާ ބަނގުލަދޭޝް ރައްޔިތެއް ކަމަށާއި، އޭނާގެ ނަމުގައި ހަދާފައިވާ ބޭންކު އެކައުންޓުތަކުގައި 8 މިލިއަން ރުފިޔާ ދައުރުކޮށްފައިވާކަން ހާމަވެފައިވާ ކަމަށެވެ.
ޤާނޫނާއި ޚިލާފަށް ރާއްޖެއަށް ބިދޭސީން ގެނައުމުގެ ވިޔަފާރިކޮށް، ޖިނާއީ ކުށްކޮށްގެން ފައިސާ ހޯދައި މަނީ ލޯންޑަރ ކޮށްފައިވާކަމަށް ފުލުހުންގެ އިންޓަލިޖެންސަށް ލިބުނު މައުލޫމާތަކާއި ގުޅިގެން ކޯޓު އަމުރެއްގެ ދަށުން ޝަހާދަތު ހުސެއިން ހައްޔަރުކޮށް މައްސަލަ ތަހުޤީގުކޮށްފައިވާއިރު، އޭނާ އަކީ ރާއްޖޭގައި 2014 ވަނަ އަހަރުން ފެށިގެން އުޅެމުންދާ މީހެއްކަން އެނގުނުކަމަށް ފުލުހުން ހާމަކުރިއެވެ.
އަދި އޭނާގެ ވަޒީފާ އެއްބަސްވުމުގައި ވާގޮތުން، އޮފީސް ބޯއީއެއްގެ މަގާމުގައި އޭނާ ހުރި ނަމަވެސް، އޭނާގެ މުސާރައަކީ 3000 އެމެރިކާ ޑޮލަރެވެ. އަދި އޭނާގެ ނަމުގައި ދިވެހި ރުފިޔާގެ 3 އެކައުންޓާއި އެމެރިކާ ޑޮލަރުގެ 3 އެކައުންޓު ހުޅުވާފައި އޮތްކަން ފާހަގަވެފައިވާކަމަށް ވެސް ފުލުހުން ހާމަކުރިއެވެ.
މީގެ އިތުރުން، ބިދޭސީން ގެނައުމުގެ ވިޔާރި ފުޅާދާއިރާއެއްގައި ކޮށްފައިވާކަން އޭނާގެ ފޯނުންނާއި ލެޕްޓޮޕުން ލިބުނު މަޢުލޫމާތުން އެނގިފައިވާކަމަށް ވެސް ފުލުހުން ވަނީ ހާމަކޮށްފައެވެ. އެގޮތުން ގިނަ ކުންފުނިތަކާއި، އަމިއްލަ ފަރުދުންނާއި، ވިޔަފާރިތަކުގެ ނަމުގައި ބިދޭސީން ރާއްޖެއަށް ގެނަސްފައިވާކަން ހާމަވެފައިވާކަން ފާހަގަކުރެއްވެވިއެވެ.
މިތަކެތި ފެނިފައިވުމުން ޝަހާދަތު ހުސެއިން އަކީ ވަރަށް ފުޅާ ދާއިރާއެއްގައި ރާއްޖެއަށް ބިދޭސީން އެތެރެކޮށް އެކަމުން މާލީ މަންފާ ހޯދާ ފަރާތެއްކަން. އޭނާގެ ފޯނާއި ލެޕްޓޮޕުން ފެނުނު މައުލޫމާތަށް ބަލާއިރު އަމިއްލަ ފަރުދުންގެ ނަމުގައި 153 އެކައުންޓުގެ އައިޑީ ޕާސްވޯޑާއެކު، ފޮރިން 7 އެކައުންޓު އައިޑީ ޕާސްވޯޑާއެކު، ޕްރައިވެޓް ލިމިޓެޑް ކުންފުނިތަކުގެ ނަމުގައި 283 އައިޑީ ޕާސްވޯޑާއެކު އެކު، އަމިއްލަ ފަރުދުން ނަމުގައި 126 ފަރާތްތާއެކު އަދި ޕާޓްނަރޝިޕް ނަމުގައި 5 އައިޑީ ފެނިފައިވޭ.
ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް އަހުމަދު އަޒްމަތު އަބްދުﷲ ވިދާޅުވިއެވެ.
އަދި އޭނާ އެ މަސައްކަތް ކުރަމުން ދިޔައީ އިމިގްރޭޝަން މުވައްޒަފުންނާއި ގުޅިގެންކަމަށާއި، އެކަން އޭނާގެ ފޯނުން ފެނުނު ލިއެކިއުންތަކުންނާއި، ޗެޓްލޮގުތަކުން ހާމަވެފައިވާކަމަށް ވެއެވެ.
ޝަހާދަތު ހުސެއިންގެ މި މަސައްކަތުގައި މޯލްޑިވްސް އިމިގްރޭޝަންގައި މަސައްކަތް ކުރާ ބަޔަކާއި، ދިވެހިންގެ އާންމު އެތައް ބަޔަކު ޝަހާދަތު ހުސެއިން އާއި ގުޅިގެން ކުންފުނިތަކުގެ ކޯޓާ ނަގާ ބިދޭސީން އެތެރެކޮށް އެ ބިދޭސީންނަށް ވަޒީފާއެއް ނުދީ މާލެ ތެރެއަށް ދޫކޮށްލާ މާލީ މަންފާ ހޯދާ ކަމަށް ބެލެވޭ. މީގެ އިތުރުން އޭނާ ފޯނުން ސައްޙަ ނޫން ވޯކް ޕާމިޓް ލިއެކިއުންތައް ފޮނުވާ ބަންގްލަދޭޝްގައި ހުޅުވާފައިވާ އެކައުންޓްތަކަށް ފައިސާ ޖަމާކުރުވާކަން ހޯދިފައިވޭ.
ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް އަހުމަދު އަޒްމަތު އަބްދުﷲ ވިދާޅުވިއެވެ.
ފުޅާ ދާއިރާއެއްގައި ބިދޭސީން ގެނައުމުގެ ވިޔަފާރިއެއް ކުރަމުން ދިޔަ ޝަހާދަތުގެ އެކައުންޓުތަކުގައި 8 މިލިއަން ރުފިޔާ ވަނީ ދައުރުކޮށްފައެވެ. އަދި އޭނާ އަމިއްލަ އެކައުންޓުން އެކްސްޕެޓް ސިސްޓަމަށް މިލިއަނަކަށް ވުރެ ގިނަ ރުފިޔާ ދެއްކިކަން ފުލުހުން ތަހުޤީޤުން ވަނީ ދެނެގަނެފައެވެ. މި މައްސަލަ އިތުރަށް ތަހުޤީޤުކުރަމުން ގެންދާކަމަށް ފުލުހުން ވިދާޅުވެއެވެ.