Ads by Aqeeqa Maldives

ޚަބަރު

އައިޖީއެމްއެޗްގެ ފިރިހެން ނަރުހަށް ގަނާކުރި މައްސަލަ އެ ހޮސްޕިޓަލުން ކުށްވެރިކޮށްފި

އައިޖީއެމްއެޗްގެ ފިރިހެން ނަރުހަށް ގަނާކުރި މައްސަލަ އެ ހޮސްޕިޓަލުން ކުށްވެރިކޮށްފި

އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް ---

13 މޭ 2025، 07:14

ބައިނަލްއަޤްވާމީ ނަރުހުންގެ ދުވަހާ ގުޅިގެން އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް)ގެ ފިރިހެން ނަރުހަކު "މެންދުރު ޓީވީ"އަށް ދިން އިންޓަވިއުއަކަށްފަހު، އޭނާއަށް ސޯޝަލް މީޑިއާގައި ބައެއް ފަރާތްތަކުން ގަނާކޮށްފައިވާތީ، އެ ހޮސްޕިޓަލުން އެކަން ކުށްވެރިކޮށްފިއެވެ.

މި ނަރުހަށް ގަނާކޮށްފައިވަނީ އިންޓަވިއުއަށްފަހު އެ ޓީވީން، އިންޓަވިއުގެ ބައެއް ތަންތަންކޮޅު ސޯޝަލް މީޑިއާއަށް ދޫކޮށްލި ހިސާބުންނެވެ. އެ ވީޑިއޯގައި އޭނާ ހިއްސާކުރީ  އިންސާނިއްތަށްޓަކާ ނަރުހުން ކޮށްދޭ ޚިދުމަތުގެ ވާހަކައެވެ. އެފަދަ މުހިންމު މަސައްކަތެއް ކުރާ ފަރާތްތަކެއްގެ އަގުވަޒަންކުރަން އެފަދަ ދުވަހެއް ފާހަގަކުރުމުގެ މުހިންމުކަމުގެ ވާހަކައެވެ.

އެ ވީޑިއޯ ވައިރަލްވީ އެ މަޢުލޫމާތުގައި ކުށެއް އޮވެގެނެއް ނޫނެވެ. ނަމަވެސް އޭނާއަށް ވާހަކަ ދެއްކޭ ގޮތުންނެވެ. ގިނަ ބަޔަކު ވަނީ އޭނާއަށް ވާހަކަ ދެއްކޭ ގޮތަށް މަލާމާތްކޮށް، ނާތަހުޒީބު ކޮމެންޓުތައް ވެސް ކޮށްފައެވެ.

މިކަމާ ގުޅިގެން އައިޖީއެމްއެޗްއިން ނެރުނު ބަޔާނުގައި ބުނީ، ނަރުހުންނަށް ނިސްބަތްކޮށް ސޯޝަލް މީޑިއާގެ ޕްލެޓްފޯމްތަކުގައި އެފަދަ ޢަމަލުތައް ހިންގުމަކީ މުޅި ނާރސިން ޕްރޮފެޝަނަށް ކުރެވޭ ބޭއިޚްތިރާމެއް ކަމަށެވެ. އަދި މިކަން އިޖުތިމާއީ ގޮތުން ބަލައިނުގަނެވޭނެކަމަށް ހާމަކޮށްފައިވެއެވެ.

މީގެ އިތުރުން، ނާރސިން ޕްރޮފެޝަންގައި އަންހެން ނަރުހުންނެކޭ އެއްފަދައިން ފިރިހެން ނަރުހުންގެ ދައުރު ވެސް ބޮޑުކަމަށާއި، ދުނިޔޭގެ ގިނަ ޤައުމުތަކުގައި އަންހެން ނަރުހުންނެކޭ ގާތްގަނޑަކަށް އެއް މިންވަރަކަށް ފިރިހެން ނަރުހުން ވެސް މަސައްކަތްކުރަމުންދާކަމަށް ފާހަގަކޮށްފައިވެއެވެ.

އެ ބަޔާން ނިންމާލުމުގެ ކުރިން އައިޖީއެމްއެޗްއިން ބުނެފައި ވަނީ، އެ ހޮސްޕިޓަލްގެ ހުރިހާ ނަރުހުންނަކީ ވެސް ޤާބިލް ނަރުހުންކަމަށާއި، އަދި އެ ނަރުހުންގެ ޚިދުމަތަށް ޝުކުރު އަދާކުރައްވާފައިވެއެވެ.

މި ލިޔުން ކިޔާލުމުން

Ads by MSS