ޚަބަރު
ކްލިނިކަށް ތެރަޕީއަށް ދިޔަ ކުއްޖާއަށް އަނިޔާކުރި މައްސަލާގައި ދެމީހަކު ހައްޔަރުކޮށްފި

ހުޅުމާލެ ޕޮލިސް ސްޓޭޝަން. ފޮޓޯ: ދި އެޑިޝަން
ހުޅުމާލޭގައި ހުންނަ ކްލިނިކަކަށް ތެރަޕީ ހޯދަން ދިޔަ ކުޑަ ކުއްޖަކަށް ޖިސްމާނީ އަނިޔާކުރި މައްސަލާގައި ދެމީހަކު ހައްޔަރުކޮށްފައިވާ ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެފިއެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެފައިވަނީ 5 މެއި 2025 ގައި ހުޅުމާލޭގައި ހުންނަ ކްލިނިކަކަށް ތެރެޕީ ނަގަން ދިޔަ ކުޑަކުއްޖަކަށް ޖިސްމާނީ ގޮތުން އަނިޔާވެދާނެ ގޮތަކަށް އަމަލު ކޮށްފަައިވާކަމަށް ތުހުމަތި ކުރެވޭ މައްސަލައާއި ގުޅިގެން ކޯޓު އަމުރެއްގެ ދަށުން 11 މެއި 2025 ވީ ދުވަހުގެ ރޭ 2 މީހަކު ހައްޔަރުކޮށްފަައިވާ ކަމަށެވެ.
ފުލުހުން ބުނެފައިވަނީ މިމައްސަލާގައި ހައްޔަރުކޮށްފައިވަނީ އިންޑިއާގެ ދެއަންހެނެއް ކަމަށާއި އެދެމީހުންނަކީ 24 އަހަރުގެ ރާޖޭސްވަރީ ސިވާކްރާމް އަދި 24 އަހަރުގެ އީޝާ އެންޓޮނެޓް އެވެ.
އެދެމީހުންގެ ބަންދާއި މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ދެމީހުންގެ ބަންދަށް 15 ދުވަސް ޖަހައިދީފައިވާކަމަށް ފުލުހުން ބުނެފައިވެއެވެ.
ފުލުހުން އިތުރަށް ބުނެފައިވަނީ މިމައްސަލަ ތަހުޤީޤުކުރަމުންދާކަމަށެވެ.