ޚަބަރު
އެމްއެމްއޭގެ ޑެޕިޔުޓީ ގަވަރުނަރަކަށް އަސްނާ އައްޔަނުކުުރުމަށް މަޖިލީހުން ރުހުންދީފި

އެމްއެމްއޭގެ ޑެޕިޔުޓީ ގަވަރުނަރަކަށް އައްޔަނުކުރަން ފާސްކުރި އަސްނާ
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ޑެޕިޔުޓީ ގަވަރުނަރަކަށް އާއިޝަތު އަސްނާ ހަމްދީ އައްޔަނުކުުރުމަސް ރައްޔިތުންގެ މަޖިލީހުން ރުހުންދީފިއެވެ.
އަސްނާ ޑެޕިޔުޓީ ގަވަރުނަރުކަމަށް އައްޔަނުކުރުމަށް ފާސްކުރިއިރު އޭނާ ހުންނެވީ އެ އޮތޯރިޓީގެ ފިނޭންޝަލް ސެކްޓާ ޑިވެލޮޕްމެންޓް (އެފްއެސްޑީ)ގެ ވެރިޔާގެ ގޮތުގައެވެ.
މިއަދުގެ ޖަލްސާގައި އަސްނާ އެ މަޤާމަށް އައްޔަން ކުރުމާމެދު ވޯޓަށް ވަނީ އަހާފައެވެ. ވޯޓްގައި ބައިވެރިވެވަޑައިގަތް 73 މެމްބަރުން ވަނީ އަސްނާ އެ މަޤާމަށް އައްޔަން ކުރެއްވުމަށް ފެންނަ ކަމަށް ވޯޓް ދެއްވާފައެވެ.
އެމްއެމްއޭގެ ޑެޕިއުޓީ ގަވަރުނަރުގެ މަޤާމަށް އަސްނާ އައްޔަން ކުރައްވަން ނިންމަވައި، އެ މައްސަލަ މަޖިލިހުގެ ތަޅުމަށް ހުށަހެޅީ މިދިޔަ މަހުގެ 30ގައެވެ. އެ ދުވަހުގެ ޖަލްސާގައި މި މައްސަލަ ދިރާސާކޮށް ގޮތެއް ނިންމުމަށް މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް ވަނީ ފޮނުވައިފައެވެ.
މާލިއްޔަތު ކޮމިޓީން ވަނީ އަސްނާއާ އިންޓަވިއުކޮށް އޭނާއަކީ ޤާބިލް ބޭފުޅެއް ކަމަށް ކަނޑައަޅައި، އެ މަގާމަށް އޭނާ އައްޔަން ކުރަން ފާސްކޮށްފައެވެ.
ކޮމިޓީން އެގޮތަށް ކަނޑައެޅީ ބައްދަލުވުމަށް ވަޑައިގެން ތިއްބެވި މެމްބަރުންގެ އިއްތިފާޤުންނެވެ.
ޑެޕިއުޓީ ގަވަރުނަރުގެ މަޤާމު ހުސްވީ، އެ މަޤާމުގައި ކުރިން ހުންނެވި އަހުމަދު އިމާދު މަޤާމުން އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. އިމާދު އިސްތިއުފާ ދެއްވީ އޭނާ ވަކިކުރުމުގެ މައްސަލަ ރައްޔިތުންގެ މަޖިލިހަށް ހުށަހަޅުއްވާފައި ވަނިކޮށެވެ.