ޚަބަރު
ބްރޯޑްކޮމްގެ މެންބަރުކަމަށް މޫސާ ރިޟްވާން އައްޔަންކުރަން ރައްޔިތުންގެ މަޖިލީހުން ފާސްކުރައްވައިފި

މޫސާ ރިޟްވާން/ފޮޓޯ: ސަން އޮންލައިން
މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) ގެ މެންބަރުކަމަށް މޫސާ ރިޟްވާން އައްޔަންކުރުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރައްވައިފިއެވެ.
ބްރޯޑްކޮމް އަށް މެންބަރުން ހޯދުމަށް އިޢުލާންކުރީ ބްރޯޑްކޮމްގެ މެންބަރެއްގެ ގޮތުގައި ކުރިން ހުންނެވި މުޙައްމަދު ފަޒީން މަޤާމުން އިސްތިއުފާ ދެއްވުމާއި ގުޅިގެންނެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ، މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަންގެ މެންބަރުކަމުގެ މަޤާމަށް ކުރިމަތިލެއްވި ބޭފުޅުންގެ ތެރެއިން އެ މަނިކިފާނު އެ މަޤާމަށް އައްޔަނުކުރައްވަން ބޭނުންފުޅުވާ ތަރުތީބުން ނަންތައް ރައްޔިތުންގެ މަޖިލީހަށް ފޮނުއްވާފައެވެ. އެގޮތުން، ޖުމްލަ 10 ބޭފުޅުންގެ ނަން އެމަނިކުފާނު ފޮނުއްވާފައިވާއިރު މޫސާ ރިޟްވާން ގެ ނަން ވެސް މި ލިސްޓުގައި ހިމެނެއެވެ.
ރައީސް ފޮނުއްވާފައިވާ މި ނަންތައް މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމެޓީއިން ދިރާސާކުރުމަށްފަހު، އޭގެ ތެރެއިން %75 އަށް ވުރެ މަތިން މާކްސް ލިބިފައިވަނީ 5 ފަރާތަކަަށެވެ. އޭގެ ތެރޭގައި މޫސާ ރިޟްވާން ވެސް ހިމެނެއެވެ. ބްރޯޑްކާސްޓިންގ ކޮމިޝަންގެ މެންބަރުކަމަށް މޫސާ ރިޟްވާން އައްޔަނުކުރުމަށް ފާސްވެފައިވަނީ ވޯޓުގައި ބައިވެރިވަޑައިގެންނެވި 70 މެންބަރުންގެ ވޯޓާއެކުއެވެ.
މޫސާ ރިޟްވާނަކީ، ޓީވީ މޯލްޑިވްސްގައި ގިނަ ދުވަސްތަކެއް ވަންދެން ޓީވީ އެކި ޕްރޮގްރާމްތައް ޕްރެޒެންޓްކޮށްދެއްވާފައިވާ، އަދި މިހާރުވެސް އެކަން ކުރައްވަމުން އަންނަ ހުނަރުވެރި ބޭފުޅެކެވެ. މީގެ އިތުރުން، ރިޟްވާން ވަނީ ޕްރޮޑިޔުސަރެއްގެ ގޮތުގައި ވެސް މަސައްކަތް ކުރައްވާފައެވެ.