ޚަބަރު
ވަޒީރުންގެ ފަސްވަނަ އަހާ ފޯރަމް މިރޭ

ހަތަރުވަަނަ ވަޒީރުންގެ އަހާ ފޯރަމްގެ ތެރެއިން. ފޮޓޯ: ރައީސް އޮފީސް
ސަރުކާރުގެ މަސައްކަތްތައް ރައްޔިތުިންނާއި ވީހާވެސް ގާތުން ޚިއްސާކުރުމަށް ބާއްވާ ވަޒީރުންގެ އަހާ ފޯރަމްގެ ފަސްވަން ފޯރަމް މިރޭ އޮންނާނެއެވެ.
ރައްޔިތުންނަށް ސުވާލުކުރެވޭ ގޮތަށް ހުޅުވާލައިގެން ބާއްވާ މިފޯރަމް އޮންނާނީ މިރޭ 21:00ގައެވެ.
ފަސްވަޒީރަކު ބައިވެރިވެވަޑައިގަންނަވާ މިފޯރަމް ދެގަޑިއިރަށް ކުރިއަށްދާނެއެވެ. މިރޭގެ ފޯރަމްގައި ބައިވެރިވެވަޑައިގަންނަވާ ވަޒީރުންނަކީ ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާން، ތަޢުލީމީ ވަޒީރު ޑރ. އިސްމާޢީލް ޝަފީޢު، މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމް، ބަންޑާރަ ނައިބު އަލްއުސްތާޛު އަޙްމަދު އުޝާމް އަދި ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވަޒީރު ޑރ. މަރްޔަމް މާރިޔާ އެެވެ.
މި ފޯރަމުގައި ބައިވެރިވެ، ވަޒީރުންނާ ކުރަން ބޭނުންވާ ސުވާލުތައް ފޮނުވުމުގެ ފުރުޞަތު މިހާރު އާންމުންނަށް ވަނީ ހުޅުވާލާފައެވެ. އެގޮތުން ފޯރަމް އޮންނަ ތަނަށް ގޮސް ސުވާލުކުރުމާއި، ޕީއެސްއެމް އެއަރ އެޕް މެދުވެރިކޮށްވެސް ވަޒީރުންނާ ސުވާލުކުރެވޭނެ ކަމަށްވެސް ޕީއެސްއެމްއިން ބުނެފައިވެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި، ޕަބްލިކް ސާރވިސް މީޑިއާ (ޕީއެސްއެމް) ގުޅިގެން ކުރިއަށްގެންދާ "އަހާ" ސިލްސިލާގެ ފުރަތަމަ ފޯރަމް ބާއްވާފައިވަނީ މިދިޔަ އަހަރުގެ ޖަނަވަރީ މަހުގެ 25 ވަނަ ދުވަހުއެވެ.