ޚަބަރު
ޒަކާތު ފަންޑުން ރާއްޖެއާއި ރާއްޖޭއިން ބޭރުން މަތީ ތަޢުލީމު ހާސިލްކުރުމަށް ދޭ ސްކޮލަރޝިޕަށް ހުށައެޅުމުގެ މުއްދަތު އިތުރުކޮށްފި

ޒަކާތު ފަންޑުން މަތީތަޢުލީމު ހާސިލްކުރުމަށް ސްކޮލާޝިޕް ހުށައެޅުމުގެ މުއްދަތު އިތުރުކޮށްފި. ފޮޓޯ: ޒަކާތު ހައުސް
ޒަކާތު ފަންޑުން ރާއްޖެއާއި ރާއްޖެއިން ބޭރުން މަތީ ތަޢުލީމު ހާސިލްކުރުމަށް ދޭ ސްކޮލަރޝިޕް އަދި ޚާއްސަ ސްކޮލަރޝިޕަށް ހުށަހެޅުމުގެ މުއްދަތު އިތުރުކޮށްފިއެވެ.
ޒަކާތު ހައުސްއިން ނެރެފައިވާ އިޢުލާނެއްގައި ބުނެފައިވަނީ ދިވެހިރާއްޖޭގެ ޒަކާތު ހައުސްއިން 15 އޭޕްރިލް 2025 ގައި ކުރެވިފައިވާ "ޒަކާތު ފަންޑުން ރާއްޖެއާއި ރާއްޖޭއިން ބޭރުން އިސްލާމީ ދާއިރާތަކުން މަތީ ތަޢުލީމު ހާސިލްކުރުމަށް ދޭ ސްކޮލަރޝިޕް އަދި ޚާއްސަ ސްކޮލަރޝިޕްގެ ފުރުސަތު" މި އިޢުލާނާ ގުޅިގެން ފޯމް ހުށަހެޅުމުގެ މުއްދަތު 29 މޭ 2025 ގެ 14:00 ގެ ނިޔަލަށް ވަނީ އިތުރުކުރެވިފައިވާ ކަމަށެވެ.
ކުރިން ކުރެވިފައިވާ އިޢުލާނުގައިވާ "މަތީ ތަޢުލީމު ހާސިލްކުރުމަށް ދޭ ސްކޮލަރޝިޕްގެ އެޕްލިކޭޝަން ފޯމު"ގެ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމް.ކިޔު.އޭ) ގެ ފަރާތުން ތައްގަނޑު ޖެހުމަށް ހިމަނާފައިވާ ބައިގައި، އެ އޮތޯރިޓީގެ ތައްގަނޑު ޖަހަން ނުޖެހޭނެ ކަމަށްވެސް ޒަކާތު ހައުސްއިން ބުނެއެވެ.
އަދި ތައްގަނޑު ޖެހުމުގެ ބަދަލުގައި، އެ އޮތޯރިޓީގެ “Application Form for Recognition of the Intended Program” މި ފޯމް ފުރިހަމަ ކުރުމަށްފަހު، އެ އޮތޯރިޓީއަށް ހުށަހެޅުމުން ލިބޭ ޖަވާބާއިއެކު، މަތީ ތަޢުލީމު ހާސިލްކުރުމަށް ދޭ ސްކޮލަރޝިޕްގެ އެޕްލިކޭޝަން ފޯމު އަދި މަތީ ތަޢުލީމު ހާސިލްކުރުމަށްދޭ ޚާއްސަ ސްކޮލަރޝިޕްގެ ފޯމް ހުށަހެޅޭނެެ ކަމަށްވެސް ޒަކާތު ހައުސްއިން ބުނެފައިވެއެވެ.
ރާއްޖެއާއި ރާއްޖެއިން ބޭރުން މަތީ ތަޢުލީމު ހާސިލްކުރުމަށް ޒަކާތު ފަންޑުން ހުޅުވާލާފައިވަނީ 50 ސްކޮލަރޝިޕް ފުރުޞަތެވެ. މީގެ ތެރެއިން 20 ފުރުޞަތު ރާއްޖޭގައި ކިޔެވުމަށް ހުޅުވާލާފައިވާއިރު، އަނެއް 30 ފުރުޞަތު ހުޅުވާލާފައިވަނީ ރާއްޖެއިން ބޭރުގައި ކިޔެވުމަށެވެ.
އެއީ މެލޭޝިއާ، ބުރުނާއީ ސައުދީ އަރަބިއްޔާ، މިސްރުގެ އިތުރުން ސާކް ޤައުމުތަކުގައި ކިޔެވުމަށެވެ. އެގޮތުން މެލޭޝިއާ އާއި ބުރުނާއީގައި ކިޔެވުމަށް 17 ފުރުސަތު ވަނީ ހުޅުވާލާފައެވެ.