ކުޅިވަރު / ޚަބަރު
ހޭންޑްބޯޅައިގެ ކޯޗުންނާއި ރެފްރީން ތަމްރީނު ކުރުމަށް އައްޑޫގައި ކުރިޔަށް ގެންދިޔަ ޕްރޮގްރާމް ނިންމާލައިފި

ހޭންޑްބޯޅައިގެ ކޯޗުންނާއި ރެފްރީން ތަމްރީނު ކުރުމަށް އައްޑޫގައި ކުރިޔަށް ގެންދިޔަ ޕްރޮގްރާމްގެ ނިންމުމުގެ ރަސްމިއްޔާތު، ފޮޓޯ: ކުޅިވަރާއި ހަށިހެޔޮކަމާއި ބެހޭ ވުޒާރާ
ހޭންޑްބޯޅައިގެ ކޯޗުންނާއި ރެފްރީން ތަމްރީނު ކުރުމަށް އައްޑޫގައި ކުރިޔަށް ގެންދިޔަ ޕްރޮގްރާމް ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ. މި ޕްރޮގްރާމްގެ ނިންމުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ކުޅިވަރާއި ހަށިހެޔޮކަމާއި ބެހޭ ވަޒީރު އަބުދުﷲ ރާފިޢުއެވެ.
މި ޕްރޮގްރާމު ނިންމުމުގެ ރަސްމިއްޔާތުގައި ހޭންޑްބޯޅަ ކޯޗުންނާއި ރެފުރީން ތަމްރީނުކުރުމުގެ ކޯސް ނިންމި ފަރާތްތަކަށް ހަނދާނީ ލިޔުން ހަވާލުކޮށްދެއްވީ ވެސް ވަޒީރު ރާފިޢުއެވެ.
ކުޅިވަރާއި ހަށިހެޔޮކަމާއި ބެހޭ ވުޒާރާއިން އައްޑޫގައި ކުރިޔަށް ގެންދިޔަ މި ޕްރޮގްރާމްގައި ތިއަރީ އަދި ޕްރެކްޓިކަލް ސެޝަންތައް އޮތެވެ. އަދި ހޭންޑްބޯޅަ ކޯޗުންނާއި ރެފްރީންގެ އަސާސީ މިންގަނޑުތަކާއި އުސޫލުތަކާއި ރިވެތި އަހުލާގު ދެމެހެއްޓުމަށް ބައިވެރިންނަށް ތަމްރީނު ދެވިފައިވާކަމަށް ވެސް އެ ވުޒާރާއިން ހާމަކުރެއެވެ.
Minister of Sports, Fitness and Recreation Abdulla Rafiu attended the closing ceremony of the handball referees and coaching course held in Addu City. pic.twitter.com/vHz2dOWg8x
— Ministry of Sports, Fitness and Recreation (@MoSFR_mv) May 9, 2025
10 ދުވަހުގެ މުއްދަތަށް ކުރިޔަށް ގެންދިޔަ މި ޕްރޮގްރާމް އޮތީ އޭޕްރީލް 29 ން މެއި 9 ގެ ނިޔަލަށެވެ. މި ޕްރޮގްރާމުގެ ކޯޗިން ކޯސް ކުރިޔަށް ގެންދިޔައީ އިބްރާހިމް ހައިޝަމް އަބުދުﷲއެވެ. އަދި ރެފްރީ ކޯހުގައި ކިޔަވައިދެއްވީ ޝާމިން އިބްރާހިމްއެވެ.
ދެ ކޯސް ވަކިވަކިން ކުރިޔަށް ގެންދިޔަ މި ޕްރޮގްރާމުގެ ކޯޗިން ކޯސް އޮތީ އައްޑޫ ސިޓީ ފޭދޫގައެވެ. އެ ކޯސް 14 ބައިވެރިއަކު ފުރިހަމަކުރެއްވިއެވެ. އަދި ރެފްރީން ތަމްރީނު ކުރުމުގެ ކޯސް ކުރިޔަށް ގެންދިޔައީ އައްޑޫ ސިޓީ ހިތަދޫގައެވެ. އެ ކޯހުގައި 19 ފަރާތަކުން ބައިވެރިވިއެވެ.
ކުޅިވަރު ކުރިއެރުވުމަށް ސަރުކާރުން ބޮޑު އިސްކަމެއްދޭއިރު، ދެ އަހަރު ދުވަހުގެ ތެރޭގައި ހުރިހާ ރަށެއްގައި ކުޅިވަރު ވަސީލަތްތަކާއި ފިޓްނެސް ސެންޓަރުތައް އެޅުމުގެ ބިޔަ މަޝްރޫއެއް ސަރުކާރުގެ ތިން ކުންފުންޏަކާއި ހަވާލުކޮށްގެން އަންނަނީ ކުރިޔަށް ގެންދަމުންނެވެ.