ޚަބަރު
ޖެނެރޭޝަނަލް ބޭން ގެނައުމުގެ ބިލު ފާސްކުރައްވައިފި

މަޖިލިސް އިދާރާ- ފޮޓޯ: މަޖިލިސް
2007 ވަނަ އަހަރުގެ ފަހުން އުފަންވެފައިވާ މީހުންނަށް ދުންފަތުގެ އިސްތިއުމާލުކުރުން މަނާކުރުމަށް، ދުންފަތް ކޮންޓްރޯލް ކުރުމާބެހޭ ޤާނޫނަށް ހުށައެޅި ޖެނެރޭޝަނަލް ބޭންގެ އިސްލާހު ރައްޔިތުންގެ މަޖިލީހުން ފާސްކުރައްވައިފިއެވެ.
ސަރުކާރުގެ ފަރާތުން މި އިސްލާހު ހުށަހެޅުއްވީ ކިނބިދޫ ދާއިރާގެ މެންބަރު ޢަލީ އަޝްރަޤެވެ. މި އިސްލާހުގެ މައިގަނޑު މަޤްޞަދަކީ 2007 ވަނަ އަހަރުން ފެށިގެން އުފަންވެފައިވާ އަދި އުފަންވާ ކުދިންނަށް ދުންފަތުގެ އިސްތިއުމާލުކުރުން މަނާ ކުރުމެވެ.
ބަހުސަށްފަހު، މި ބިލު މަޖިލީހުން ފާސްކޮށްފައިވަނީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 63 މެމްބަރުންގެ އަގުލަބިއްޔަތުންނެވެ. އެ ބިލު ފާސްކުރުމާ ދެކޮޅަށް އެއް މެމްބަރު ވޯޓު ދެއްވި އިރު، ވަކިކޮޅަކަށް ވޯޓު ނުދެއްވާ މެމްބަރަކު ވެސް އިންނެވި އެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވިސްނުންފުޅާ އެއްގޮތަށް ހުށަހެޅިފައިވާ މި އިސްލާހުގައި، 1 ޖެނުއަރީ 2007 އިން ފެށިގެން އުފަންވެފައިވާ އެއްވެސް މީހަކު ދުންފަތުގެ އިސްތިއުމާލުކޮށްގެން ނުވާނެކަމަށާއި، އެ އުމުރުގެ އެއްވެސް މީހަކަށް ދުންފަތުގެ ބާވަތެއް ވިއްކުމަކީވެސް މަނާކަމެއްކަމަށް ބަޔާންކޮށްފައިވެއެވެ.
މީގެ އިތުރުން، މި އިސްލާހުގައި ދުންފަތުގެ ބާވަތްތައް ވިއްކާ ފަރާތްތަކުގެ ޒިންމާތަކާއި، ދުންފަތުގެ ބާވަތްތައް ވިއްކޭނެ ގޮތްތަކާއި، އިލެކްޓްރޯނިކް ސިނގިރޭޓާއި ވޭޕްކުރުމާ ގުޅޭ މަނާކުރުންތައް ހިމެނިފައިވެއެވެ. އަދި މި ޤާނޫނާ ޚިލާފުވާ ފަރާތްތަކާމެދު އަޅާނެ ފިޔަވަޅުތަކާއި، ޤާނޫނު ތަންފީޒުކުރާނެ ގޮތްތައްވެސް ބަޔާންކޮށްފައިވެއެވެ.
މި އިސްލާހު ރައީސުލްޖުމްހޫރިއްޔާ ތަސްދީގު ކުރެއްވުމަށްފަހު ހަ މަސްދުވަހުގެ މުއްދަތެއް ލިބިގެންދާނެއެވެ. އަދި މި ބިލަށް އަމަލު ކުރަން ފަށާނީ އަންނަ ނޮވެމްބަރު މަހުގެ 1 އިން ފެށިގެންނެވެ.