ޚަބަރު
ރާއްޖެއަށް ދަތުރުކުރުމުގައި ސަމާލުވުމަށް ސިންގަޕޫރު ސަރުކާރުން އަންގާފައެއް ނުވޭ: ފޮރިން މިނިސްޓްރީ

ފޮރިން މިނިސްޓްރީ ---
ރާއްޖެއަށް ދަތުރުކުރުމުގައި ސަމާލުވުމަށް ސިންގަޕޫރު ސަރުކާރުން އެ ޤައުމުގެ ރައްޔިތުންނަށް އަންގާފައި ނުވާކަމަށް ރާއްޖޭގެ ފޮރިން މިނިސްޓްރީއިން ހާމަކޮށްފިއެވެ.
ފޮރިން މިނިސްޓްރީން މިރޭ ނެރުނު ބަޔާނެއްގައި ހާމަކޮށްފައިވާ ގޮތުން، ރާއްޖޭގެ ބައެއް މީޑިއާތަކުގައި ސިންގަޕޫރުގެ ރައްޔިތުން ދިވެހިރާއްޖެއަށް ދަތުރުކުރުމުގައި ސަމާލުވުމަށާއި، ކޮންމެހެން ކުރަންޖެހޭ ޒަރޫރީ ދަތުރެއް ނޫނީ ނުކުރުމަށް ވަނީ ރިޕޯޓުކޮށްފައެވެ. ނަމަވެސް ރާއްޖެއާ ގުޅޭގޮތުން އެފަދަ އިލްތިމާސެއް ފަހުގެ ތާރީހެއްގައި ސިންގަފޫރު ސަރުކާރުން ނެރެފައިނުވާކަން ސިންގަޕޫރު ސަރުކާރުން ކަށަވަރުކޮށްދީފައިވާކަމަށް ފޮރިން މިނިސްޓްރީން ވަނީ ހާމަކޮށްފައެވެ.
"ސޯޝަލް މީޑިއާގައި ދައުރު ކުރަމުންދާ ބަޔާނަކީ ސިންގަޕޫރު ސަރުކާރުން މި ފަހުގެ ތާރީޚެއްގައި ނެރެފައިވާ އިލްތިމާސެއް ނޫންކަން ފާހަގަކުރަމެވެ. " ފޮރިން މިނިސްޓްރީން ނެރުނު ބަޔާނުގައި ވެއެވެ.
މިފަދަ ކަންކަމަކީ ރާއްޖެއާ އެކުވެރި ގާތްގުޅުން ދަމަހައްޓަމުންދާ ޤައުމުތަކާ އޮތް ގުޅުމަށް އެކަމުގެ ނޭދެވޭ އަސަރު ފޯރާނެކަމެއްކަމަށް ވެސް ފޮރިން މިނިސްޓްރީން ހާމަކޮށްފައިވެއެވެ.
"ރާއްޖެއާ އެކުވެރި ގާތްގުޅުން ދަމަހައްޓަމުންދާ ޤައުމުތަކާގުޅޭގޮތުން ހަގީގަތާ ހިލާފު ވާހަކަތައް ފެތުރުމުން އެކަމުގެ ނޭދެވޭ އަސަރު ދިވެހި ރައްޔިތުންނަށާއި ދިވެހިރާއްޖޭގެ އިގްތިޞާދަށް ކުރުމަކީ އެކަށީގެންވާކަމެކެވެ." ފޮރިން މިނިސްޓްރީން ނެރުނު ބަޔާނުގައި ވެއެވެ.
އެހެންކަމުން ރާއްޖެއާ އެކުވެރި ޤައުމުތަކާ ގުޅުވައި ހަގީގަތާއި ޚިލާފު ވާހަކަތައް ނުފެތުރުމަށް ފޮރިން މިނިސްޓްރީން ވަނީ އިލްތިމާސްކޮށްފައެވެ.